ރައީސް ފިޔާޒަށް އިންޒާރު ދިންކަން އެނގެން ނެތުމުން ޕީޖީ އޮފީހުން ދައުވާ ނުކުރަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީ.އީ.އޯ ޙުސައިން ފިޔާޒު މޫސާއަށް އިންޒާރު ދިންކަމަށް ބުނެ ހުށަހެޅުނު މައްސަލައިގައި ދަޢުވާ ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
މިކަމާގުޅިގެން ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ދަޢުވާ ނުކުރަން ނިންމާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ހެކި ޤަރީނާ ދިރާސާކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޙުސައިން ފިޔާޒު މޫސާއަށް ޤާނޫނީ ގޮތުން އިންޒާރެއް ކަމަށް މާނަކުރެވޭނެ ފަދަ އެއްވެސް ބަހެއް ނުވަތަ އިބާރާތެއް ބޭނުންކުރައްވާފައި ނުވާތީއެވެ.
މި މައްސަލައިގައި ފިޔާޒު ފުލުހުންނަށް ހުށަހަޅާފައިވަނީ 14 މާރިޗު 2025 ވަނަ ދުވަހުގެ 19:04 އެހައިކަށްހައިއިރު، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ފޯނުން ގުޅުއްވައި "ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އިންޒާރު ދެއްވާފައިވާ ކަމަށް ބުނެއެވެ.
ޕީޖީ އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ ބާބާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ ދަށުން އިންޒާރެއް ކަމަށް ބެލެވޭނީ މީހެއްގެ ފުރާނައަށް، ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމުންނެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަކީ ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ޢަމަލަކަށް ނުވާތީ، މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ