ސަރުކާރުގެ 'ޑިޖިޓަލް ފަސްޓް ނޭޝަން' ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ވަކި ޖިންސަކަށް ބެލުމެއްނެތި، ހަމަހަމަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މުޢާސަލާތީ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައި ވަޒީރު އިޙްސާން ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން އިޤްތިޞާދާއި، މުޖުތަމަޢު އަދި ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްވެސް ބަދަލުވަމުންދާ ޓެކްނޮލޮޖީއަށް ބަރޯސާވެ ކުރިއަރަމުންދާކަމަށެވެ. އަދި މި ބަދަލުވަމުންދާ ޑިޖިޓަލް ޒަމާނުގައި، އިޖްތިމާޢީ ހަމަޖެހުމާއި، ޓެކްނޮލޮޖީގެ ރައްކާތެރި ބޭނުންކުރުމުގެ އިތުރުން ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ކަށަވަރުކުރުން މުހިންމުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަރނެޓް ގުޅުންތައް އަންހެނުންނަށް ދިނުމެއް ނޫން. އޭގެ މާނައަކީ ތަޢުލީމު، ޞިއްހަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ހައްލުކުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރިކުރުވުން. އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، އާއިލާތަކާއި، މުޅި މުޖުތަމަޢުއަށް، އަދި މުޅި އިޤްތިޞާދަށްވެސް ފައިދާ ކުރާނެ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމުގެ މަޤްޞަދުގައި ސަރުކާރުން ވަނީ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ނަމުގައި ޚާއްޞަ މަޝްރޫޢެއް ފަށާފައެވެ.
މި ސިޔާސަތުގެ ސަބަބުން، އަންހެނުންނަށް އިތުރު ބާރުވެރިކަން ލިބި، އިޤްތިޞާދީ ދާއިރާގައި ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވަޒީރު އިޙްސާން ފާހަގަކުރެއްވިއެވެ.
"ޑިޖިޓަލް ފަސްޓް ނޭޝަން" ސިޔާސަތުގެ ދަށުން، ވަކި ޖިންސަކަށް ބެލުމެއްނެތި، ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: ވަޒީރު އިޙްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ