ގުޅުންތަކުގައި އިތުބާރު ދެމެހެއްޓުމަށް މިކަންތަކަށް އިސްކަން ދެވިދާނެ!

ކޮންމެ މީހަކު ދުނިޔެއަށް އަންނަ އިރުވެސް އަންނަނީ އެތައް ގުޅުންތަކާއި އެކުގައެވެ. އެއަށް ފަހު ދިރިއުޅުމުގެ ތެރެއިންވެސް އެތައް ބަޔަކާއި ދިމާވެ އެކި ކަހަލަ އިހުސާސް ތަކުގެ ގުޅުން ބަދަހިވެއެވެ.
ކޮންމެ ގުޅުމެއް ކަމުގައި ވިޔަސް އެ ގުޅުމަކުން ކޮންމެ މީހަކު އެއްމެ ބޮޑަށް ކުރާ އެއް އުއްމީދަކީ އެކަކު އަނެކަކަށް އިތުބާރު ކުރުމެވެ. އިތުބާރު ނެތް ގުޅުމެއް މާގިނަ ދުވަހަކު ދެމި ނުހުންނާނެ ކަމަށް ގިނަ މީހުން ދެއެވެ.
އެކަކު އަނެކަމަށް އެކުރާ އިތުބާރު ބިނާ ކުރެވެނީ އެތައް ދުވަހެއް އެކުގައި އުޅެ އެކަކުގެ މިޖާރު އަނެކަކަށް ދަސްވެގެންނެވެ. އިތުބާރު ހޯދުމަށް ކިތަންމެ ބުރަ މަސައްކަތް ކުރަން ޖެހުނު ކަމުގައި ވިޔަސް އިތުބާރު ގެއްލުމަށް ނަގަނީ އެންމެ ހިނދުކޮޅެކެވެ. ދެމަފިރިންގެ ގުޅުން ކަމުގައި ވިޔަސް ނުވަތަ ރައްޓެހި ކަމުގެ ގުޅުން ކަމުގައި ވިޔަސް އެކަކު އަނެކަކަށް އެއޮންނަ އިތުބާރު ގެއްލޭ ވަގުތުން ފެށިގެން އެ ގުޅުމުގެ ރީތިކަމާއި، އެގުޅުމުގެ އިހުސާސް އެއްކޮށް ބަދަލުވެގެން ދެއެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރި ކަމުގައި ވިޔަސް ކުރިން ކުރެވުނު އިތުބާރު ދެން އެމީހަކަށް ކުރަން އުނދަގޫވާނެއެވެ.
ރައްޓެހި ކަމުގެ ގުޅުން ކަމުގައި ވިޔަސް އަދި ދެމަފިރިންގެ ގުޅުން ކަމުގައި ވިޔަސް އެ ގުޅުމަކަށް އޮންނަ އިތުބާރު ދަމަހައްޓާ ވަރުގަދަ ކުރުމަށް ތިރީގައި މި ފާހަގަކޮށްލާ ކަންތައްތަކަށް އިސްކަންދެވިދާނެއެވެ.
އެކަކު އަނެކަމަށް ތެދުވެރިވާށެވެ.
ކޮންމެ ހާލެއްގައިވެސް އެކަކު އަނެކަމަށް ތެދުވެރިވެ ހަގީގަތާއި އެއްގޮތަށް ވާހަކަ ދެއްކުމަކީ ދިރިއުޅުމުގައި އުފެދޭ އެކި ގުޅުންތަކުގެ އިތުބާރު ދެމެހެއްޓުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަންތަކެވެ.
ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ ވެސް ހިތްހަމަ ނުޖެހޭފަދަ ކަމެއް އެކަކު އަނެކަކު ކިބައިން ފެނުނު ނަމަވެސް އެކަކު އަނެކަކާއި ތެދުވެރިކަމާއި އެކު ހިއްސާކުރާށެވެ. އެކަކު އަނެކަކުގެ ވާހަކަ އަޑުއެހުމަށްފަހު “ ތިވާހަކަ ގަބޫލުކުރަމޭ“ މިހެން ބުނާ އަޑު އިވުމަށްވުރެ ވަކި ލިބޭނެ ހިތްހަމަޖެހުމެއް އޮންނާނެ ހެއްޔެވެއެވެ.
ފުރަތަމަ ގޮތް ނުނިންމާ، ކަނުލާ އަޑުއަހަން އާދަކުރާށެވެ.
ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމަކީ އުފާވެރި ގުޅުމެއްގެ ބިންގަލޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައެއް މީހުން އެކަކު އަނެކާއި ވާހަކަ ދައްކާއިރު ކުރިމަތީގައި އިންނަ މީހާ ދައްކާ ވާހަކަ އަޑު އަހާ ނުމިމެނީސް އެއަށް ގޮތް ނިންމާލެވެއެވެ. ނޫނީ ވާހަކަ މެދުކަނޑާލާ އެހެން ވާހަކައެއް ފަށާ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ދައްކަނީ ވެސް މަދުފަހަރަކު ނޫނެވެ. މީގެ ސަބަބުން ކުރިމަތީގައި އިންނަ މީހާއަށް އޭނާ އަކީ މުހިންމު މީހެއް ނޫންކަން އިހުސާސް ކުރެވޭ ފަހަރު އާދެއެވެ.
އަދި އޭނާގެ ވާހަކަ އިތުރަށް ކުރިއަށް ގެންދަން ބޭނުންވެސް ނުވާނެއެވެ. އޭގެ ބަދަލުގައި ވާހަކަ ދައްކާ މީހާގެ އަޑުއަހާ އޭނާގެ އިހުސާސްތައް ދެނެގަންނާށެވެ. އެއަށްފަހު އެކަން އޭނާއަށް އިހުސާސް ކޮށްދޭށެވެ. އޭނާގެ ވާހަކަ މެދު ތެރެއިން އޭނާގެ ވާހަކަ ހުއްޓުވާ ގޮތް ނިންމުމަކީ އެއީ  އެންމެ އެދެވޭ ގޮތެއް ނޫނެވެ.
ވައުދު ފުއްދާށެވެ.
އެމީހެއްގެ ދިރިއުޅުމުގެ ކޮންމެ ގުޅުމެއްގައި ބަނދެވިފައި ވީ މީހަކު ކަމުގައި ވިޔަސް އެމީހަކަށް ކުޑަ އަދި ބޮޑު ނަމަވެސް ވައުދެއް ވެފައިވާނަމަ އެ ވައުދު ފުއްދާށެވެ. މީގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮންނަ އިތުބާރު ދެމެހެއްޓޭނެއެވެ. އެމީހަކީ އަނެކާގެ ދިރިއުޅުމުގައި މުހިންމު މީހެއް ކަމުގެ އިހުސާސް ކުރެވޭނެއެވެ.
އަނެކާއެކުގައި ވާކަމުގެ އިހުސާސް އަބަދުވެސް ކޮށްދޭށެވެ.
ކޮންމެ ގުޅުމެއް ވިޔަސް، ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް އަޑި ގުޑަންތައް ކުރިމަތި ވާނެއެވެ. މި ފަދަ ކޮންމެ ހާލަތެއްގައިވެސް އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވުމުގައި އެހެންމީހުންނަށް ވުރެ ކުރީގައި ހުންނާށެވެ. އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ މީހާކަމުގައި ވާށެވެ. އޭގެ ސަބަބުން އެކަކު އަނެކަކާއި އެކު އޮންނަ ގުޅުން ވަރުގަދަވެ އިތުބާރު ދެމެހެއްޓުމަށް ބާރު އެޅެއެވެ.
މާފުކޮށް ، އެ ގުޅުމެއްގައި ޖެހޭ މައްސަލަތަކަށް ހައްލުހޯދާށެވެ.
އިތުބާރު ގެއްލޭނީ އެކަކު އަނެކަކަށް ދޮގު ހަދާ އޮޅުވާލުމުންނެވެ. އެފަދަ ކަމެއް ދެމީހުންގެ ތެރެއިން އެކަކަށްވެސް ކުރެވިއްޖެނަމަ އަމިއްލައަށް ކުރެވުނު ކުށްގަބޫލުކުރާށެވެ. އަދި އެކަމަށް މާފަށް އެދޭށެވެ. ދެ ވަނަ މީހާވެސް މާފު ގަބޫލުކޮށް އެމީހަކަށް މާފުކޮށް ދެވަނަ ފުރުސަތެއް ދޭވޭނެ އެއްވެސް ގޮތެއް އޮތްތޯބަލާ އެ ގުޅުމަކަށް ދެވަނަ ފުރުސަތު ދެވޭތޯ ބަލަންވާނެއެވެ. އޭގެ ސަބަބުން ދެމީހުންގެ ގުޅުން ވަރުގަދަވެ، އިތުބާރު ދެމެހެއްޓޭނެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ