ބޮލޯނާ އަތުން އެސްޓަން ވިލާ މޮޅުވެއްޖެ

ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބޮލޯނާ އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކާމިޔާބުކޮށްފި އެވެ.
އިޓަލީގެ ބޮލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު ބޮލޯނާ އިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ.
މި މެޗުގެ 28 ވަނަ މިނިޓުގައި ބޮލޯނާ އިން ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ބޮލޯނާގެ ލެވިސް ފާރގަސަން ފޮނުވާލި ބާރު ހަމަލާ އެސްޓަން ވިލާގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައިވަނީ ބޭރުވެފަ އެވެ.
އެސްޓަން ވިލާ އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އެޒްރީ ކޮންސާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި އޮލީ ވޮޓްކިންސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ބޮލޯނާ އިން ރަގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެމިލިއާނޯ މާޓިނޭޒް ބަލަހައްޓަމުން ދިޔަ ގޯލު ފޫއަޅުވާލެވިފައިވަނީ މެޗުގެ 90 ވަނަ މިނިޓުގައި ޖޮނަތަން ރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް މެޗުގެ އިންޖަރީ ވަގުތުގެ ކުޅުމުގައި އޮލީ ވޮޓްކިންސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
މި ނަތީޖާ އާއި ކުއާޓަރ ފައިނަލުގެ ދެވަނަ ލެގަށް އަންނަ ހަފްތާގައި އެސްޓަން ވިލާގެ ދަނޑުގައި ނިކުންނައިރު އެ ޓީމަށް ވަނީ ސެމީ ފައިނަލުގެ ފުރުސަތު ވަރަށް ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ