މޮނާކޯ ބަލިކޮށް ޕީއެސްޖީ އެއް ވަނައިގައި ހަމަޖެހިލައިފި މޮނާކޯ ބަލިކޮށް ޕީއެސްޖީ އެއް ވަނައިގައި ހަމަޖެހިލައިފި

ޕެރިސް (ފެބްރުއަރީ 8) - ފްރެންޗް ލީގުގައި ރޭ މޮނާކޯ އަތުން 4-1 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައި ޕީއެސްޖީ ހަމަޖެހިލައިފި އެވެ.
ރޭގެ މޮޅާ އެކު، ޕީއެސްޖީ އަށް ވަނީ ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ޕީއެސްޖީ އަށް 21 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާސޭ އަށް 20 މެޗުން ހޯދުނީ 40 ޕޮއިންޓެވެ. މޮނާކޯ ތިން ވަނައިގައި އޮތީ 21 މެޗުން 37 ޕޮއިންޓާ އެކު އެވެ.
ޕީއެސްޖީ އަށް މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޕޯޗުގީސް މިޑްފީލްޑަރު، ވިޓީނިއާ އެވެ. އެކަމަކު، މެޗުގެ 17 ވަނަ މިނިޓްގައި ޑެނިސް ޒަކަރިއްޔާ ވަނީ އެއްވަރުކޮށްދީފަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ނުވަ ވަަނަ މިނިޓްގައި، ޕީއެސްޖީ އަށް އަލުން .ލީޑުނަގައިދިނީ ކްވިޗާ ކްރަވަޝްކޭލިއާ އެވެ. މިއީ، ޖެނުއަރީ ޓްރާންސްފާގައި ނަޕޯލީ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ފަހުން، އެ ޓީމަށް ކްރަވަޝްކޭލިއާ ޖަހައިދިން ފުރަތަމަ ލަނޑެވެ.
ޕީއެސްޖީގެ ފަހު ދެ ގޯލު ޖެހީ މި ސީޒަނުގައި ލަނޑު ޖެހުމުގެ ރަނގަޅު ފޯމެއްގައި ހުރި އޮސްމާން ޑެމްބެލޭ އެވެ. މި މެޗުގައި ޖެހި ދެ ގޯލާ އެކު، ފްރެންޗް ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އުޅޭ ޑެމްބެލޭ މި ސީޒަނުގައި ޖެހި ލީގު ގޯލުގެ އަދަދު ވަނީ 16 އަށް އަރައިފަ އެެވެ.
ރޭގެ މެޗުގެ ކުރިން ޕީއެސްޖީން ވަނީ އެ ކްލަބާ އެކު ކޮންޓްރެކްޓް އާ ކުރި ފަރާތްތައް އިއުލާނުކޮށްފަ އެވެ. އެ ގޮތުން، ކޯޗު ލުއިސް އެންރީކޭ 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކުރިއިރު، އަޝްރަފް ހަކީމީ، ވިޓީނިއާ އަދި ނޫނޯ މެންޑޭޒް ވަނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން އާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ