ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި އެއާޕޯޓުތައް ތަރައްގީކުރާ ރަށްތައް ނަންގަންނެވިއިރު, ހދ. މަކުނުދޫ އެއާޕޯޓުގެ ވާހަކަ ނުދެއްކެވެމުން އެ ރަށު ރައްޔިތުން މިއަދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މަކުނުދޫ ރައްޔިތުންގެ ހިތްހަމަނުޖެހުންތައް ބަންޑުންކޮށްލީ, ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތޮލިބު އެ ރަށަށް ވަޑައިގަންނަވާ ރައްޔިތުންނާ އެކީ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މުއްތޮލިބު އެ ރަށަށް ވަޑައިގެންނެވީ މާދަމާ އޮންނަ ލޯކަލް ކައުންސިލުގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓަށް ކެމްޕެއިން ކުރެއްވުމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި މަކުނުދޫގެ ގިނަ ރައްޔިތުން ތިބީ އެއާޕޯޓު ލިސްޓުގައި މަކުނުދޫ ނެތް މައްސަލައިގައި އިހުތިޖާޖުކުރަން ކަރުދާސްގަނޑެއް ހިފައިގެންނެވެ. އެ ކަރުދާސްތަކުގައި "ކޮބާ އެއާޕޯޓު" އަދި "އެއާޕޯޓު ލިސްޓުގައި މަކުނުުދޫ ނެތް" އަދި އެ ރަށަށް ވައުދުވެފައިވާ އެހެނިހެން މަޝްރޫއުތަކާ ގުޅޭ އިބާރާތްތައް ވެސް ލިޔެފައިވެ އެވެ.
އިހުތިޖާޖުގައި ބައިވެރިވި ރައްޔިތުން ވަނީ ރައީސްގެ އިސްތިއުފާއަށް ގޮވާލައި, ވައުދުވެފައިވާ ކަންކަން ފުއްދައިދޭން ގޮވަމުން މުއްތޮލިބުގެ ފަހަތުން ވެސް ހިނގާފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުން މި އިހުތިޖާޖުގައި ބައިވެރިވެފައިވެ އެވެ.
ހދ. އަތޮޅުގެ އެހެން ރަށްތަކާ އެކެހެރިކޮށް އޮންނަ މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށީ ކުރީ ސަރުކާރުންނެވެ. އޭރު އިއުލާންކުރީ އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާށެވެ. މި މަސައްކަތް ކްރޮސް ސަބްސިޑީ އުސޫލުން ހަވާލުކުރީ މަސް ބޭރުކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިގް ފިޝްއާ އެވެ.
އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް އޮތީ އެއްކޮށްހެން ނިމިފަ އެވެ. މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކީ އެ ރަށުގެ ދެކުނު ބިތުން ފެށިގެން, އެއް ފަޅެއްގެ ތެރޭގައި އޮންނަ ހުރައާ ދޭތެރޭގަ އެވެ.
ބިން ހިއްކާ ނިމުނަސް އެއާޕޯޓު ތަރައްގީކުރަން ބަޔަކާ ހަވާލުނުކުރި ސަބަބެއް އަދި ނޭނގެ އެވެ. އަދި ރައީސްގެ ރިޔާސީ ބަޔާނުގައި އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ ވާހަކަ ނަންނުގަތީ ކީއްވެގެން ކަމެއް މިހާތަނަށް ސަރުކާރުން ނުބުނެ އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓާއެކީ ވަކިވަކި ރަށްރަށުގައި ހިންގާ މަޝްރޫއުތައް އަންގައިދޭ ޕީއެސްއައިޕީ ލިސްޓު އާންމުނުކުރާތީ, އެއާޕޯޓު ތަރައްގީކުރާ ބަޖެޓުގެ ބޭނުންކޮށްގެން އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ.
އެއާޕޯޓު ލިސްޓުގައި މަކުނުދޫ ނެތުމުން ރައްޔިތުން ހިތްހަމަނުޖެހި, އިހުތިޖާޖުކޮށްފި އެއާޕޯޓު ލިސްޓުގައި މަކުނުދޫ ނެތުމުން ރައްޔިތުން ހިތްހަމަނުޖެހި, އިހުތިޖާޖުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ