ވަގު ޑޮލަރުން އައިފޯނެއް ގަތް މައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާ ކުރިއަށްގެންދަން ހައިކޯޓުން އަންގައިފި

ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން އައިފޯނެއް ގަތް މައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާ މަދަނީ މިންގަނޑުތަކުން ބަލާއިރު ކުރިއަށްނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ހައިކޯޓުން މިއަދު އެ ނިންމުން ބާތިލުކޮށްފިއެވެ. އެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ އައްޑޫ ސިޓީ، އިރަމާގޭ، ހުސައިން ޒައިދާން އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރި ދައުވާގައި ވަނީ އޭނާއާއި އިތުރު މީހަކު ސައްހަ ނޫން ޑޮލަރުތަކެއް ބިދޭސީއަކަށް ދީ، އައިފޯން 13 ޕްރޯ މެކްސްއެއް ގަނެފައިވާ ކަމަށެވެ. އެ ފޯނު ގަންނަން އޭނާއާއެކު ދިޔަ މީހާ ވަނީ، އެ ފޯނު ވިއްކާލައި، ވިއްކާލުމުން ލިބުނު ފައިސާ ދެ މީހުން ބޭނުންކޮށްފައިވާ ކަމަށް ބުނެފައި ކަމަށް ދައުލަތުން ބުނެއެވެ. އެ މައްސަލައިގައި މިދިޔަ އަހަރު ޒައިދާންގެ މައްޗަށް ކޮށްފައި ވަނީ، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއެވެ. އޭގެތެރެއިން މަނީލޯންޑަރިންގެ ދައުވާ މަދަނީ މިންގަނޑުތަކުން ބަލާއިރު، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މިދިޔަ މެއި11ގައި ކޯޓުން ވަނީ ނިންމާފައެވެ. އެގޮތަށް ކްރިމިނަލް ކޯޓުން ނިންމީ، ދައުވާއަށް ޒައިދާން އިންކާރުކޮށްފައިވާއިރު، ދައުވާ ސާބިތުކުރުމަށް ތަހުގީގުގައި ވެފައިވާ އިއުތިރާފު ފިޔަވައި އިތުރު ހެއްކެއް ނެތުމުން މަދަނީ މިންގަނޑުތަކުން ހެކި ވަޒަންކުރިއިރު، ދައުވާ ކުރިއަށް ގެންދެވޭ ކަމަށް ނުފެންނާތީ ކަމަށް ބުނެއެވެ. އެހެންވެ، ދައުލަތުން ހަމަ އެދުވަހު ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ. ދައުލަތުން މި މައްސަލައިގައި ޝަރީއަތުގައި ބުނީ، މަނީލޯންޑަރިންގެ ދައުވާ ޒައިންދާންގެ މައްޗަށް ކުރީ ދެ އަމަލަކަށް ބިނާކޮށް ކަމަށެވެ. އެއީ، ސައްހަ ނޫން ޑޮލަރުތަކެއް މީހަކަށް ދިނުމަށް ފަހު، މުދަލެއް ހޯދުމުގައި މަކަރާއި ހީލަތް ހެދުމުންނާއި އެ މުދާ ވިއްކައިގެން ފައިސާ ހޯދައިގެން ބޭނުންކުރުމުން ކަމަށް ދައުލަތުން ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގެ ނިންމުމަށް ދިން ރައްދުގައި ދައުލަތުން ބުނީ، ޒައިދާން ވެފައިވާ އިއުތިރާފުގެ އިތުރުން ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް ބަޔާންކޮށްފައި ވިޔަސް، ދައުލަތުން ތިން ޝަފައީ އަދި ހަ ކިތާބީ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި، މިއީ ހަމައެކަނި އިއުތިރާފުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމަށް ދައުލަތުން ތަކުރާރުކޮށް ފާހަގަކުރިއެވެ. އެހެންވެ ދައުލަތުން އެދުނީ، ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، މައްސަލަ ހައިކޯޓުން ނިންމާ ތާރީޚުން ފެށިގެން، ދައުވާ ސާފުވި ކަމަށް ކަނޑައަޅައި ޖަވާބުދާރީވި ހިސާބުން ފެށިގެން ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށްގެންދަން ކަނޑައަޅައިދިނުމަށެވެ. އެއާއެކު، މައްސަލަ ރައްދުވާ ޒައިދާން ކޯޓުގައި ބުނީ، މަނީ ލޯންޑަރިންގެ ކުށަށް އިއުތިރާފުވީ ތުހުމަތެއްގައި ހައްޔަރުކޮށް، ބޮޑު މައްސަލައެއް ކަމަށްވާތީ މައްސަލަ ''ކަނޑައިދޭނެ'' ކަމަށް ބުނުމުން ކަމަށެވެ. ދަށު ކޯޓުގައި ދައުވާ ސާފުވި ކަމަށާއި އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށް ހައިކޯޓުގައި ޒައިދާން ވަނީ ބުނެފައެވެ. އިސްތިއުނާފީ ނުކުތާތަކާއި ޖަވާބުތަކަށް ރިއާޔަތްކުރައްވައި، މައްސަލަ ބެއްލެވުމުގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަކީ، ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، މައްސަލަ ނިންމާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޒައިދާންގެ މައްޗަށް އަލުން ދައުވާ ހުށަހަޅައިފިނަމަ މައްސަލަ ކުރިއަށް ގެންދިޔުމަށް ފެންނަ ކަމަށެވެ. އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި، ފަނޑިޔާރު މުޙައްމަދު ޝަނީޒް އަބްދުﷲއާއި ފަނޑިޔާރު މާނިއު ޙުސައިން ވަނީ ތާއިދުކުރައްވާފައެވެ. އެހެންވެ، ތިން ފަނޑިޔާރުންގެ އިއްތިފާގުން، މަނީ ލޯންޑަރިންގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދަން ވަނީ އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ