ރ. މީދޫގައި ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ ރ. މީދޫގައި ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރ. މީދޫގެ މަގުމަތީ އަޑުގަދަ ކުރަމުންދިޔަ ކުދިބައެއްގެ ތެރެއިން ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މީދޫގެ މަގުމަތީ ބުރާސްފަތި ދުވަހުގެ ރޭ އަޑުގަދަ ކުރަމުންދިޔަ ކުދިބަޔަކަށް އެކަން އެގޮތަށް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވި ކަމަށެވެ. ނަމަވެސް އަޑުގަދަ ކުރުން ނުހުއްޓާނެ ކަމަށް ބުނެ ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް އެ ކުދިން ދެކޮޅު ހެދި ކަމަށް ފުލުހުން ބުންޏެވެ.
ޒާތީ މައުލޫމާތު ނުދޭނެ ކަމަށް ބުނެ ސުލްހަ ވާން އެ ކުދިން ދެކޮޅު ހެދުމުން އެ ރަށު ފުލުސް ސްޓޭޝަނަށް ހާޒިރުވުމަށް އޮފް ޑިއުޓީގައި ހުރި ފުލުސް އޮފިސަރު އެންގި ކަމަށް ފުލުހުން ބުންޏެވެ. އެގޮތަށް އެ ކުދިންނަށް އެންގުމުން އަޑުގަދަ ކުރި ކުދިންގެ ތެރެއިން ކުއްޖަކު އެ ފުލުސް އޮފިސަރަށް ހަމަލާދިން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ހަމަނުޖެހުން ހިންގި ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާ ކުރި ކަމަށް އެ ކުއްޖާގެ އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަ ވެސް ފުލުހުން ބަލަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އޭގެއިތުރުން އެ ހާދިސާގައި ފުލުސް އޮފިސަރަށް ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލު ކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރ. މީދޫގައި ކުޑަކުއްޖަކު ހައްޔަރު ކުރަން އުޅުނު ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ކުލަ ހެދުމުގައި ހުރި ފުލުހަކު އެ ކުއްޖާ ގެންދަން މަސައްކަތް ކުރުމުން، ދެކޮޅު ހަދައި ފުލުސް މީހާ ބިންމައްޗަށް ވައްޓައިލާ މަންޒަރެވެ. ފުލުސް މީހާ ބިންމައްޗަށް ވައްޓައިލުމާއެކު، ކުޑަ ކުއްޖާ ވެސް ބިން މައްޗަށް ވައްޓައިލާ އެ ކުއްޖާ މަތަ ކުރާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އެ މަންޒަރު ބަލަން އެ ރަށު ބަޔަކު އެ ސަރަހައްދުގައި ތިބޭ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ