އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެ ގޮތަށް އެ ޕާސްޕޯޓު މަނާ ކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ލަސް ކުރާތީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މައުރޫފް ޒާކިރު މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.
މިއަދު ރިޔާސަތުގައި އިންނެވި ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މައުރޫފް ހުށަހެޅުއްވި މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.
"ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމަށް އަޅާފައިވާ ނުވަަތަ އަޅާފައިނުވާ ފިޔަވަޅަކާމެދު ފާޑުކިޔުމަށް ހުށަހެޅިފައިވާ މައްސަލައަކަށް ވާންވާނެ ކަމަށް ބަޔާންކޮށްފައިވޭ،" ނާޒިމް ވިދާޅުވި އެވެ.
މައުރޫފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާނެ ކަމަށް ސަރުކާރުން ޖޫން، 2024، ގައި އިއުލާނު ކުރި ނަމަވެސް އެކަން ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.
"އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އައުން މަނާކުރުމަށް، 2 ޖޫން 2024 ގައި އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހެޅުމާއެކު، ހަމަ އެދުވަހުގެ ވަގުތެއްގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަވައި، އިސްރާއީލުގެ ޕާސްޕޯޓު މަނާ ކުރުމަށް ސަރުކާރުން ނިންމަވައިފައިވާކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް، މިއަދާ ހަމައަށް މިކަމުގައި އަމަލީ ސިފަ ޖެއްސުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުންދާކަމަކަށް ނުފެނޭ،" އެ ގަރާރުގައި ބުނެފައިވެ އެވެ.
ސަރުކާރުން ބޭނުންވާ ބިލުތަކެއް އިންތިހާ އަވަހަށް ކުރިއަށްގެންދާއިރު ވެސް ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް މަޖިލީހުން ކުރިއަށްނުގެންދާތީ އެކަން ވެސް މައުރޫފް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.
"މި ބިލު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހުއްޓުވައިފައި އޮންނަތާ ނުވަ މަސް ދުވަސް ވެގެން ދާއިރު، މި ސަރުކާރުން އަދި މި ސަރުކާރުގެ ފުރިހަމަ އަގުލަބިއްޔަތު އޮންނަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އެތައް ބިލަކާއި އެހެނިހެން މަސައްކަތްތައް ހުށަހަޅައި، މަދު ގަޑިއިރެއްގެ ތެރޭގައި، ގިނަ ބިލުތަކެއް މި ފާއިތުވެދިޔަ ދުވަސްތަކުގައިވެސް މި މަޖިލީހުން ވަނީ ފާސްކޮށްފަ،" އެ ބިލުގައި ބުނެފައިވެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި އެކަނި ވެސް 156 މީހުން ވަނީ ރާއްޖެ އެތެރެވެފަ އެވެ. އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރި ދުވަހަކީ ޖެނުއަރީ 26، އެވެ. އެ ދުވަހު އެ ގައުމުގެ 17 މީހަކު ރާއްޖެ އައެވެ. އޭގެ ފަހުން އިޒްރޭލުގެ އެންމެ ގިނަ ފަތުރުވެރިން އައީ ވެލަންޓައިންސް ނަމުގައި ކާފަރުން ފާހަގަ ކުރާ ދުވަހާ ދިމާކޮށް ފެބްރުއަރީ 12، ގަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި މިދިޔަ އަހަރު ވެސް 1435 މީހަކު ރާއްޖެ އައެވެ. އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އޮކްޓޯބަރު 23، 2023، ގައި އިޒްރޭލުން ނަސްލުހޭދު ކުރަން ފެށި ފަހުން އެ ގައުމުގެ 2196 މީހަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެއީ އޮކްޓޯބަރު، 2023، ގައި އެތެރެވި 517 މީހުންނާއި އެ އަހަރުގެ ނޮވެމްބަރުގައި އެތެރެވި 54 މީހުންނާއި ޑިސެމްބަރު މަހު އެތެރެވި އިޒްރޭލުގެ 34 މީހުން ހިމަނައިގެންނެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާ ކުރަން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ވެސް އޮތީ މަޖިލީހުގައި މަޑުޖެހިފަ އެވެ. ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ވާހަކަ ހުރީ ހަމައެކަނި އިޒްރޭލުގެ ވެރިން އައުން މަނާ ކުރުމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ފަތުރުވެރިކަމާ ބެހޭ ބައެއް ޖަމިއްޔާތައް ވެސް މަޖިލީހަށް ހާޒިރުކޮށްގެން އެމީހުން ބަސް ނެގި އެވެ. އޭގެ ތެރެއިން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ބުނީ، އިޒްރޭލުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ސިފައިންނަށް ވެސް ރާއްޖެ އާދެވެންޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެދުމަކީ އިޒްރޭލުގެ ވެރިން. އާންމު ރައްޔިތުން ނުހިމެނޭ ގޮތަށް އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު ބޭންކުރުން. އެއަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދުކުރަން. އޭގެ ތެރޭގަ ސިފައިން ވެސް ނުހިމެނޭ ގޮތަށް. މުޅި އިޒްރޭލަކީ ސިފައިން ދެއްތޯ ގާތްގަނޑަކަށް. އެހެންވީމަ އެ ހިމެނިއްޖިއްޔާ އިޒްރޭލުގެ ހުރިހާ ރައްޔިތުން ހިމެނިގެންދާނެ،" ނޮވެމްބަރު، 2024، ގައި އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުން ލަސްވާތީ އެމްޑީޕީއިން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުން ލަސްވާތީ އެމްޑީޕީއިން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ