އެމްޑީޕީ މުޒާހަރާއިން ރޭ ހައްޔަރުކުރި އިބްރާހިމް ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފި އެމްޑީޕީ މުޒާހަރާއިން ރޭ ހައްޔަރުކުރި އިބްރާހިމް ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފި

ސަރުކާރުން ކުރަމުން ގެންދާ ނޭއްގާނީ ކަންތައްތަކާ ދެކޮޅަށް އަޑުއުފުލައި އިދިކޮޅު އެމްޑީޕީން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ރޭ ހައްޔަރު ކުރި އެ ޕާޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް، އިބްރާހިމް އަބްދުﷲ (ގައްބެ) ޝަރުތު ކުރުމަށްފަހު ބަންދުން މިއަދު ދޫކޮށްލައިފި އެވެ.
އިބްރާހިމް ބަންދުން ދޫކޮށްލީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތު ކުރުމަށްފަހު އެވެ.
އޭނާ ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމާއި ކުށެއް ކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރޭގެ މުޒާހަރާއިން އިބްރާހިމް އާއެކު މައްޗަންގޮޅި މެދު ދާއިރާގެ ރައީސް، ޝާޒިން ވެސް ހައްޔަރުކުރި އެވެ. ނަމަވެސް ޝާޒިން ވަނީ ރޭގައި ދޫކޮށްލައިފަ އެވެ.
އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް ކުރަން ފެށީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުން އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކޮށް އެ ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑު ކުރުމުންނެވެ.
އޭގެއިތުރުން ހައްގު ނުވާ ކަމަށް ބުނެ ފްލެޓު ލިސްޓުން އެތައް ބަޔަކު އުނިކޮށް ނެރުނު ލިސްޓާ ދެކޮޅަށް ވެސް އެމްޑީޕީން ގެންދަނީ މުޒާހަރާތަކުގައި އަޑު އުފުލަމުންނެވެ.
އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަށް ފުލުހުން ގެންދަނީ ހުރަސް އަޅަމުންނެވެ. އެގޮތުން ފާއިތުވި ދެ ރޭ ވެސް އެމްޑީޕީގެ މުޒާހަރާގެ ތެރެއަށް ވަދެ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ