ލިވަޕޫލުން 13 މިލިއަން ޑޮލަރަށް އާނޯލްޑް ރެއާލަށް ވިއްކާލައިފި ލިވަޕޫލުން 13 މިލިއަން ޑޮލަރަށް އާނޯލްޑް ރެއާލަށް ވިއްކާލައިފި

މެޑްރިޑް (މެއި 30) - އިނގިރޭސި ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް، 13 މިލިއަން ޑޮލަރުގެ ފީ އަކަށް ރެއާލް މެޑްރިޑަށް ވިއްކާލައިފި އެެވެ.
ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލާ އެކު އާނޯލްޑް، 26، ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އާނޯލްޑް ވަނީ ޖޫން މަހު 30 ވަނަ ދުވަހާ ހަމައަށް އޮތް ކޮންޓްރެކްޓް ހަމަވުމުން ލިވަޕޫލް ދޫކޮށްލާނެކަން އެ ކްލަބަށް އަންގައިފަ އެވެ.
އެކަމަކު، އެއްބަސްވުން ހަަމަވުމުގެ ކުރިން، އާނޯލްޑް، އަންނަ މަހު ފަށާ ކްލަބް ވޯލްޑް ކަޕްގައި ކުޅެން ރެއާލަށް ބަދަލުވާން ބޭނުންވާތީ، ލިވަޕޫލަށް ފީއެއް ދޭން ޖެހުނީ އެވެ. އެ ގޮތުން، އާނޯލްޑް، އަންނަ މަހު އެއް ވަނަ ދުވަހު ރެއާލަށް ބަދަލުވާނީ، 13 މިލިއަން ޑޮލަރުގެ އިތުރުން، ޖޫން މަހުގެ މުސާރަ ރެއާލުން ދޭ ގޮތަށެވެ.
ލިވަޕޫލުން އާނޯލްޑް ދޫކުރާނީ ދެ މިލިއަން ޑޮލަރާއި ފަސް މިލިއަން ޑޮލަރުގެ ފީ އަކަށް ކަމަށް ކުރިން މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް، އެ ކްލަބުން ރެއާލާ އެކު މަޝްވަރާކޮށް، 13 މިލިއަން ޑޮލަރަށް މި އެއްބަސްވުން ހެދީ އެވެ.
ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅެން ތައްޔާރުވާ އާނޯލްޑް ރެއާލާ އެކު، ހަ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ.
ލިވަޕޫލްގެ އެކަޑަމީ ޓީމާ އުމުރުން ހަ އަހަރުގައި ގުޅުނު އާނޯލްޑް ވަނީ 2016 ވަނަ އަހަރު ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅެދީފަ އެވެ. އާނޯލްޑް ވަނީ މިހާތަނަށް ލިވަޕޫލަށް 353 މެޗުން 23 ގޯލު ޖަހައިފަ އެވެ. އަދި، ބޮޑެތި މުބާރާތްތަކުގެ ކާމިޔާބީ އަށް ބަލާއިރު، އަށް ތަށި އުފުލާލި އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގު ދެ ފަހަރާއި ޗެމްޕިއަންސް ލީގު ހިމެނެ އެވެ.
ރެއާލުން ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކުޅޭނީ އަންނަ މަހު 18 ވަނަ ދުވަހު، އޭޝިއާގެ ޗެމްޕިއަން، އަލް ހިލާލްއާ އެވެ. އަދި، ދެ ވަނަ މެޗުގައި، އަންނަ މަހު 22 ވަނަ ދުވަހު މެކްސިކޯގެ ޕަޗޫކާއާ ބައްދަލުކޮށް ގްރޫޕްގެ ފަހު މެޗުގައި، ރެޑްބުލް ސަލްޒްބާގާ ކުޅޭނީ އަންނަ މަހު 26 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ