އެމެރިކާ އާއި އިޒްރޭލުން ގާތްގަނޑަކަށް ދެ ހަފުތާ ވަންދެން ވަރުގަދަ ހަމަލާތަކެއް ދީފައިވީ ނަމަވެސް، އީރާނުގެ ލީޑަޝިޕް އޮތީ ވަރުގަދަކޮށް ކޮންޓްރޯލްގެ ދަށުގައި ކަމަށާއި ސަރުކާރު ވެއްޓުމުގެ ވަގުތީ ބިރެއް ނެތް ކަމަށް، އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކާ ހަވާލާދީ ރިޕޯޓުތައް ބުނެފި އެވެ.
އެއް މަސްދަރަކުން ބުނި ގޮތުގައި، ގިނަ އަދަދެއްގެ އިންޓެލިޖެންސް ރިޕޯޓުތަކުން ލިބޭ މައުލޫމާތުތަކުން ދައްކަނީ އީރާނުގެ ނިޒާމަށް ނުރައްކަލެއް ނެތް ކަމަށާއި އީރާނުގެ ރައްޔިތުންގެ މައްޗަށް އޮތް ކޮންޓްރޯލް އެގޮތުގައި ދަމަހައްޓަމުންދާ ކަމަށެވެ.
މި ރިޕޯޓު އައިސްފައިވަނީ ތެލުގެ އަގު އުފުލުމާއި ދުނިޔޭގެ އިގްތިސާދީ ކަންބޮޑުވުންތަކާ ގުޅިގެން، މި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިމަތިވަމުންދާ ފިއްތުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، 2003 ވަނަ އަހަރަށް ފަހު އެމެރިކާއިން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން މާ ލަސްތަކެއް ނުވެ ނިންމާލެވިދާނެ ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފަ އެވެ.
މި ހަނގުރާމަ ފެށުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ނިއުކްލިއާ މަރުކަޒުތަކަށާއި އިސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކުންނެވެ. މި ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީ އާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ އިސް ކޮމާންޑަރުންތަކެއް ވަނީ އަވަހާރަވެފަ އެވެ.
މި ގެއްލުންތަކާ އެކު ވެސް، އީރާނުގެ ވެރިކަމުގެ އޮނިގަނޑު އޮތީ ބަދަހިކޮށް ކަމަށް އިންޓެލިޖެންސް ރިޕޯޓުތަކުން ދައްކަ އެވެ. އީރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ދާދި ފަހުން ވަނީ ހާމަނާއީގެ ދަރިކަލުން މުޖްތަބާ ހާމަނާއީ، އެ ގައުމުގެ އާ ރޫހާނީ ލީޑަރަކަށް އައްޔަންކޮށްފަ އެވެ.
އިޒްރޭލުގެ އޮފިޝަލުން ވެސް ވަނީ މި އަސްކަރީ ކެމްޕޭނުގެ ސަބަބުން އީރާނުގެ ސަރުކާރު ވެއްޓިދާނެތޯ އޮތް ސުވާލާ މެދު އަމިއްލަ މަޝްވަރާތަކުގައި ޝައްކު އުފައްދާފަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، އީރާނުގެ ލީޑަޝިޕް ބަދަލުކުރުމަށްޓަކައި އެއްގަމު މަގުން ހަމަލާދޭން ޖެހިދާނެ އެވެ. އެއީ އެ ގައުމުގެ އެތެރޭގެ މުޒާހަރާތަކަށް ބާރު ލިބުމުގެ ފުރުސަތު އޮތް ކަމެކެވެ. ޓްރަމްޕްގެ ސަރުކާރުން އީރާނަށް އެމެރިކާގެ ސިފައިން ފޮނުވުމުގެ ފުރުސަތު އަދި މުޅިން ބަންދެއް ނުކުރެ އެވެ.
މީގެ އިތުރުން، އީރާނުގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ސަރުކާރާ ދެކޮޅަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވުމުގެ ގާބިލުކަން ހުރި ކަމާ މެދު ވެސް އެމެރިކާގެ އިންޓެލިޖެންސުން ވަނީ ޝައްކު އުފައްދާފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، އެ ޖަމާއަތްތަކުގެ އަތުގައި އީރާނުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ދެމެހެއްޓެނިވި ހަނގުރާމައެއް ކުރުމަށް ބޭނުންވާ ހަތިޔާރާއި އިންސާނީ ވަސީލަތެއް ނެތެވެ.
އެމެރިކާގެ އިންޓެލިޖެންސްއިން ގަބޫލުކުރަނީ އީރާނުގެ ސަރުކާރު ނުވެއްޓޭނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ