މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި 290 މީހަކު މަރުވެފައިވާ ކަމަށް ލަފާކޮށްފި

އިންޑިއާގެ ހުޅަނގުގެ ސިޓީ، އަހްމަދުއާބާދުގެ އެއާޕޯޓަކުން ލަންޑަނަށް ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މީހުން ދިރިއުޅޭ އަވަށަކަށް، އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 290 އަށް އަރައިފައިވާ ކަމަށް ލަފާކޮށްފި އެވެ.
އެއާ އިންޑިއާގެ މަތިންދާ ބޯޓު ވެއްޓުމާ އެކު އުޑުމައްޗަށް ކަޅު ކުލައިގެ ގަދަ ދުމެއް އުފެދިފައިވާ މަންޒަރު އެ ސަރަހައްދުން ނަގާފައިވާ ފޮޓޯތަކުން ފެނެ އެވެ. އަދި އެ ބޯޓު ގޮސް ވެއްޓިފައިވަނީ އިމާރާތރެއްގެ މައްޗަށެވެ.
މަރުވި މީހުންގެ ތެރޭގައި ފްލައިޓުގައި ތިބި ފަސިންޖަރުންނާއި ބޯޓު ވެއްޓުނު އިރު ބީޖޭ މެޑިކަލް ކޮލެޖްތެރޭގައި ތިބި މީހުންނާއި އަވަށު މީހުން ހިމެނޭ ކަމަށް އަހްމަދުއާބާދު ސިވިލް ހޮސްޕިޓަލުގެ ސީނިއާ ޑޮކްޓަރަކު ސީއެންއެން އަށް ވިދާޅުވި އެވެ.
މަރުވާ މީހުންގެ އަދަދު އަދި ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
އެއާ އިންޑިއާ އިން ބުނީ އެ ބޯޓުގައި 242 މީހުން ތިބި ކަމަށާއި އެ އޭގެ ތެރޭގައި އިންޑިއާގެ 169 މީހަކާއި އިނގިރޭސި ވިލާތުގެ 53 މީހަކު ހިމެނޭ ކަމަށެވެ. އަދި  ޕޯޗުގަލްގެ ހަތް މީހަކާއި ކެނެޑާގެ ރައްޔިތަކު ހިމެނެ އެވެ.
ބޯޓުގައި ތިބި މީހުންގެ ތެރެއިން އެކަކު ވަނީ ސަލާމަތްވެފަ އެވެ. އެއީ އިނގިރޭސި ރައްޔިތެކެވެ. އޭނާ އަންނަނީ ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ.
އޭނާ ވަނީ ހޮސްޕިޓަލުގައި އޮވެ، ހިންދުސްތާނުން ޓައިމަށް މައުލޫމާތުދީފަ އެވެ. އޭނާއާ ހަވާލާދީ އެ ނޫހުން ބުނީ ބޯޓު ނައްޓާލިތާ 30 ސިކުންތުގެ ތެރޭގައި ބާރު އަޑެއް އިވުނު ކަމަށާއި އެއަށް ފަހު ބޯޓު ވެއްޓުނީ ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް ހިނގީ ހިނދުކޮޅެއްގެ ތެރޭގައި ކަމަށެވެ.
ފުލުހުންގެ އިސް އޮފިޝަލަކު ނޫސްވެރިންނަށް ވިދާޅުވީ މަތިންދާބޯޓު ޖެހިފައިވަނީ ބީޖޭ މެޑިކަލް ކޮލެޖުން ހިންގާ ޑޮކްޓަރުންގެ ހޮސްޓެލްއެއްގައި ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ބޯޓު ނައްޓާލުމާ އެކު، ދެން ފެނުނީ މަޑުމަޑުން ތިރިވަމުން ތިރިވަމުން ގޮސް އިމާރާތެއްގައި ބޯޓު ޖެހި ހުޅުފަޅައިގެންދާ ތަނެވެ.
އިންޑިއާގެ ޑިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ބުނި ގޮތުގައި މަތިންދާބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެއާ ޓްރެފިކް ކޮންޓްރޯލަށް މޭޑޭ ކޯލެއް ކުރި އެވެ.
"ނަމަވެސް އޭގެ ފަހުން އެއާ ޓްރެފިކް ކޮންޓްރޯލުން ކުރި މުއާމަލާތްތަކަށް މަތިންދާ ބޯޓުން ޖަވާބެއް ދީފައެއް ނުވެ އެވެ. ރަންވޭ 23 އިން ފުރި މަތިންދާބޯޓް ވަގުތުން ވެއްޓުނީ އެއާޕޯޓުގެ ބައުންޑަރީގެ ބޭރަށެވެ. އަދި އެކްސިޑެންޓް ހިނގި ތަނުން ގަދަ ކަޅު ދުން އަރަމުން ދިޔަތަން ފެނުނެވެ." ބަޔާނުގައި ބުންޏެވެ.
ފްލައިޓްރާޑާ24ގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ބޯޓު ފުރިތާ މިނެޓެއް ނުވަނީސް 625 ފޫޓު މަތީގައި އޮތް ބޯޓުގެ ސިގްނަލް ގެއްލުނެވެ. އެ ރެކޯޑްތަކުން އެނގުނު ގޮތުގައި މަތިންދާބޯޓު ތިރިއަށް ފައިބަން ފެށީ މިނެޓަކު 475 ފޫޓުގެ ވާޓިކަލް ސްޕީޑުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ