ދެވަނަ ހާފުގައި ޖެހި ތިން ލަނޑާއެކު، ބަޔާންއިން ބްރޭމަން ބަލިކޮށްފި

ޖަރުމަނު ބުންޑެސްލީގާގައި ތާވަލްގެ އެއްވަނައިގައި އުޅޭ ބަޔާން މިޔުނިކާއި ވާޑާ ބްރޭމަން ބައްދަލުކުރި މެޗު ބަޔާންއިން ކާމިޔާބުކޮށްފިއެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. ނަމަވެސް ބްރޭމަންއިންވެސް ވަނީ މިމެޗުގައި ވަރަށް ރަނގަޅަށް ޑިފެންޑްކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ބްރޭމަންއިންވަނީ ބަޔާންއަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލާފައެވެ. ނަމަވެސް އެޓީމަށް މިގޮތަށް ހިފަހައްޓާލެވޭވަރުވީ 56 ވަނަ މިނެޓާއި ހަމައަށެވެ. މިމެޗުގައި ބަޔާންއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު 56 ވަަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ. އެޓީމުން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިރޯއި ސާނޭއެވެ. އަދި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ކޭންއެވެ. މިއީ މިސީޒަންގައި ބުންޑެސްލީގާގައި އޭނާ ކާމިޔާބުކުރި 21 ވަނަ ލަނޑެވެ. ބަޔާންއަށް ބަދަލުވިފަހުން ކޭން މިހާތަނަށް ލީގުގައި ކުޅުނު 51 މެޗުގައި 57 ލަނޑު ކާމިޔާބު ކޮށްދިފައިވެއެވެ. އަދި މިސީޒަންގައި ހުރިހާ މުބާރާތަކަށް ބަލާލާއިރު ކޭން ވަނީ 28 ލަނޑު މިހާތަނަށް ކާމިޔާބު ކޮށްފައެވެ. މިމެޗުގައި ބްރޭމަންއިން ރަނގަޅަށް ޑިފެންޑް ކުރި ނަމަވެސް މާބޮޑަށް ކުރިއަށް އަރައިގެން ކުޅެވިފައެއް ނުވެއެވެ. މިކާމިޔާބީއާއެކު ބަޔާން މިހާރު އުޅެނީ 54 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އާއި ދެމެދު ނުވަ ޕޮއިންޓްގެ ތަފާތެއް މިވަގުތު އެބައޮތެވެ. ނަމަވެސް މިހަފުތާގައި ލެވަކޫސެން ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ އަލުން މިފަރަގު ހަ ޕޮއިންޓަށް ކުޑަވާނެއެވެ. އަދި ބްރޭމަން އުޅެނީ 30 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ