ސައުދީން ވެސް އީރާނަށް ސިއްރު ހަމަލާތަކެއް ދިން: ރިޕޯޓް

ސައުދީއަށް އަމާޒުކޮށް އީރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، މިދިޔަ މާޗު މަހުގެ ފަހުކޮޅު ސައުދީ އަރަބިއްޔާއިން އީރާނަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް، ހުޅަނގުގެ އަދި އީރާނުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ރޭ ބުނެފި އެވެ. 
މި ރިޕޯޓްތަކުގައިވާ ގޮތުން، މިއީ އީރާނުގެ ބިމަށް ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާއިން ސީދާ ހަމަލާއެއް ދިންކަން އެނގުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަމަނުޖެހުންތަކުގެ ތެރެއިން، ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި، މި ހަމަލާތަކަކީ ސައުދީގެ ވައިގެ ސިފައިން ދިން ހަމަލާތަކެކެވެ. ނަމަވެސް ހަމަލާ ދިން ސީދާ ތަންތަނެއް ކަށަވަރުވެފައެއް ނުވެ އެވެ. މި ހަމަލާތަކާ ގުޅޭ ގޮތުން ސައުދީ ސަރުކާރުން ސީދާ އެއްޗެއް ބުނެފައި ނުވާއިރު، އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ މިކަމާ ބެހޭ ގޮތުން ވާހަކަދެއްކުމަށް އިންކާރުކޮށްފަ އެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި އީރާނުން ވަނީ ގަލްފުގެ ގައުމުތަކުގެ އަސްކަރީ މަރުކަޒުތަކަށާއި އެއާޕޯޓްތަކުގެ އިތުރުން ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅިން ކުރާ ކަނޑުދަތުރުފަތުރުތަކަށް ވެސް ވަނީ ހުރަސްތައް ކުރިމަތިކޮށްފަ އެވެ.
މީގެ އިތުރުން ޔޫއޭއީން ވެސް އީރާނަށް ހަމަލާތަކެއް ދީފައިވާ ކަމަށް ބުނާ ރިޕޯޓްތަކެއް ވަނީ ފެންމަތިވެފަ އެވެ. މިއީ އީރާނުގެ ހަމަލާތަކާ ދެކޮޅަށް ގަލްފުގެ ގައުމުތަކުން ދެމުންދާ ރައްދުތައް ފުޅާވަމުންދާކަމުގެ ނިޝާނެކެވެ.
އަސްކަރީ ކުރިމަތިލުންތައް އިތުރުވި ނަމަވެސް، ޑިޕްލޮމެޓިކް މުއާމަލާތްތަކާއި ސައުދީން ދިން އިންޒާރުތަކަށް ފަހު، މަސްލަހަތު ފިނިކުރުމަށް ދެ ގައުމުގެ ދެމެދުގައި ނުރަސްމީ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާއިން ވަނީ މަސްލަހަތު ފިނިކުރުމަށް ކުރާ މަސައްކަތްތަކަށް ތާއީދުކުރާކަން ފާޅުގައި ހާމަކޮށްފަ އެވެ. ސައުދީ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ތަކުރާރުކޮށް ވިދާޅުވީ، ސައުދީގެ ސިޔާސަތަކީ މަސްލަހަތު ފިނިކުރުމާއި ކެތްތެރިކަން އިސްކުރުމާއި ނުތަނަވަސްކަން ކުޑަކުރުން ކަމަށެވެ.
ސައުދީ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ތުރްކީ އަލް-ފައިސަލް ލިޔުއްވާފައިވާ ގޮތުގައި، ސައުދީން އިސްކަންދިނީ "ހަލާކުގެ އަލިފާންގަނޑެއްގެ" ތެރެއަށް ވަނުމުގެ ބަދަލުގައި، އެ ގައުމުގެ ރައްޔިތުންގެ ފުރާނަ އާއި މުދާ ހިމާޔަތްކުރުމަށެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި، މިދިޔަ މަހު އެމެރިކާ އާއި އީރާނާ ދެމެދު އިއުލާންކުރި ފުޅާ ދާއިރާއެއްގެ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ ކުރިން، ނުރަސްމީކޮށް މަސްލަހަތު ފިނިކުރުމުގެ އިންތިޒާމުތަކަށް އަމަލުކުރަން ފެށުމާ އެކު، ސައުދީއަށް އަމާޒުކޮށްދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ