ތިން އަހަރެއްހާ ދުވަަސް ފަހުން، ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި ފުރަތަމަ ބޮޑު މުބާރާތް، ބެޑްމިންޓަން އެސޯސިއެޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ތަށި، ރިވައިވަލް ސްޕޯޓްސް އަށް ކުޅޭ ގައުމީ ޓީމުގެ ތަރި، ޒަޔާން ޒަކީ ހޯދިއިރު، އޭނާ މި ކާމިޔާބީ އާއިލާ އަށް ހާއްސަކޮށްފި އެވެ.
ތިން ސެޓު ކުުޅެގެން، ނިބާލް އަހުމަދު އަތުން މޮޅުވެ، ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ޒަޔާނަށް މިކްސް ޑަބަލްސް އާއި ފިރިހެން ޑަބަލްސް އިން ލިބުނީ ރިހި މެޑަލް އެވެ.
މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ޒަޔާން ބުނީ، އެސޯސިއޭޝަން ޗެމްޕިއަންޝިޕް ދެކެނީ ވަރަށް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ކަމަށެެވެ. ޖުމްލަކޮށް ބަލާއިރު، މި މުބާރާތުގައި ލިބުނު ކާމިޔާބީއާ އެކު ލިބެނީ އުފަލެއްކަން ވެސް ޒަޔާން ވަނީ ފާހަގަކޮށްފަ އެވެ. އެކަން ގުޅިފައި އޮތީ އެކި ސަބަބުތަކާ އެވެ.
މިއަދު ނިމުނު ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން، ރިވައިވަލް ސްޕޯޓްސް ކްލަަބްގެ ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ) ހޯދިއިރު، މިކްސް ޑަބަލްސް ޗެމްޕިއަންކަން، އައިމިނަތު ނަބީހާ އާއި ނިބާލް އަހުމަދު ވަނީ ހޯދައިފައި.
"އެންމެ ބޮޑު ޓާގެޓަކަށްވީ އަސްލު ސިންގަލްސްގެ މި ވަރުގެ ބޮޑު ޑްރޯއެއް އޮވެފައި، ފިޒިކަލީ އާއި މެންޓަލީ މި އާ ސިސްޓަމަށް ފައިނަލާ ހަމައަށް ފިޓްކޮށް ހުރުން ވެސް ޗެލެންޖަކަށްވި، އެއީ ސިންގަލްސް ފައިނަލް ކުޅެން ޖެހުނީ މިކްސް ޑަބަލްސްގައި 40 މިނިޓެއްހާ ދިގު މެޗެއް ކުޅެފައި. ވަރަށް ޑިމާންޑިން ދުވަހަކަށް މިވީ ވަރަށް ޕޮޒިޓިވްކޮށް މި ނަގަނީ މި ބޭނުންކުރެވޭނެ ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތްތަކުގައި،" ޒަޔާން ކިޔައިދިނެވެ.
"ލޯކަލް ޓޯނަމަަންޓްސްގައި މިހާރު ހަމައެކަނި މޯޓިވޭޝަނަކީ ހަމަ މަންމަ އަދި އާއިލާ އަށް އުފަލެއް ގެނެސްދިނުން. ޓާގެޓް ހުރީ ހަމަ ކުރިއަށް އޮތް ދެ ތިން އަހަރު އިންޝާﷲ އިންޓަނޭޝަނަލީ ގައުމަށް ރަން ވަނަތަކެއް ހޯދައިދިނުން ނޫނީ އަހަރެންގެ ހިއްސާ އޮވެގެން ހޯދައިދިނުން،"
ބެޑްމިންޓަންގެ ސެޓުތައް ކުޅޭ ސްކޯރިން ސިސްޓަމް، 15 ޕޮއިންޓަށް ބަދަލުކުރަން، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މެމްބަރުން ފާސްކުރި ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ރަސްމީކޮށް ކުޅުނު ފުރަތަަމަ މުބާރާތަކީ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕެވެ. ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ރަސްމީކޮށް، މި ގަވާއިދަށް އަމަލުކުރަން ފަށަނީ އަންނަ އަހަރު ޖެނުއަރީ ހަތަރަކުން ފެށިގެންނެވެ. އެކަމަކު، ރާއްޖޭން އޭގެ ހަތް މަސް ކުރިން މި ވަނީ އެ ގަވާއިދާ އެއްގޮތަށް މުބާރާތްތަކުގައި މަސައްކަތް ކުރަން ފަށައިފަ އެވެ.
ޒަޔާން ބުނީ، އެސޯސިއޭޝަން ޗެމްޕިއަންޝިޕަކީ 15 ޕޮއިންޓަށް ކުުޅުނު ފުރަތަމަ މުބާރާތް ކަމަށްވާއިރު، ދެކުނީ މިއީ އެ ކަމަށް ވެސް ލިބޭ ތަޖުރިބާއެއްގެ ގޮތުގައި ކަމަށެވެ.
"މި އަންނަ އަހަރުން ފެށިގެން ސްކޯރިން ސިސްޓަމާ އެއްޗެހި ބަދަލުވާތީ، ފާހަގަވީ އެއް ކަަމަކީ ފިޒިކަލީ ވެސް މެންޓަލީ ވެސް މާ ޑިމާންޑިން އޭ މި ސިސްޓަމަށް ކުޅޭއިރު، ވަރަށް ފޯކަސް، އެންޑިއުރަންސް ބޭނުންވާކަން ފާހަގަވެއްޖެ. މި މުބާރާތުގައި، ހިތްހަމަޖެހޭ ޕާފޯމަންސާ ދޭތެރޭ، އެއީ އެހާ ގިނަ ދުވަސްތަކެއް ކޮށްފައި، މާލޭގައި އަނެއްކާ ވެސް ލޯކަލް މުބާރާތެއް ކުޅެލަން ލިބުނީ، ޕާފޯމަންސާއި ރިޒަލްޓާ ދޭތެރޭ ހިތްހަމަޖެހޭ އަސްލު،" ޒަޔާން ބުންޏެވެ.
އަހަރަކަށް ފަހު އަހަރެއް ރިވައިވަލް ސްޕޯޓްސްގެ ކަންކަން ފުޅާވެ، އެ އެކަޑަމީ ތަމްސީލްކުރާ ކުޅުންތެރިންގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން، މި ފަަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި، އެކި އުމުރުފުރާގެ ކުޅުންތެރިން ރިވައިވަލް އަށް ކާމިޔާބު ހޯދައިދީފައިވެ އެވެ.
ޒަޔާން ބުނީ، ހަގީގަތުގައި ހީކުރި ވަރަށް ވުރެން ވެސް އުމުރުފުރާ ގްރޫޕްގެ ނަތީޖާތައް ފެނުނީ މާ ރަނގަޅުކޮށް ކަމަށެވެ. އެ ގޮތުން، 9 އަހަރާއި 11 އަހަރާއި 13 އަހަރުން ދަށުން ރިވައިވަލް އެކަޑަމީ ކުދިން ރަން މެޑަލް ހޯދާފައި ހުރުމާއި 23 އަހަރުން ދަށުގެ ކުޅުންތެރިންގެ ވެސް ނަތީޖާ ރަނގަޅުވުމުން އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ޒަޔާން ފާހަގަކުރި އެވެ،
މީގެ އިތުރުން، އޯޕަން ޑްރޯގެ ފަސް ފައިނަލުގައި ވެސް ރިވައިވަލް ކުޅުންތެރިން ކުޅުން ވެސް އެއީ ވެސް ކާމިޔާބެއްގެ ގޮތުގައި ފާހަގަކުރަން ޒަޔާން ބޭނުންވެ އެވެ. ދެން ޓާގެޓަކީ، ރިވައިވަލްގެ 23 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން އަދިވެސް އިތުރަށް ރަނގަޅުވެގެން، އެންމެ ކުރީގައި އުޅޭ ނިބާލް އަހުމަދު، ހަސަން ޒަޔާން އަދި ހައިޝަމް އިބްރާހިމް އަލީ ފަދަ ކުުޅުންތެރިންނާ ޗެލެންޖުކުރަން ފެށުން ކަމަށް ޒަޔާން ވަނީ ބުނެފަ އެވެ.
އާ ފޯމެޓުގައި ޒަޔާނަށް ރަން މެޑަލެއް، ހިތްހަމަޖެހުން އާއިލާއާ ގުޅިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ