އަލިފާނުގައި ލިބުނު ގެއްލުންތައް ބަލަން މަސްވެރިކަމާ ބެހޭ ވުޒާރާގެ ޓީމެއް ފީއަލީގައި

ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި އެރަށުގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އެރަށަށް ޒިޔާރަތްކޮށްފިއެވެ.
ބުރާސްފަތި ދުވަހު ފ. އަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނު އިރު ތެޔޮ ބޯޓުގެ އިތުރުން 3 ދޯންޏަކާއި އެ ރަށު އައިސް ޕްލާންޓުގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. މި އަލިފާނުގެ ސަބަބުން މަސްވެރިކަމުގެ ވަސީލަތްތަކަށް ލިބުނު ގެއްލުންތައް ވަޒަންކޮށް ސަރުކާރުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ޚާއްސަ ޓީމެއް މިހާރު ވަނީ އެރަށަށް ގޮސްފައެވެ.
ފ. އަލީ އަލިފާނުގެ ހާދިސާގައި އަނދާފައިވާ އައިސްްޕްލާންޓަކީ 25 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓެކެވެ. މިފްކޯއިން ވިދާޅުވީ އަލިފާން ރޯވި ތެޔޮ ބޯޓާއި ފީއަލީ އައިސްޕްލާންޓާއި ދެމެދު ހުރީ އެންމެ 15 ވަރަކަށް ފޫޓު ކަމަށެވެ. މި އައިސް ޕްލާންޓު މިދިޔަ އަހަރު ޖޫން މަހު ފެނަކައިން މިފްކޯއާ ހަވާލުކުރުމުން އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސްފައިވަނީ މިދިޔަ އަހަރު ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
މި ހާދިސާއާއި ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ފީއަލި އަލިފާނުގެ ހާދިސާގައި ފާނަ މަސްވެރިކަންކުރާ ދެ ދޯންޏަކާއި އައިސްޕްލާންޓުގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު ބައެއް އެހެން އުޅަންދުތަކަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ސަބަބުން، ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރައިން ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ފީއަލީ ބަނދަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަނީ ވަރަށް ބޮޑަށް ފިހިގެން ފަރުވާދޭން ފަށާފައެވެ. އެދުވަހުގެ ހެނދުނު 09:30 ހާއިރު ރޯވި އަލިފާން ނިއްވާލެވުނީ އެދުވަހު 13:50 ހާއިރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ