ނައިފަރުގެ ތަރައްގީގެ މަޝްރޫއުތައް ބާރަށް ގެންދަން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަން މީގެކުރިން ކުރެއްވި ޝިޔާމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ނައިފަރު ކައުންސިލަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް އެ ކެންޑިޑޭޓުންނަށް އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށްދިނުމަކީ ނައިފަރުގެ ތަރައްޤީގެ މަޝްރޫއޫތައް ބާރަށް ގެންދަން ކޮންމެހެން ވެސް މުހިއްމު ކަމެއް ކަމަށެވެ.
ނައިފަރަކީ ރާއްޖޭގައި އާބާދީ އެންމެބޮޑު އެއް ރަށް ކަމުގައިވީ ނަމަވެސް ޒަމާނުއްސުރެ ނައިފަރަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތީ އަދިވެސް ރަނގަޅު ހައްލެއް ނުލިބި ކަމަށާއި ތަރައްޤީގެ ޗާޓުން ނައިފަރުގެ ޙައްޤު މަގާމު ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް ހޯއްދައިދިނުމުގެ ޙަޤީގީ މަސައްކަތް އަދުގެ ސަރުކާރުން ރަސް ޑރ.މުޙައްމަދު މުޢިއްޒު ފައްޓާވާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެގޮތުން ފިޔަވަހިތަކަށް ނުބައްސަވާ އެއް ފިޔަވަހިން ރަށުގެ ހުރިހާ މަގުތަކެއް ހެދުމުގެ މަޝްރޫއު އާއި ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ރަށުގެ މިހާރުގެ ބިން ދެގުނަ ކުރުމާއި ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން 800 ހައުސިން ޔުނިޓު ޤާއިމުކޮށްދިނުމާއި ރަށުގައި މިހާރު އޮތް ބަނދަރުގެ ދަތި ހައްލުކުރަން މިހާރުގެ ބަނދަރުބޮޑުކޮަށް އަޕްގްރޭޑްކޮށް އިތުރު ބަނދަރެއް ހެދުމާއި، ހުރިހާ ވައްތަރެއްގެ ލެބާއި އިތުރު ކްލާސްރޫމްތަކާ ވަސީލަތް ހިމެނޭގޮތަށް ސްކޫލަށް އިމާރާތެއް އިތުރުކުރުމާ، ޒަމާނީ ވަސީލަތްތަކާއި އާ ޚިދުމަތްތަކާއެކު ޅ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުމާ، ދެ ޔުނިވާސިޓީއެއްގެ ކެމްޕަސް ނައިފަރުގައި ޤާއިމްކުރުމާ، އިސްލާމިކް ސެންޓަރެއް ބިނާކުރުމާއި ފީފާ ސްޓެންޑަޑްގެ ފުޓުބޯޅަ ސްޓޭޑިއަމެއް ޤާއިމުކުރުމާ، ގިނަ ކުޅިވަރުތަކެއް ހިމެނޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ އިތުރުން ތަރައްޤީގެ އެތައް މަޝްރޫއެއް ކުޅިވަރާއި އިޖުތިމާއީ ދާއިރާތަކުން ނައިފަރުގައި ހިންގުމަށް ރައީސް ނިންމަވާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ރައްޔިތުން އެދޭނީ މިއިން ކޮންމެ މަޝްރޫއެއް ވެސް އެކަށީގެންވާ އަވަސްމިނެއްގައި ނިންމާ އެތަންތަނުގެ ޚިދުމަތް ލިބި ރަށް ބާރަށް ތަރައްޤީވުމަށް. ނައިފަރަކީ މެދު އުތުރުގެ ތަރައްޤީގެ މައިތަނބެއް ކަމުގައިވުމަށް. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ހަލުވިމިނުގައި މިކަންކަން ކުރިއަށް ގެންގޮސް ނިންމުމުގައި ރަށު ކައުންސިލްގެ ދައުރު އިންތިހާއަށް ބޮޑު،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ތަޞައްވަރު ކުރާގޮތަށް ރަށުގެ ތަރައްޤީއާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި، އެ ނިޒާމަށް ފަރިތަ، އަހުލުވެރި ބަޔަކު ކައުންސިލްގައި ތިބުމަކީ ވެސް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އެގޮތުން ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުއާއެކު މިހާރުވެސް ކައުންސިލްގައި ތިބި ދެ މެންބަރުން ހިމެނޭހެން އިންތިޚާބުގައި ކައުންސިލްގެ މެންބަރުކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓުންނަކީ ތަޖުރިބާކާރު، ޤާބިލް، އެންމެންނާ ގުޅޭ ރަށުގެ ކުރިއެރުމާއި ތަރައްޤީގެ ރޭހުގައި ނަތީޖާ ނެރެދޭނެ ކެންޑިޑޭޓުން ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ޝިޔާމް ވަނީ ނައިފަރުގެ ތަރައްޤީއަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދެވުމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާލުން ދެއްވައި، ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްދެއްވައި، ބޮޑު ތަފާތަކުން އެބޭފުޅުން އިންތިހާބުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
މަޝްރޫއުތައް ހަލުވި ކުރަން ޕީއެންސީ ކެންޑިޑޭޓުން ހޮވަންޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ