ރައީސަށް އެއްބާރުލުން ދޭނެ ކައުންސިލްތަކެއް އޮތުން މުހިންމު: ގާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެއްބާރުލުން ދޭނެ ކައުންސިލްތަކެއް އޮތުން މުހިންމު ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް ޖުމްހޫރީ ޕާޓީގެ މައި އޮފީސް, މ. ކުނޫޒުގައި ބޭއްވި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއި އެ ޕާޓީން މާމިގިލީ ދާއިރާއަށް ނެރޭ ކެންޑިޑޭޓުންނާއި ގިނަަ އަދަދެއްގެ އާންމުން ބައިވެރިވި މި ޖަލްސާގައި ގާސިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ގައުމުގެ ކަންކަން ހަމަމަގަށް ގެންނަވާފައިވާ ކަަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖެ ގޯސް ހާލަތަކަށް ނުގޮސް ހިފެހެއްޓުނީ ރައީސްގެ ގާުބިލް ކަމުން ކަމަށެވެ. އެހެން ކަމުން ސަރުކާރަށް ރައްޔިތުންގެ އެއްބާރުލުމާއި ތާއީދު މުހިންމު ކަމުގައި ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ވަނީ މާމިގިލީ ދާއިރާއަށް ނޫނީ ކެންޑިޑޭޓުން ނުނެރެން ނިންމާފަ އެވެ. އަދި އެހެން ހުރިހާ ދާއިރާތަކަކުން އެ ޕާޓީގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށް ވަނީ ނިންމާފަ އެވެ. އެ ނިންމުން ގާސިމް މިރޭ ވެސް ވަނީ ތަކުރާރު ކުރައްވާފަ އެވެ.
މިރޭގެ ޖަލްސާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ --
އަދި ސަރުކާރަށް އެއްބާރުލުންދޭ ބަަޔަކު ކައުންސިލްތަކަށް ހޮވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. ގާސިމް ވިދާޅުވީ ރަށްރަށް ބޭނުންވާ ކަންކަން ކުރެވޭނީ އަދި މިހާރު ހިނގަމުންދާ ކަންކަން ވެސް މަޑުނުޖެހި ކުރިއަށްދާނީ އޭރުން ކަމަށެވެ.
މިރޭގެ ޖަލްސާގައި މާމިގިލީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ އަދި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ ވެރިޔާ ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އަކީ އެހެން ޕާޓީތަކަށް ފާޑު ކިޔުމުގެ ހައްގު އޮތް ބައެއް ނޫން ކަމަށެވެ. އެމްޑީޕީއަށް ފުރުސަތު ލިބުމުން ޑިމޮކްރަސީ ފުނޑާލީ ކަމުގައި ވިދާޅުވި އެވެ. އަދި އިދިކޮޅުގައި އޮންނަ ކޮންމެ ވަގުތަކު ގައުމުގެ އިގްތިސާދު އިނދަޖައްސާލާ ރާއްޖޭގެެ އަގު ވައްޓާލަން މަސައްކަތް ކުރާ ކަމުގައި ވިދާޅުވި އެވެ.
އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގައި ވެސް ކަންކަން ހިނގީ ފުރަތަމަ ވެރިކަމުގައި ވެސް ހިނގި ފަދަ ގޮތަކަށް ކަމަށާ އެގޮތް ރައްޔިތުން ބޭނުން ނުވާ ކަމުގައި ވިދާޅުވި އެވެ. ހާއްސަކޮށް ގާސިމް ވަނީ މިދިޔަ ސަރުކާރުން ދަރަނި ބޮޑުކުރި މިންވަރާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
އަދި ވިދާޅުވީ ވެރިކަން ބަދަލުވީއިރު ގައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެ ހާލަތު ބަދަލު ކުރީ ރައީސް މުއިއްޒު ކަމުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ