ރާއްޖޭގެ ތާރީޚާއި އިސްލާމީވަންތަކަން ރަމްޒުކޮށްދޭގޮތަށް ފުރަތަމަ ފަހަރަށް ޚާއްސަ ގައުނެއް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންކުރާގޮތަށް ހަމަޖައްސަވައިފިއެވެ.
2008 ވަނަ އަހަރު ސުޕްރީމް ކޯޓު އުފެދުމާއި ހަމައަށް މިހާތަނަށް ސުޕްރީމް ކޯޓު އަދި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ޚާއްސަ ގައުނެއް ބޭނުންކޮށްފައެއްނުވެއެވެ.
ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިހާތަނަށް ތުރުކުރައްވަމުން ގެންދެވީ ރިހި ކުލައިގެ ރޭނދާއެއް އަޅާފައިވާ ކަޅު ކުލައިގެ ގައުނެކެވެ. އަދި އުއްތަމަ ފަނޑިޔާރު ތުރުކުރައްވާ ގައުނުގައި ހުންނަނީ ރަން ކުލައިގެ ރޭނދާއެކެވެ.
ސުޕްރީމް ކޯޓުން އަލަށް ތަޢާރަފްކުރި ގައުނު ފަރުމާ ކޮށްފައިވަނީ އިސްލާމީ ތާރީޚާއި ރާއްޖޭގެ ސަޤާފަތާއި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދޭ ގޮތަށްކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ.
މި ގައުނުގެ ރޭނދާގެ ޑިޒައިން ފަރުމާކޮށްފައިވަނީ މާލޭގެ ހުކުރު މިސްކިތުގައި ހުންނަ ހިރިގަލުގެ ފަރުމާ އަސްލަކަށް ބަލައިގެންނެވެ. އަދި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށް ދިނުމަށް ތިލަފަތަކާއި 3 ތަރިއެއް ހިމެނޭ ޑިޒައިނެއްވެސް މި ރޭނދާގައި ވަނީ ހިމަނާފައެވެ.
ގައުނުގެ ޑިޒައިންގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ތުރުކުރެއްވުމަށް ހަމަޖެހިފައިވަނީ ރަން ކުލައިގެ ދެ ފަށުގެ ރޭނދާއެއް ލާފައިވާ ގައުނެކެވެ. އަދި ސުޕްރީމް ކޯޓުގެ ދެން ތިއްބެވި ފަނޑިޔާރުންގެ ގައުނުގައި ހުންނާނީ އެންމެ ރޭނދާ އެކެވެ.
ޝަރީއަތުގެ މަޖިލީހާއި ޚާއްސަ މުނާސަބަތަކުގައިވެސް އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މި ގައުނު ތުރުކުރައްވާނެކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އައު ގައުނެއް، ރަމްޒުކޮށްދެނީ ރާއްޖޭގެ ތާރީޚާއި އިސްލާމީވަންތަކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ