ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ގޮތަށް ރިޔާސީ އިންތިހާބައި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް އޮތް ފުރުސަތު ގެއްލިގެންދާނެ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް މިއަހަރު ދިޔުމަށް ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ. އެ ބަދަލު ގެންނަން ޖެހޭ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރައްވަނީ ކައިރި ކައިރީގައި ދެ އިންތިހާބު ބޭއްވުމުން ހަރަދު ބޮޑުވުމެވެ.
"އަދަދު" ނޫހުގެ "އެއްޗެއް ކަޅެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ހަރަދު ކުޑަކުރަން ބޭނުންވާނަމަ އެއްކޮށްލަންވީ ކައުންސިލް އިންތިހާބައި ރިޔާސީ އިންތިހާބު ކަމަށް ވިދާޅުވެފަ އެވެ. އެއީ ކައުންސިލްތަކަކީ ސަރުކާރުން އެކަށައަޅާ ކަންކަން ރަށްރަށުގައި ކުރިއަށްގެންދަން އޮތް އިދާރާ ކަމަށްވުމުން އެ ދެ އިންތިހާބު އެއްކޮށްލުމުގެ ފުރުސަތު އޮތުމުން ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.
މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ފަހު މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް ތަނަކީ މަޖިލީހަށް ވުމުން ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ހޮވިފައި ދެން ރައްޔިތުންގެ މަޖިލިސް ހޮވާ ކަމަށްވަންޏާ ރައްޔިތުންނަށް އެނގޭނެ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވުމަށްޓަކައި މުހިންމޭ އިދިކޮޅުގެ މީހުން ހޮވަން. ވަނީ އެހެނެއް ނޫން. މިފަހުން މަޖިލިސް ދިޔައީ ސަރުކާރާ ދިމާލަށް. އެއީ ރައްޔިތުންގެ ނިންމުމެއް. މިހާރު ރައްޔިތުންނަށް އެ ނިންމުމުގެ ބާރު އެބައޮތް. މިހާރު އެ ޕްރޮޕޯސްކޮށްފައި އޮތް ގޮތަށް ހަދައިފިއްޔާ ރައްޔިތުންނަށް ނޭނގި ތިބެ ވޯޓު ލާނީ. އެއީކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން," އޭނާ ވިދަޅުވި އެވެ.
އޭގެ ބަދަލުގައި މަޖިލީހުގެ ދައުރުގެ މެދު ތެރެއިން މިޑްޓާމް އިންތިހާބަކަށް ނުވަތަ ރިޔާސީ އިންތިހާބުގެ ދޮޅު އަހަރު ފަހުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން ހޮވަން ޖެހޭ ގޮތަށް ހެދި ދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެއީ އެމެރިކާ އާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތެވެ.
"އޭރުން ރައްޔިތުންނަށް އެބަ ލިބޭ ސަރުކާރާ މެދު ބަހެއް ބުނުމުގެ ފުރުސަތު. އޯކޭ އޭ ނޫނީ ރަނގަޅޭ ބުނަން ވޯޓުން. އެކަމަކު މިހާރު އޮތް ގޮތުން އެއީ ވަރަށް ބޮޑު ގޯހެއް. ހަރަދު ކުޑަކުރަންޏާ ކުރަންވީ ކަމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ކައުންސިލްތައް އެއްކޮށް ހޮވަންވީ،" ފައްޔާޒު ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރަސްމީކޮށް ވަކި ގޮތެއް އެމްޑީޕީން ނިންމާފައި ނުވެ އެވެ. ބެލެވޭ ގޮތުގައި ރައީސް މުއިއްޒުގެ ހުށަހެޅުމަށް އެ ޕާޓީން ތާއީދެއް ނުކުރާނެ އެވެ.
އާންމުކޮށް ބާއްވާ އިންތިހާބުތައް ފިޔަވައި ރައްޔިތިންގެ ފެންނަ ނުފެންނަ ވޯޓެއްގެ ނަގައިގެން އެންމެ ފަހުން ކަމެއް ކަނޑައެޅީ ގާނޫނު އަސާސީގައި ވެރިކަން ހިންގާ ނިޒާމު ކަނޑައެޅުމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމަކީ ގޯހެއް، އެއީ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ފުރުސަތު ރައްޔިތުންނަށް ގެއްލުވައިލުން: ފައްޔާޒު ދެ އިންތިހާބު އެއްކޮށްލުމަކީ ގޯހެއް، އެއީ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ފުރުސަތު ރައްޔިތުންނަށް ގެއްލުވައިލުން: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ