ފިލްމު 'ބޫތު ބަންގްލާ'ގެ ޓްރެއިލާ ނެރުނު އިވެންޓަށް އަކްޝޭ ކުމާރު ލައިގެން ހުރި ހެދުން މީހުން ސިއްސުވާލައިފި

ބޮލީވުޑް ފިލްމު 'ބޫތު ބަންގްލާ'ގެ ޓްރެއިލާ މިދިޔަ ހޯމަ ދުވަހު މުމްބާއީގައި ދައްކާލި ހަފްލާގައި، އެ ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނޭ އަކްޝޭ ކުމާރު، ތަބޫ، ވަމިކާ ގަބީ، ރާޖްޕާލް ޔާދަވް އަދި ޕަރޭޝް ރާވަލް ބައިވެރިވި އެވެ. އެކަމަކު ޓްރެއިލާ ލޯންޗު ކުރި ކުލަގަދަ އިވެންޓަށް ވުރެން ބޮޑު ސަމާލުކަމެއް ލިބުނީ އަކްޝޭގެ އާދަޔާހިލާފު ހެދުމަށެވެ. 
އަކްޝޭ ނުވަތަ ބޮލީވުޑްގެ "ކިލާޅީ" އޭނާގެ ކުރިއަށް އޮތް ބިރުވެރި ކޮމެޑީ ފިލްމު 'ބޫތު ބަންގްލާ'ގެ ޓްރެއިލާ ނެރުނު އިވެންޓަށް ލައިގެން ހުރީ އިރައިގެންގޮސްފައިވާ ނޫ ކުލައިގެ ގަމީހަކާއި ބްލޭޒަރަކާއި ކަޅު ކުލައިގެ ފަޓުލޫނެކެވެ. މި ތަފާތު ހެދުމާ އެކު އޭނާ ހުރީ ރަތާއި ރީނދޫ ކުލައިގެ ދެ ޓައި އަޅައިގެންނެވެ. 
ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓަކަށް ފަރުމާކޮށްފައިވާ މި ހެދުމުގެ ފަހަތުގައިވާ ޑިޒައިނަރެއް ނުވަތަ ސްޓައިލިސްޓެއްގެ ވާހަކަ އެއްވެސް ހަބަރެއްގައި ޖަހައިފައެއް ނެތެވެ. އެކަމަކު އަކްޝޭ ބުނިގޮތުގައި އޭނާގެ މި 'ލުކް' އަކީ "ޖިންނީން"ގެ ސަބަބުން ވީ ގޮތެކެވެ.
ހަގީގަތުގައި، އަކްޝޭގެ މި 'ފެޝަން ސްޓޭޓްމަންޓް' ވަނީ ފިލްމުގެ ބިރުވެރި ކޮމެޑީ ތީމްއާ ގުޅުވާލައިފަ އެވެ. އެއީ ފިލްމު ޕްރޮމޯޓު ކުރުމަށް ބޭނުންކުރި އުކުޅުތަކުގެ ތެރެއިން އެއް ކަމެވެ. އަކްޝޭގެ ހެދުމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މަލާމާތް ކޮށްފައި ވެ އެވެ. ބައެއް މީހުން ބުނީ އެހާ އާދަޔާހިލާފު ހެދުމެއް ލުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަނެއް ބައި މީހުން "ބިކާރީ ކުމާރު"އޭ ކިޔައި، މީދަލެއް އޭނާގެ ހެދުން ކާލީއޭ ވެސް ބުނެފައިވެ އެވެ. އެކްޓްރެސް އުރްފީ ޖާވިދުއާ ވާދަ ކުރަން އުޅޭ ކަހަލައޭ ވެސް ބުނެފައި ވެ އެވެ.
މީގެ ކުރިން ފިލްމުގެ ތީމްއާ ގުޅުވައިގެން އަކްޝޭ ހެދުން ލާފައެއް ނެތެވެ. އަދި މިއީ ވަރަށް އާ ކަމެއްގެ ގޮތުގައި އިންޑިއާގެ މީހުންނަށް ފެނުން އެކަށީގެންވެ އެވެ. ބޮލީވުޑަށް ވަކިން ހާއްސަކޮށް މިއީ އަދިވެސް ވަރަށް އާ ކަމެކެވެ. އެކަމަކު ހޮލީވުޑްގައި އެކްޓަރުން އާއްމުކޮށް އެ މީހުން ފިލްމެއްގައި ފެންނަ ކެރެކްޓަރަކާ އެއްގޮތަށް ޕްރެމިއާ އިވެންޓުތަކަށް ހެދުން ސްޓައިލުކޮށް އުޅެ އެވެ.
ސްޓައިލިސްޓެއްގެ ނަޒަރުން ބަލައިފި ނަމަ، އަކްޝޭގެ ހެދުން މިއަށްވުރެން ރަނގަޅު ކޮށްލެވިދާނެ އެވެ. އެއީ ތީމްއާ ގުޅުވާލައިގެން ވެސް އޭނާގެ ޝަހުސިއްޔަތާ ގުޅޭ ގޮތަކަށް، ރަނގަޅަށް ސްޓައިލު ކޮށްލެވިދާނެ އެވެ. ނަމަވެސް، އަކްޝޭގެ މި ހެދުމަށް އަމާޒުވި އެކި ވައްތަރުގެ ކޮމެންޓަރީ އަކީ އޭނާގެ މި ފިލްމަށް ލިބޭ އިތުރު، ހިލޭ ޕްރޮމޯޝަނެއްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.  
ފިލްމު 'ބޫތު ބަންގްލާ' އިން އަކްޝޭ އާއި ޑައިރެކްޓަރު ޕްރިޔާދަރްޝަންގެ ކޮމެޑީ މަސައްކަތްތަކުގެ ރަން ޒަމާނުގެ ހަނދާންތައް ގެނެސްދެ އެވެ. މިއީ އެ ދެ މީހުން 15 އަހަރަށް ފަހު އަލުން އެކުގައި މަސައްކަތް ކުރާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި އަކްޝޭ އާއި އޭކްތާ ކަޕޫރު އަދި ޝޯބާ ކަޕޫރު ހިމެނެ އެވެ.
'ބޫތު ބަންގްލާ' ސިނަމާތަކުގައި ދައްކަން ފަށާނީ މި މަހުގެ 16ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ