ލޯނުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުން ޑޮލަރު ލިބޭނެ ގޮތް ހަދަނީ

ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ ތެރެއިން ސަރުކާރުގެ ލޯނު ސްކީމުތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒުގެ 'ރައްޔިތުންނާ އެކު' ޕޮޑުކާސްޓުގެ ތިން ވަނަ އެޕިސޯޑުގައި އެމަނިކުފާނު މިއަދު ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގައި އެ ގައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކޮށް އެ ދަރިވަރުންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވާ ކަމަށެވެ.
ތަފްސީލް - އެގޮތުން އެންމެ ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންގެ އެއް ކަންބޮޑުވުމަކީ ޑޮލަރު ހޯދުމަށް އޮތް ދަތިކަން ކަމަށް ރައީސް ވިދާޅުވި އެވެ.
"ލޯނަށް ދޫކުރާ ފައިސާ ދޫކުރަނީ ރުފިޔާ އިން. އެ ފައިސާ ޑޮލަރަށް ބަދަލު ކުރުމަށް ޑޮލަރު ހޯދަން ދިމާވާ ދަތިތަކުގެ ސަބަބުން އެ ގެއްލޭ ފައިސާ. އޭގެ ގެއްލުމުގެ ވާހަކަ ދެކެވުނު،" ރައީސް ވިދާޅުވި އެވެ.
މިއީ ލޯނުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ވެސް ކުރިމަތިވާނެ މަައްސަލައެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ބޭންކު ރޭޓުގައި، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިބޭނެ ގޮތެއް ހަމަޖައްސައިދޭން އެކުދިން އެދުނު ކަމަށެވެ.
"އެއީ ވަރަށް ރަނގަޅު، ޖާއިޒު ވާހަކައެއް އެކުދިން ދެއްކި. އެއީ ބްލެކު މާކެޓުގައި ޑޮލަރު ހޯދަން ޖެހެންޏާ 15.42ރ އަށް ވުރެ އިތުރަށް ހޭދަވާ ކޮންމެ ލާރިއަކީ ކުއްޖާ އަށް ލިބޭނެ ގެއްލުމެއް،" ރައީސް ފާހަގަ ކުރެއްވި އެވެ.
"އެހެންވެ އަޅުގަނޑު މިހާރު ފިނޭންސް މިނިސްޓަރަށް ދަންނަވާފައިވާނީ މިކަމުގައި ރަނގަޅު ހައްލެއް ގެނައުމަށް މަސައްކަތް ފައްޓަވާށޭ.. ފިނޭންސް މިނިސްޓަރު ގަވަރުނަރާ މަޝްވަރާ ކުރައްވަން ފައްޓަވައިފި،" ރައީސް ވިދާޅުވި އެވެ.
"އެކުދިންގެ މި ކަންބޮޑުވުމަށް ހައްލު ގެނެސްދޭނަން އިރާދަކުރެއްވިއްޔާ. އެއީ ރާއްޖޭގެ ޑޮލަރު މާކެޓަށް ނުރަނގަޅު އަސަރު ނުކުރާގޮތަށް. އެ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބެންޏާ ލިބެންވާނީ އެ ކިޔަވާ ގައުމުގައި ބޭނުން ކުރަން ދެއްތޯ؟ އެގޮތަށް އެކަން ހަމަޖެހިގެންދާގޮތަށް ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވާ ދަތިތައް އިރާދަކުރެއްވިއްޔާ ހައްލު ކޮށްދޭނަން."
ސީދާ ދުވަހެއް ދަންނަވަން ނޭނގުނު ނަމަވެސް މައްސަލަ އަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ގުޅުން ހުރި - ތެލާއި ކާޑަށް ފައިސާ ދޫކުރުމުގެ ކުރިން، ސަރުކާރުގެ ސްކޮލާޝިޕް ސްކީމުތަކުގައި ރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ޓިއުޝަން ފީ އާއި ސްޓައިޕެންޑު ފައިސާ ދޫނުކޮށް ހުރި ނަމަ އެ ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.
ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން 1،600 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ރާއްޖޭން ބޭރުގައި ތައުލިމު ހާސިލް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ