ފީއަލީ އައިސް ޕްލާންޓު އަނދައި މަސްވެރި ވިޔަފާރިތަކަށް ދަތިތަކެއް

ފ. ފީއަލީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެ ރަށު އައިސް ޕްލާންޓު އަނދައިގެން ދިއުމުގެ ސަބަބުން އެ ރަށާއި އެ ސަރަހައްދުގެ މަސްވެރިންނާއި މަސްވެރި ވިޔަފާރި ކުރާ މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ފީއަލީ ކައުންސިލުގެ ރައީސް މޫސާ އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފީއަލި އަލިފާނުގެ ހާދިސާގައި އެ ރަށު ޕެޓްރޯލްޝެޑާއި އައިސް ޕްލާންޓު އަދި ބަނދަރުގައި އޮތް ފަސް އުޅަނދެއްގައި ރޯވި އެވެ. އެ ހާދިސާގައި ފިހުނު ބިދޭސީ މީހާއަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.
ތަފްސީލް - ފީއަލީ އަލިފާނުގެ ހާދިސާގައި 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް ކައުންސިލްގެ ރައީސް ލަފާކުރައްވަ އެވެ.
މީގެ އިތުރުުން، އެ ސަރަހައްދުގެ މަސްވެރިންނާއި މަސްވެރިކަމުގެ ވިޔަފާރިކުރާ މީހުންނަށް ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"20 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރެވޭ. އަދި ބަނދަރުގެ ހުރަސްތޮއްޓަށް ލިބުނު ގެއްލުމެއް ބަލާ ނަމަ އެއަށް ވުރެ ވެސް ގެއްލުން ބޮޑުވާނެ،" މޫސާ އަހުމަދު ވިދާޅުވި އެވެ.
"މިރަށުގެ އައިސްޕްލާންޓަކީ މި ސަރަހައްދުގައި އެންމެ ރަނގަޅަށް އައިސް ލިބޭ ޕްލާންޓު. އެތަން އެއްކޮށް އަނދައި ދިޔައީމާ މި ރަށާއި މި ސަރަހައްދުގެ މަސްވެރިންނަށް ވެސް ދަތިވާނެ. މަސްގަނެގެން ވިއްކާ މީހުން ވެސް އައިސް ޕްލާންޓުން މަސްގަނެގެން ބޭނުންކުރޭ. އެ ހުރިހާ މަސައްކަތެއް ކުރާ މީހުންނަށް ވެސް ލިބުނު ގެއްލުމެއް މިއީ."
މޫސާ އަހުމަދު ވިދާޅުވީ، އައިސް ޕްލާންޓު އަނދައި މަސްދޯނިތަކަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު ސާފުކުރުމަށް ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯގެ ޓީމަކުން ހުކުރު ދުވަހު ރަށަށް ޒިޔާރަތްކޮށް ކައުންސިލާ ބައްދަލު ކުރި ކަމަށެވެ.
"އަޅުގަނޑުމެން ރިކުއެސްޓު ކުރިން، އެކަމަށް އަވަސް ހައްލެއް ގެނެސްދިނުމަށް. އެ ބޭފުޅުން ވެސް ވިދާޅުވި ވީހާ ވެސް އަވަހަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާ ހިނގައި ދިޔައީ ޕެޓްރޯލް ޝެޑަށް ތެޔޮ އެޅުމުގެ ތެރޭގަ އެވެ. އެ ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ