މިދިޔަ ޖަނަވަރީ މަހު މީރާއިން ޖުމުލަ އާމްދަނީގެ ގޮތުގައި 3.34 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %7.7 ދަށް އަދަދެކެވެ. އަދި، ޖަނަވަރީ 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %5 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، ޖަނަވަރީ 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖަނަވަރީ 2025 ގައި ލިބިފައިވާ އާމްދަނީ މަދުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް އަދި ކުންފުނިތަކާއި ފަރުދުން – ނޫން އެހެން ފަރާތްތަކުން ނަގާ އާމްދަނީ ޓެކުހުން ލިބިފައިވާ އާމްދަނީ މަދުވުމެވެ. މީގެ އިތުރުން، ކުންފުނިތަކާއި ފަރުދުން – ނޫން އެހެން ފަރާތްތަކުގެ އާމްދަނީ ޓެކްސް ނެގުމުގެ ފުރަތަމަ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، ފެބުރުވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވުމަކީ އާމްދަނީ ދަށްވެފައިވާ ސަބަބެކެވެ. އެހެންނަމަވެސް، މި މުއްދަތުގައި ޖީ.އެސް.ޓީގެ އާމްދަނީ އިތުރުވެފައިވުމާއި، 1 ޑިސެންބަރު 2024 ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު އިތުރުވުމާއި ގުޅިގެން ޖަނަވަރީ 2025 ގައި މި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.
ޖަނަވަރީ 2025 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ %5 އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި، ވާރކް ޕާރމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އަދި ކޯޕަރޭޓް އިންކަމް ޓކުހުން އާމްދަނީ އިތުރުވުމެވެ. އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑީގެ މުއްދަތު އިތުރުކުރި ނަމަވެސް، ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ސުންގަޑީގެ ކުރިން ދައްކާފައިވުމަކީ، މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވި ސަބަބެކެވެ. މީގެ އިތުރުން، ރާއްޖެ އަންނާނެ ކަމަށް އަންދާޒާކޮށްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ މި މުއްދަތުގައި ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު2% އިތުރުވެފައިވުމުގެ ސަބަބުން ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ޖަނަވަރީ 2025 ގައި ލިބިފައިވާ އާމްދަނީގެ %11 އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއްސަބަބެވެ.
ޖަނަވަރީ 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %47.7 ނުވަތަ 1.59 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ %35.8 ނުވަތަ 1.19 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 115.39 މިލިއަން ރުފިޔާ (3.5%)، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 113.49 މިލިއަން ރުފިޔާ (%3.4)، ގްރީން ޓެކުހުގެ ގޮތުގައި 108.26 މިލިއަން ރުފިޔާ (%3.2)، އަދި ޓޫރިޒްމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ (%2.0) ލިބިފައިވެއެވެ.
ޖަނަވަރީ 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 125.49 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މިދިޔަ މަހު މީރާއިން 3.34 ބިލިއަން ރުފިޔާ ބަލައިގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ