ނޭޕާލަށް "ސަސްޕެންޑް" ފީފާއިނީ ހަތް ދުވަހުގެ މުހުލަތެއް

ނޭޕާލްގެ ފުޓްބޯޅަ ފެޑަރޭޝަން އެ ގައުމުގެ ސަރުކާރުން ތިން މަސް ދުވަހަށް ކޮށްފައިވާ ސަސްޕެންޝަން ހަތް ދުވަގުގެ ތެރޭގައި އުވާނުލައިފިނަމަ އެ ގައުމު ސަސްޕެންޑް ކުރަން ފީފާ އާއި އޭއެފްސީން ނިންމައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އާއި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ ހަތް ދުވަހުގެ ތެރޭގައި ނޭޕާލް ނެޝަނަލް ސްޕޯޓްސް ކައުންސިލުން އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން ތިން މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ނިންމުން ނިމުމަކަށް ނުގެނެސްފިނަމަ މުއްދަތެއް ނެތް ގޮތަށް އެ ގައުމު ސަސްޕެންޑްވާނެ ކަމަށެވެ.
ފީފާގެ މި ނިންމުމާއެކު ނޭޕާލްގެ ފުޓްބޯލައިގެ ހުރިހާ ހަރަކާތެއް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. މީގެ ތެރޭގައި ގައުމީ ޓީމުތަކުގެ ހަރަކާތްތަކާއި އެ ގައުމުގެ ފުޓްބޯޅަ ލީގު ވެސް ހިމެނެ އެވެ.
ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަން އެ ގައުމުގެ ސަރުކާރުން ސަސްޕެންޑް ކުރީ ކޮންމެ ހަތަރު އަހަރަކުން ބާއްވާ ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބާ ގުޅިގެން އުފެދިފައިވާ އަރައިރުންތަކާ ހެދި އެވެ. ނޭޕާލްގެ ނެޝަނަލް ސްޕޯޓްސް ކައުންސިލުން ބުނެފައިވަނީ ސަރުކާރުން ބޭނުންވަނީ އެ ގައުމުގެ ޑިސްޓްރިކްޓްތަކުގެ މެދުގައި އިންތިހާބު ބޭއްވުމަށްފަހު އޭގެ ފަހުން ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ބޭއްވުމަށް ކަމަށެވެ. މިއީ ނޭޕާލްގައި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އިންތިހާބު ބާއްވަން ކުރަންޖެހޭ ކަމެއް ކަމަށާއި ގައުމުގައި ހުރި ގަވާއިދުތަކަށް ބޯލަނބަން އެންގުމަކީ ފީފާގެ ސަސްޕެންޝަނެއް އަންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
މި ގޮތުން ނެޝަނަލް ސްޕޯޓްސް ކައުންސިލުން ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރީ އެ ގައުމުގެ ކުޅިވަރާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދެ ވަނަ ނުކުތާގެ ދަށުގެ ދަށުންނެވެ. އަދި މި ސަސްޕެންޝަނުގެ މުއްދަތުގައި ނޭޕާލުން ފުޓްބޯޅަ އެސޯސިއޭޝަނުން ރާވާ ހިންގާ އެއްވެސް ހަރަކާތަކަށް އެއްބާރުލުން ނުދޭނެ އެވެ.
މިކަމާ ގުޅިގެން ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ނެޝަނަލް ސްޕޯޓްސް ކައުންސިލަށް ފާޑުކިޔައިފަ އެވެ. ބުނެފައިވަނީ ތިން ވަނަ ފަރާތަކުން ފުޓްބޯޅައިގެ ކަންކަމަށް ބާރު ނުފޯރުވަން ފީފާއިން އަބަދުވެސް އަންގާ ކަމަށާއި ސަސްޕެންޝަނެއް އަތުވެއްޖެނަމަ އެކަމުގެ ޒިންމާ އެސޯސިއޭޝަނުން ނަގަން ނުޖެހޭނެ ކަމަށެވެ.
ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން 21 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރުގެ ރައީސް ޕަންޖާކް ބިކްރަމް ބޭނުންފުޅުވަނީ މި އިންތިހާބު ހަތަރު އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ބޭއްވުމަށެވެ. މި ގޮތުން މިދިޔަ މަހު ބާއްވަން އުޅުނު އިންތިހާބަށް ނެޝަނަލް ސްޕޯޓްސް ކައުންސިލް ވަނީ ހުރަސް އަޅާފަ އެވެ. މިކަމާ ގުޅިގެން ބިކްރަމް ވިދާޅުވީ މިއީ ބާރުވެރިކަމުގައި ހުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި މިއީ އާ ޒިންމާތަކަކާއި އާ ހިޔާލުތަކަކާއެކު އައު ދައުރެއް ފަށައިގަތުމަށް ފުރުސަތު ދިނުމަށް ކުރާ ކަމެއް ކަމަށެވެ.
ނަމަވެސް މީގެ ތިން ދުވަސް ކުރިން ނޭޕާލްގެ ޑިޕާޓްމަންޓް އޮފް ރެވެނިއު އިންވެސްޓިގޭޝަން އިން ވަނީ ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ