އެމެރިކާގެ މުއައްސަސާތަކާއި ވުޒާރާތަކުގައި ކޮރަޕްޝަން ވަނީ ވަރަށް ބޮޑަށް އަށަގެންފައި: ޓްރަމްޕް
ވޮޝިންޓަން (10 ފެބްރުއަރީ 2025): އެމެރިކާގެ މުއައްސަސާތަކާއި ވުޒާރާތަކުގައި ކޮރަޕްޝަން އަށަގެންފައިވަނީ ވަރަށް ބޮޑަށްކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވީ ވުޒާރާތަކުގެ ގާބިލްކަމާއި ފައިސާ ޚަރަދުކުރަ ގޮތާއި އެނޫންވެސް އެފިޝެންސީ އާބެހޭ ކަންކަން ބެލުމަށް އޭނާ އުފައްދަވާފައިވާ އެމެރިކާ ސަރުކާރުގެ އެފިޝެންސީ އާ ބެހޭ ޑިޕާޓްމަންޓްގެ ސެކްރެޓަރީ (އެފިޝެންސީއާބެހޭ ވުޒާރާ)ގެ ވަޒީރު ކަމުގައި ހުންނަވައިގެން އެލޮން މަސްކް ކުރައްވާ މަސައްކަތްތަކުން އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ގުނަވަންތަކުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު އެނގެމުންދާތީ އެކަމަށްޓަކައި މަސްކާއި އޭނަގެ ޓީމަށް ތައުރީފު ކުރައްވާކަމުގައެވެ. "ފޮކްސް ނިއުސް" ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އެންމެ ބޮޑު ވުޒާރާކަމަށްވާ ދިފާއީ ވުޒާރާ "ޕެންޓަގަން"ގައި ވެސް އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަމަށް ޝައްކު ކުރެވޭ ކަމުގައެވެ. "އެމެރިކާގެ ތައުލީމާބެހޭ ވުޒާރާގެ ހާލަތުވެސް އަދި އެނޫން ވުޒާރާތަކުގެ ހާލަތުވެސް ހުރިކަމަށްބެލެވެނީ މިގޮތަށް، އެތަންތަން ބަލައި އަދި ޗެކް ނުކުރެވޭ" ޓްރަމްޕް ވިދާޅުވިއެވެ. މީގެއިތުރުން "ކޮރަޕްޝަނުގެ ކަންތައް އެމެރިކާގައިވެސް ވަރަށް ބޮޑު" ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ އެފިޝެންސީއާބެހޭ ވަޒީރު އެލޮން މަސްކް ވަނީ ދުނިޔޭގެ ގައުމުތަކަށް އެހީދިނުމަށް އެމެރިކާ ހިންގާ ޕްރޮގްރާމް "ޔޫއެސް އެއިޑް" އަކީ ކޮރަޕްޝަނުގެ ހާއްޔެއްކަމަށް ވިދާޅުވެ އެތަނުން ހިންގާފައިވާ ކޮރަޕްޝަން ބިލިޔަނުން ގުނާލެވޭކަމަށް ވިދާޅުވެފައެވެ. ޓްރަމްޕްވަނީ "ޔޫއެސް އެއިޑް"ގެ ހަރަކާތްތައް ވަގުތީގޮތުން ހުއްޓާލުމުގެ އަމުރެއް ނެރުއްވައި އެޕްރޮގްރާމު ހުއްޓުވާފައެވެ. އެޕްރޮގްރާމު ފެށި ނަމަވެސް ދެން ފަށާނީ ވަރަށް ކުޑަ ޕްރޮގްރާމެއްގެ ގޮތުގައި އެތަނުގެ ހަރަކާތްތަކުގެ ދެފުށްފެންނަ ނިޒާމެއް ގާއިމްކޮށް ވަރަށް ހަރުކަށި އިންޓާނަލް އޮޑިޓް ނިޒާމެއްގެ ދަށުންކަމަށް ޓްރަމްޕްގެ އެހީތެރިން ވިދާޅުވެއެވެ. ޔޫއެސްއެއިޑްއަކީ "ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް"ގެ ނަމުގައި 1961 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޖޯން އެފް ކެނެޑީ އުފެއްދެވި އެޖެންސީއެކެވެ. ރައީސް ކެނެޑީ މި އެޖެންސީ އުފެއްދެވީ އެމެރިކާ ދުނިޔޭގެ ގައުމުތަކަށް ދޭ އެކި އެހީތައް އެމެރިކާގެ އެކި މުއައްސަސާތަކާއި އިދާރާތަކުން ވަކިވަކިން ދެމުން ގެންދާތީ އެހީ ދިނުމުގެ ކަންތައް އެއް އެޖެންސީ އެއްގެ ދަށުން ކުރިޔަށް ގެންދިޔުމުގެ މަގްސަދުގައެވެ. ކެނެޑީ "ޔޫއެސް އެއިޑް" އުފެއްދެވީ އެއެޖެންސީގެ ޑައިރެކްޓް އޮތޯރިޓީ އެމެރިކާގެ ޚާރިޖީ ވުޒާރާއަށް އޮންނަ ގޮތަށެވެ. އަދި އެމެރިކާގެ ޚާރިޖީ ވަޒީރަކަށް ހުންނަވާ ބޭފުޅެއްގެ ޕޮލިސީ ގައިޑެންސް ގެ ދަށުން އެހީ ދިނުމުގެ ކަންތައް ކުރިޔަށްގެންދާ ގޮތަށެވެ. މިކަން މިގޮތަށް ދިޔަނަމަވެސް ފަހުން މި އެޖެންސީ ވަނީ ކޮރަޕްޝަން އާއި ނާޖާއިޒު ފައިދާ ނެގުމުގެ ބޮޑު ހާއްޔަކަށް ބަދަލުވެފައެވެ. "ޔޫއެސް އެއިޑް" އިން މައިގަނޑު ގޮތެއްގައި ދެނީ އިންސާނީ އެހީތަކެވެ. ކާރިސާ ތަކުން ގެއްލުން ލިބޭ ފަރާތްތަކަށް ދޭ ބާވަތުގެ އިންސާނީ އެހީތަކާއި ފަގީރުންނަށާއި ރެފިއުޖީންނަށް ދޭ އިންސާނީ އެހީތަކެވެ. ދެން ޑިމޮކްރަސީ އާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޕްރޮމޯޓްކުރުގެ ނަމުގައި ބާއްވާ އެކިއެކި ވޯކްޝޮޕްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދޭ އެހީތަކެވެ. މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކަށް ދޭ އެހީތަކެވެ. މިއީ އެމެރިކާގެ އަމިއްލަ ސިޔާސީ ފިކުރާއި އިޖްތިމާއީ އައިޑިއޮލޮޖީ ދުނިޔޭގައި ފަތުރައި އެމެރިކާގެ ބުރުސޫރަ ރީތިކުރުމަށް ދޭ ސިޔާސީ އެހީތަކެވެ. ރިޕޯޓްތައް ބުނާގޮތުން "ޔޫއެސް އެއިޑް" ގެ އެހީތަކުގެ 40 އިންސައްތައަކީ މިބާވަތުގެ ސިޔާސީ ބޭނުމަށް ދޭ އެހީތަކެވެ. އެލޮން މަސްކުގެ ވުޒާރާއަކީ އެމެރިކާ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި އެފިޝެންސީގެ މަސައްކަތް ބެލުމަށް އުފައްދާފައިވާ ޑިޕާޓްމަންޓް ނުވަތަ ވުޒާރާ އެވެ. އެވުޒާރާއިން އެމެރިކާގެ މާލީ ވުޒާރާ ނުވަތަ ޓްރެޒަރީ ޑިޕާޓްމަންޓުގައި ހުރި އެތަށް ބައެއްގެ ޒާތީ މައުލޫމާތާއި މާލީ ޑޭޓާތަކުގެ ސިއްރުކަން ކަނޑުވަމުންދާ މައްސަލަ މިހާރުވަނީ ފެންމަތިވެފައެވެ. މިމައްސަލާގައި އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓް ނުވަތަ މާލީ ވުޒާރާ ވަނީ ވަރަށް ބޮޑަށް ރުޅިއައިސް މިފަދަ މައުލޫމާތު މަސްކުގެ ވުޒާރާ އަށް ދިނުން ހުއްޓާލާފައެވެ. އެމެރިކާގެ މާލީ ވުޒާރާގެ ޕޭމަންޓް ސިސްޓަމްތަކާއި އެހެނިހެން ޑޭޓާތައް އެމެރިކާގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މާލީ ވުޒާރާގެ މުވައްޒަފުން ނޫން ފަރާތްތަކަށް ދިނުން އެ ވުޒާރާއިންވަނީ ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހުއްޓުމަކަށް ގެނަސްފައެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ފަތިފުށްވެސް މިހާރު ފަޅައި އަރަމުންދާތީ އެވުޒާރާއިންވެސް ގެންދަނީ އެވުޒާރާގެ މައުލޫމާތާއި ޑޮކިއުމެންޓްތައް އެފިޝެންސީ ވުޒާރާ އަށް ދިނުން ހުއްޓުވޭނެ ކޯޓު އަމުރެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ