އަމުރަށް ނުކިޔަމަންތެރިވި ކުޑަކުއްޖަކާ މެދު އަމަލުކުރި ގޮތް ތަހުގީގު ކުރަނީ

އަމުރަށް ނުކިޔަމަންތެރިވި ކުޑަކުއްޖަކާމެދު ފުލުހުން އަމަލު ކުރި ގޮތް ތަހުގީގު ކުރަން ފަށައިފިއެވެ.
ރ. މީދޫގައި އުމުރުން 14 އަހަރުގެ ކުޑަކުއްޖަކު ކުލަ ހެދުމުގައި ހުރި ފުލުހަކަށް ހަމަލާ ދިނުމުން ފުލުސް އޮފިސަރު އެ ކުޑަކުއްޖާ ގްރައުންޑުކުރި ސީސީޓީވީ ފުޓޭޖު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
އެކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރ. މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭއްލަވަމުން ދިޔަ ކުދި ބަޔަކަށް އެގޮތަށް ކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
ނަމަވެސް އެކަން ހުއްޓައި ނުލާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅު ހަދާފައިވެއެވެ.
އެހެންކަމުން ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އެދުމުން ހަމަނުޖެހުން ހިންގައި އޮފިސަރަށް ހަމަލާ ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާ ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ، އެ މައްސަލަ ވެސް ފުލުހުން ބަލަމުންދާ ކަމަށް މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.
ހަމައެހެންމެ މި ހާދިސާގައި ކުއްޖާ ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމަށް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ