އީރާނާ އެކު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތަކުގައި، އެމެރިކާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ މާލީ ދަތިތަކުގެ ސަބަބުން އެއްވެސް ނުފޫޒެއް ފޯރުވުމަށް ފުރުސަތު ނުދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.
އީރާނުން ނިއުކްލިއަ ހަތިޔާރު އުފެއްދުން ހުއްޓުވުމަކީ އޭނާގެ އެންމެ އިސް އަމާޒު ކަމުގައި ވެސް ޓްރަމްޕް ވިދާޅުވި އެވެ.
"އީރާނާ ބެހޭ ގޮތުން ވާހަކަދައްކާއިރު، އެންމެ މުހިންމު ކަމަކީ އެ މީހުންގެ އަތުގައި ނިއުކްލިއަ ހަތިޔާރު ނެތުން،" ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
"އަޅުގަނޑު އެމެރިކާގެ މާލީ ހާލަތަކާ މެދު ނުވިސްނަން. އަޅުގަނޑު ވިސްނަނީ އެންމެ ކަމަކަށް. އެއީ އީރާނަށް ނިއުކްލިއަ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދިނުން."
ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓާމް އިންތިހާބު ގާތްވަމުން އަންނައިރު، އީރާނުގެ މައްސަލައާ ގުޅިގެން ތެލުގެ އަގު އުފުލި، އެމެރިކާގެ އިގްތިސާދަށް ކުރިމަތިވަމުންދާ ފިއްތުންތައް ވަނީ އިތުރުވެފަ އެވެ.
ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވަން ޗަންގް، ރައީސްގެ ނިންމެވުން ދިފާއުކުރައްވަމުން ވިދާޅުވީ، ޓްރަމްޕްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުން ކަމަށެވެ.
ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ ޖިއޯޕޮލިޓިކަލް މަގްސަދުތަކާއި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތަކާ ދެމެދު ހަމަހަމަކަމެއް ގެންގުޅެން ޖެހޭނެ ކަމަށެވެ. މިކަމުގެ ކަންބޮޑުވުން އިތުރުވެފައިވަނީ މިދިޔަ މަހު އެމެރިކާގެ އިންފްލޭޝަން ރޭޓް، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑަށް މައްޗަށް ދިޔަ ކަމަށް ތަފާސްހިސާބުތަކުން ދެއްކުމާ ގުޅިގެންނެވެ.
ހޮރްމޫޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ހަކަތައިގެ ބާޒާރަށް ބުރޫއަރައި ޕެޓްރޯލްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓްތަކުން ދައްކާ ގޮތުގައި، ގިނަ މަސްތަކެއް ވަންދެން ހަމަނުޖެހުންތައް ކުރިއަށް ދިޔަ ނަމަވެސް، އީރާނުން ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ ގާބިލުކަމާ މެދު ކުރެވޭ އަންދާޒާތަކަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށާއި ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
އިގްތިސާދީ ކަންބޮޑުވުންތަކަށް ވުރެ އީރާނުގެ ނިއުކްލިއަ ނުރައްކާ މާ ބޮޑު: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ