ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު އިސްތިއުފާ ދެއްވަނީ

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އަހުމަދު މުހައްމަދުފުޅު އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ.
އަހުމަދު، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޖެނުއަރީ 21، 2020 ގައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އިންސްޕެކްޓާ އޮފް ޕްރިޒްންސްގެ މަގާމުގައެވެ. އޭނާ ވަނީ ހިއުމަން ރައިޓްްސް ކޮމިޝަންގެ ޑިރެކްޓާ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
އަހުމަދު މީޑީއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ މަގާމުން ރަސްމީކޮށް ވަކިވާނީ އަންނަ އާދިއްތަ ދުވަހު ކަމަށް ވެސް އެ މެސެޖްގައިވެއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގައި ހޭދަކުރެއްވި ތިން އަހަރާއި 10 މަހުގެ ތެރޭގައި ކަރެކްޝަންސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ދިން އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް އަހުމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި ކަރެކްޝަންސްގެ ކުރިއެރުމަށް ގާބިލްކަން ހުރި އެންމެ މަތީ މިންވަރަށް މަސައްކަތް ކުރައްވާފައި ވާނެއެވެ.
"ކަރެކްޝަނަލް ސާވިސްގެ އަމާޒުތައް ހާސިލް ކުރުމުގައި އެންމެންނާ އެކީގައި މަސައްކަތް ކުރެވުނީތީ އެކަމާ އުފާ ކުރަން. ހުރިހާ އެންމެންނަށް ވެސް މުސްތަގްބަލްގައި ކާމިޔާބީއަށް އެދެން،" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ މާދަމާގެ ވަގުތެއްގައި ހުރިހާ ޖަލުތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.
އަހުމަދު ވަނީ ޕޮލިޓިކަލް ސައިންސާއި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ