ކާރެއް ވަގަށް ނެގި މީހަކު ހަތް މަހަށް ޖަލަށްލާން ހުކުމްކޮށްފި
މާލޭގައި ކާރެއް ވަގަށް ނެގި މީހަކު ޖަލަށްލާން މިދިޔަ ހަފުތާގައި ހުކުމްކޮށްފިއެވެ. ކާރެއް ވަގަށް ނެގި މައްސަލައާ ގުޅިގެން ޖަލު ހުކުމެއް އިއްވާފައިވަނީ ށ. ޅައިމަގު، ލައިޓްރޯސް މުހައްމަދު އިރުފާންގެ މައްޗަށެވެ. އެއީ، މިދިޔަ އަހަރުގެ ނޮވެންބަރު މަހު މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ކާރެއްގެ ރިމޯޓް ވަގަށް ނަގައިގެން، ހެންވޭރު ކޮޅުގައި ޕާކުކޮށްފައި އޮތް ކާރެއް ވަގަށް ނެގި މައްސަލައިގައެވެ. މި މައްސަލައިގައި ދައުލަތުން މުހައްމަދު އިރުފާނުގެ މައްޗަށް އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއަށް އިރުފާންވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ. ޝަރިއަތުގައި އިއުތިރާފުވެ، ދައުލަތާ އެކު އިރުފާން ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު އޭނާގެ މައްޗަށް އިއްވި އަދަބުވަ ނީ ލުއިކޮށްދީފައެވެ. މި މައްސަލައިގައި އަސާސީ އަދަބެއްގެ ގޮތުން އިރުފާނަށް އޮތީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، އިއުތިރާފު އެއްބަސްވުމާ އެކު އަދަބުވަނީ ހަތް މަހާއި 15 ދުވަހަށް ލުއިކޮށްދީފައެވެ. މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާނެވެ. ހުކުމް އިއްވީ މިދިޔަ ހަފުތާގައެވެ. މާލޭގައި ވައްކަން ކުރުން އާންމުއިރު، ސައިކަލު ވަގަށް ނަގާ މައްސަލަތައް އިތުރެވެ. އެކަމަކު، ކާރު ވަގަށް ނަގާ މައްސަލަ އެހާ އާންމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ