ޖިންސީ ކުށްތަކުގައި 'ވާނުވާ' ބަންދުގައި ތިބި މީހުން ދޫނުކުރާނަން: ރައީސް

'ވާނުވާ ބަންދުގައި' ތިބި މީހުންގެ ތެރެއިން ޓެގް އަޅުވާފައި މޮނީޓާ ކުރާ ގޮތަށް ދޫކޮށްލާ މީހުންގެ ތެރޭގައި ޖިންސީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުން ނުހިމެނޭނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ނުވަތަ 'ވާނުވާ' ބަންދުގައި ތިބި މީހުންގެ ހައްގުގައި ވަކާލާތު ކުރާ ބައެއް ފަރާތްތަކުން އިއްޔެ ރައީސްއާ ބައްދަލުކޮށް ހުށަހެޅުންތަކެއް ވަނީ ހުށަހަަޅާފަ އެވެ. އެކަމާ ގުޅޭ ގޮތުން ރައީސް އިތުރު ތަފްސީލުތަކެއް ދެއްވީ، މިއަދު ރައީސް އޮފީހުންގެ ގެނެސްދިން 'ރައްޔިތުންނާއެކު' ޕޮޑްކާސްޓްގެ ފަސް ވަނަ އެޕިސޯޑުގަ އެވެ.
ތަފްސީލު - އެ ބޭފުޅުން އިއްޔެގެ ބައްދަލުވުމުގައި ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ވަކި ހަމައެއްގެ މަތިން މޮނިޓާ ކުރެވޭނެ އިންތިޒާމެއްގެ ދަށުން އެ ފުރުސަތު ދިނުމަށް ފަހު، ބަންދުން ދޫކޮށްލުމަށް އެދިފައިވެ އެވެ.
އެ ހުށަހެޅުމާ ގުޅިގެން މިއަދު ރައީސް ވަނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އާއި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އަދި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްއާ ބައްދަލު ކުރައްވާފަ އެވެ.
މިއަދުގެ ޕޮޑްކާސްޓުގައި ރައީސް ހާމަ ކުރެއްވި ގޮތުގައި:
ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން100އެއްހާ މީހުންނަކީ، ޖިންސީ ކުށްތަކުގައި ތިބި މީހުން؛ އޭގެ ތެރޭގައި ކުޑަ ކުދިންނަށް ޖިންސީ ގޯނާ އާއި އަނިޔާ ކުރި ކަމުގެ ތުހުމަތު އޮތް މީހުން ހިމެނޭ
އެހެންވެ، ވިސްނުމަކީ މި ބަންދުގައި ތިބި ހުރިހާ ކުށެއްގައި ތިބި މީހުން ބަންދުން ދޫކޮށްލުމެއް ނޫން؛ މިގޮތަށް ދޫކޮށްލާ މީހުން ތެރޭގައި ޖިންސީ ކުށްތަކުގައި ތިބި މީހުން ނުހިމެނޭނެ
"އެ ފަރާތްތައް [ޖިންސީ ކުށްތަކުގައި ބަންދުގައި ތިބި މީހުން] އަޅުގަނޑު ބޭނުމެއް ނޫން ޓެގް އަޅުވާފައި ވެސް ގެއަށް ގެންނާކަށް،" ރައީސް ވިދާޅުވި އެވެ.
އެއާއެކު މި ޕޮޑްކާސްޓުގެ ޕްރެޒެންޓަރު އިބްރާހިމް ޝަކީބު ސުވާލު ކުރެއްވީ، މި ބަންދުގައި މަރުގެ މައްސަލަތަކާއި މާރާމާރީ ކުށްތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ތިބޭނެތޯ އެވެ. އަދި  އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އެފަދަ ކުށްތަކުގައި ތިބި މީހުން ޓެގް އަޅުވާފައި ދޫކުރަން ވިސްނަވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ.
"މީގައި ކޮންމެވެސް ވަރަކަށް އެބަހުރި މާރާމާރީ ތުހުމަތު ވެސް، ޓެރަރިޒަމް ތުހުމަތު ވެސް، މަސްތުވާތަކެތި އަދި ގޭންގް ކުށްތައް ވެސް. އަދި ކުދި ކުދި ކުށްތައް ވެސް އެބަ އުޅޭ. އެކަމަކު ކޮންމެ ގޮތެއްވިޔަސް ޖިންސީ ކުށްތައް ނުހިމެނޭނެ [ޓެގް އަޅުވާފައި ދޫކޮށްލާ މީހުންގެ ތެރޭގައި]" އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވިސްނުމަކީ މިގޮތަށް ބަންދުގައި ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިން ބައި ކުޅަ އެއްބައި މީހުން ޓެގް އަޅުވާފައި ދޫކޮށްލެވޭނޭ މަގެއް ހޯދުން ކަމަށެވެ. އެކަން ކުރުމަށް ފުލުހުންނާއި އޭޖީ އަދި ޕީޖީއާ މަސައްކަތްތަކެއް ހަވާލުކޮށްފައިވާކަމަށް ވެސް ވިދާޅުވި އެވެ.
"[އެ މުއައްސަސާތަކުގެ މަސައްކަތުން] އެކަން ސާފުވެން ދިޔައިމަ، އަޅުގަނޑު ވަރަށް ބޮޑަށް އެކަމަށް މަސައްކަތް ކުރާނަން. ވީހާ ވެސް ގިނަ މީހުންނަށް އޭރުން ކަނޑައެޅޭ ޝަރުތުތަކަކާ އެކު ގެއަށް ބަދަލު ކުރެވޭނެ ނޫނީ ޓެގް އަޅުވާފައި ދޫކޮށްލެވޭނެ. އެންމެ ފުޅާ މިނިވަންކަމަކާ އެކު ދޫކޮށްލެވޭނެ މައްސަލަ ބަލައި ނިމެންދެން،" ރައީސް ވިދާޅުވި އެވެ.
މި މައްސަލަ ހައްލު ކުރުމަށް ދެން ސަރުކާރުން ގެންގުޅޭ އަނެއް ވިސްނުމަކީ، އެ މީހުންގެ ތެރެއިން 'ބަލިކަށި ހެކި' ހުރި މީހުންގެ ދައުވާތައް އަނބުރާ ގެނައުމެވެ. އެކަމުގެ ތަފްސީލު ވެސް މިއަދުގެ ޕޮޑްކާސްޓުގައި ރައީސް ހާމަ ކުރެއްވި އެވެ.
އޭގެ އިތުރުން ރައީސް މިއަދު ވެސް ވިދާޅުވީ، މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ޝަރީއަތްތައް އަވަސް ވެގެން ކަމަށެވެ. އެކަން ކުރުމަށްޓަކައި ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަން ފާހަގަ ކުރެއްވި އެވެ.
ކޯޓުތަކުގެ ޖަގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި ހުޅުމާލޭގައި ވަގުތީ ކޯޓް އިމާރާތެއް ގާއިމް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ