އިކޮނޮމިކް މިނިސްޓްރީގައި 40 ސިޔާސީ މުވައްޒަފުން!

އިކޮނޮމިކް މިނިސްޓްރީގައި ވެސް 40 ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަކަން ހާމަވެއްޖެއެވެ. ސަރުކާރުގެ އެކި މުއައްސަސާތަކުގައި ސިޔާސީ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެ، މަސައްކަތްނުކޮށް މުސާރަ ނަގާކަމަށް ބުނެ ކަންބޮޑުވުންތައް އަންނަނީ އާންމުންގެ މެދުގައި ފާޅުކުރަމުންނެވެ. މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ތެރެއިން ހޯދައި، "ސަން"އަށް ލިބުނު މައުލޫމާތަށް ބަލާއިރު އިކޮނޮމިކް މިނިސްޓްރީގައި މިނިސްޓަރުގެ މަގާމު ހިމެނޭހެން ޖުމްލަ 40 ސިޔާސީ މުވައްޒަފުން އެބަތިއްބެވެ. އެ މަގާމުތައް ބެހިފައިވާ ގޮތަކީ: މިނިސްޓަރު: 1 ސްޓޭޓް މިނިސްޓަރު: 8. (ރައީސް އޮފީސް ސައިޓުގައި ފެންނަން އޮތީ ހަތަރު ބޭފުޅުން އެކަނި. ބާކީ ހަތަރު ބޭފުޅުންގެ މައުލޫމާތު ސައިޓުގައި ނެތް) ޑެޕިއުޓީ މިނިސްޓަރު: 10 (ރައީސް އޮފީސް ސައިޓުގައި ފެންނަން އޮތީ ފަސް ބޭފުޅުން އެކަނި. ބާކީ ފަސް ބޭފުޅުންގެ މައުލޫމާތު ސައިޓުގައި ނެތް) ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު: 9 ޕޮލިޓިކަލް ޑިރެކްޓަރު: 10 އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރު: 1 ރަޖިސްޓްރާ އޮފް ކޮމްޕެނީޒް: 1 މި އަހަރުގެ ބަޖެޓުގައި އިކޮނޮމިކް މިނިސްޓްރީއަށް ޖުމްލަ 177 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު މި މަހުގެ ދެވަަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 16.7 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ސިޔާސީ މުވައްޒަފުން އެންމެ ގިނައީ ސްޕޯޓްސް މިނިސްޓްރީގައެވެ. އެ މިނިސްޓްރީގައި 300އަށްވުރެ ގިނަ ސިޔާސީ ވަޒީފާގައި މީހުން އެބަތިއްބެވެ. ވުޒާރާތަކުގައި ވެސް ސިޔާސީ މަގާމުތައް އެތައް ސަތޭކައިން ހުރިއިރު، ކުންފުނިތަކުން ވެސް، ތަޖުރިބާއެއް ނެތް މީހުންނަށް ސިޔާސީ ވަޒީފާތައް ބޮޑެތި މުސާރާގައި ދީފައިހުރި މައްސަލައަށް އާންމު ރައްޔިތުންގެ ނުރުހުން އަންނަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ. މި ސަރުކާރުން ބުނަނީ ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ 700ގައި ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން އެކަން ގަބޫލުނުކުރާއިރު، އެޕާޓީން ތުހުމަތުކުރަނީ އެ އަދަދު 2،000އާ ގާތްކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ