ރިޔާސަތު ކުރިމަތީ އިހުތިޖާޖުކުރެއްވުމުން މަޢުރޫފްގެ ނަން އިއްވައި، މަޖިލީހުން ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މަޢުރޫފް ޒާކިރުގެ ނަން އިއްވައި, މަޖިލީހުން ނެރެފިއެވެ. މަޢުރޫފްގެ ނަން މިއަދު އިއްވާފައިވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހާ ފާސްކުރަން ފެންނަކަމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ނިންމިގޮތުގެ ރިޕޯޓު ހުށަހަޅައި ނިމި، ބަހުސަށް ހުޅުވާލުމުން، މަޢުރޫފް ގާނޫނުއަސާސީ ހިފައިގެން ރިޔާސަތުގެ މޭޒުކޮޅު ކުރިމަތީ އިހުތިޖާޖު ކުރައްވަން ފެއްޓެވުމުންނެވެ. މިއަދު ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، މަޖިލީހުން އަމަލުކުރަމުން ދަނީ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: -- ފޮޓޯ/ މަޖިލިސް ޢަބްދުއްރަޙީމް ވިދާޅުވީ ތަޅުމަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ނިންމާނީ މަޖިލީހުން ކަމަށެވެ. ތަކުރާރުކޮށް ނަން އިއްވެވުމަށް ފަހު، މަޢުރޫފް ވަނީ ތަޅުމުން ބޭރުކޮށްފައެވެ. އިއްޔެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފަސް މިނެޓަށް ކުރިއަށް ދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް، ބަދަލެއް ނުގެނެސް، އެ ކޮމިޓީގައި ބައިވެރިވި ޕީއެންސީގެ ހުރިހާ މެންބަރުންގެ ވޯޓުން އިސްލާހު ފާސްކޮށްފައެވެ. ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ޤާނޫނުއަސާސީއަށް މިދިޔަ ޖަނަވަރީ މަހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ. އެއާއެކު، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހެޅުއްވިއެވެ. އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވަނީ ހާމަކުރައްވާފައެވެ. ހަމައެއާއެކު މީގެ ކުރިން ސިޔާސީ ކަންކަމުގައި މާ ބޮޑަށް ޚިޔާލުފާޅުނުކުރައްވާ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން އުޅެނީ ވެރިކަން ދިފާއުކުރުމަށްޓަކައި ކަމަށާއި، އެކަމަކީ އަމިއްލަ ދަހިވެތި ކަމުގައި ޤައުމާއި ރައްޔިތުން ފުން ވަޅު ގަނޑަކަށް ވައްޓާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ