މެލޭޝިޔާގައި ހިފެހެއްޓުމަށްފަހު އަބްދުﷲ މުހައްމަދު ރާއްޖެ ފުރުވާލައިފި

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިޔާގެ އިމިގްރޭޝަނުގައި ހިފެހެއްޓުމަށް ފަހު މިރޭ މާލެ ފުރުވާލައިފި އެވެ.
ވީ ކިހިނެއް؟- އިދިކޮޅު ޕީޕީއެމްއާ ގުޅުން އޮންނަ ޗެނަލް-13ގެ ޕްރޮގްރާމެއްގެ ޕްރެޒެންޓަރެއްގެ ގޮތުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އަބްދުﷲ މުހައްމަދު މެލޭޝިޔާއަށް އެތެރެނުވެވޭ ގޮތަށް އެ ގައުމުގެ އިމިގްރޭޝަނުން ހިފެހެއްޓީ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު އޭނާ އެ ގައުމަށް އެތެރެނުވެވުނީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ. 
ތަފްސީލް- އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިރޭ 'ދައުރު' އަށް ބުނީ، އަބްދުﷲ ހިފެހެއްޓިކަން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އެނގުނީ އެ ގައުމުގެ ގަޑިން ރޭ ގާތްގަނޑަކަށް 9:40ގައި ކަމަށެވެ.
އެ ނިސްޓްރީން ބުނީ އެ މައުލޫމާތު ލިބުމާ އެކު ހައިކޮމިޝަނުން އޭނާއަށް ބޭނުންވާ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އެގޮތުން ހައިކޮމިޝަންގެ ކޮންސިއުލާ މުވައްޒަފެއް ވަގުތުން އެއާޕޯޓަށް ގޮސް ބޭނުންވާ ހުރިހާ ކޮންސިއުލާ ހިދުމަތްތައް ފޯރޮކޮށްދިން ކަމަށް މިނިސްޓްރީން ބުންޏެވެ.
މެލޭޝިއާގެ އިމިގްރޭޝަން އިން މިފަދަ މައްސަލަތަކުގައި އާއްމުކޮށް އާމަލުކުރާ އުސޫލަކީ އެ ގައުމަށް އެތެރެވުން މަނާކުރާ މީހެއް ނަމަ، އެ ގައުމަށް އެތެރެނުވެ އެ މީހަކު މެލޭޝިއާއަށް ދިޔުމަށް ދަތުރުކުރި އެއާލައިންގެ އެންމެ އަވަހަށް ފުރަން އޮންނަ ފްލައިޓަކުން މެލޭޝިއާ އިން ފުރުވާލުމެވެ.
ފޮރިން މިނިސްޓްރީން ބުނީ:
އަބްދުﷲ ދަތުރުކުރި އެއާލައިނުން ރާއްޖެއަށް އައުމަށް އެންމެ އަވަހަށް އޮންނަ ފްލައިޓެއް އޮންނަނީ އަންނަ ހޮނިހިރު ދުވަހު
އެކަމަކު ހައިކޮމިޝަނުގެ އެހީތެރިކަމާ އެކު މިރޭ މެލޭޝިއާއިން ރާއްޖެއަށް ދަތުރުކުރި އެހެން އެއާލައިނެއްގެ ފްލައިޓަކުން ރާއްޖެ އައުމުގެ މަގު ވަނީ ފަހިކޮށްދީފައި
އަބްދުﷲ މުހައްމަދު މިހާރު ވަނީ ރާއްޖެ އައުމަށް ފުރާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ