ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް، އެ ދައުރު ނިމިއްޖެ: ވަހީދު
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އެ ދައުރު ނިމިއްޖެ ކަމަށް ކުރީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ މުޝީރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށާއި އުންމީދަކީ ކުރިއަށް ހުރި ސަރުކާރުތަކަށް ވެދެވެނު އެހީތެރިކަމެއްވުން ކަމަށެވެ. އަޅުގަނޑުގެ ވިސްނުމަކު ނެތް [ރިޔާސީ] އިންތިޚާބަށް ކުރިމަތިލުމެއް. އަޅުގަނޑުގެ ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ އެ ދައުރު ނިމިއްޖެ، ކުރީގެ ރައީސް މުހައްމަދު ވަހީދު ރައީސް މުއިއްޒުގެ ޚާއްސަ މުޝީރުގެ މަގާމަށް ރައީސް ވަހީދު އައްޔަންކުރެއްވީ މިދިޔަ މަހުގެ 26ގައެވެ. އެ މަގާމު އަދާކުރައްވަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ސަރުކާރަށް ޚިދުމަތް ކުރުމުގެ ފުރުސަތު ރައީސް މުއިއްޒު ދެއްވީ އެ މަނިކުފާނާ ދޭތެރޭ ރަނގަޅަށް ވިސްނާވަޑައިގަންނަވާތީ ކަމަށް ވަހީދު ވިދާޅުވިއެވެ. އެކަމަށްޓަކައި އެ މަނިކުފާނު ވަނީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މިހާރު ކުރައްވާ މަސައްކަތުގައި ސިޔާސީ ވިސްނުމެއް ނެތް ކަމަށާއި އެ މަނިކުފާނަށް ވެދެއްވުނު އެންމެ ރަނގަޅަށް ރައްޔިތުންނާއި ގައުމަށް ޚިދުމަތް ކޮށްދެއްވާނެ ކަމަށް ވަހީދު ވިދާޅުވިއެވެ. ޑރ. ވަހީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޚާރިޖީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖެއިން އެންމެ ފުރަތަމަ ޕީއެޗްޑީ ދަރަޖައަށް ތައުލީމް ހާސިލް ކުރެއްވި ބޭފުޅަކީވެސް އެއީއެވެ. ވަހީދު 2008ވަނަ އަހަރުގެ އިންތިޚާބުގައި ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގަތީ، އެމްޑީޕީގެ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިން މޭޓެއްގެ ގޮތުގައެވެ. އޭރު އެ މަނިކުފާނު، ހުންނެވީ ގައުމީ އިއްތިހާދުގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވައިގެންނެވެ. ވަހީދު މަނިކުފާނު ވެރިކަމަށް ވަޑައިގަތީ، ރައީސް ނަޝީދު 2012ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން 2013ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވި ނަމަވެސް، ފުރަތަމަ ބުރުން 10,750 ވޯޓާއެކު ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާއެވެ. ފަހުން، ކޯޓުން އެ އިންތިޚާބު ބާތިލުކޮށް، އަލުން ވޯޓުލީ އިރު، އެމަނިކުފާނު ވަނީ ނަން އަނބުރާ ގެންދަވާފައެވެ. އެ އިންތިޚާބަށް ފަހު ވަހީދު ޕީޕީއެމާ ގުޅިވަޑައިގަތެވެ. އެ ޕާޓީގައި ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވުމަށްފަހު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގާތް ވެފައި ވަނިކޮށް އެ ޕާޓީން ވަކިވެވަޑައިގަތެވެ. އެއިރު އެ މަނިކުފާނު ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަ ނުކުރެއްވިދާނެ ހާލަތެއްގައި އެ މަނިކުފާނު ވެސް ހުންނެވީ 2023ގެ ރިޔާސީ ކެންޑިޑެސީގެ އުންމީދުގައި ކަމަށާއި އެ ޕާޓީން ވަކިވީ ކެންޑިޑޭޓަކު ނުނެރެ، ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމުމުން ކަމަށެވެ. ޕީއެންސީގެ ޓިކެޓު ހޯއްދެވީ ރައީސް މުއިއްޒެވެ. ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ފަހު ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ތާއިދުކުރެއްވިއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުން ގާސިމަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވީ އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ރައީސް މުއިއްޒު ކަމަށްވާއިރު، ގާސިމާއި ވަހީދު ވެސް އެއްވެސް ބޭފުޅަކަށް ތާއިދުނުކުރައްވައެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވަހީދު ވިދާޅުވިއިރު، މިފަހުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ. އޭގެކުރިން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ