ރާއްޖެ އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގްރާމްގެ މަސްތުވާތަކެތި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޓްވީޓެއްގައި ވަނީ، މަގުމަތީ އަގުން ބަލާނަމަ މިތަކެތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. https://x.com/min_mohst/status/1932497879513571525 މިނިސްޓަރު ވަނީ، ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ. "މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުން،" މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވެއެވެ. މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެވިޔަ ނުދީ ކަސްޓަމުން ހިފަހައްޓައިފައި ވެއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ