އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބް ހިންގަން ބަޔަކު ހޯދަން އިއުލާންކޮށްފި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބް ހިންގަން ބަޔަކު ހޯދަން އިއުލާންކޮށްފި

ހިދުމަތް ނުފެށި ދިގުލައިގެން ގޮސްފައިވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބު ފަސް އަހަރުގެ މުއްދަތަށް މެނޭޖްކޮށް އޮޕަރޭޓުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ކެތު ލެބު އޮޕަރޭޓުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތުގެ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.
އީއޯއައި މެއިލް މެދުވެރިކޮށް ހުށަހެޅުމަށް ފިނޭންސުން ދީފައިވާ ސުންގަޑިއަކީ ޖޫން 29، ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިންނެވެ.
މިގޮތުން މަސައްކަތާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް ފިނޭންސްގެ ވެބްސައިޓުން ޖޫން 15، އިން ފެށިގެން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ފިނޭންސުން ދޭނެ އއެވެ.
މީގެއިތުރުން މަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ ޖޫން 18، ގެ ކުރިން ފިނޭންސަށް މެއިލް ކުރުމަށް އެ މިނިސްޓްރީން އެދެ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބު އޮޕަރޭޓު ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލީ ކެތު ލެބުގެ ހިދުމަތް ފަށާނެ ދުވަސް ސާފުކޮށްދޭން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހެލްތު މިނިސްޓަރާއި ސުވާލު ކުރުމަށް މިދިޔަ މަހު ނޯޓިސް ފޮނުވާފައި ވަނިކޮށެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިދިޔަ އަހަރު އިމަޖެންސީގައި މާލެއަށް ފޮނުވި ކޮންމެ ފަސް މީހަކުން އެކަކަކީ ކާޑިއެކް އެމަޖެންސީގެ ސަބަބުން ފޮނުވަން ޖެހުނު މީހުން ކަމަށް އަޒާން ވިދާޅުވި އެވެ.
އައްޑޫ ހޮސްޕިޓަލުގައި ކެތު ލެބެއް ގާއިމު ކުރުމުގެ މަސައްކަތް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފަށާއި އެ މަސައްކަތް އޮކްޓޯބަރު 17، 2023 ގައި ވަނީ ނިންމާފަ އެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މާލޭގައި ހުރި ފެންވަރުގެ ކެތު ލެބެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ރައީސް މުއިއްޒު އެހެން ވިދާޅުވިއިރު ކެތު ލެބުގެ މަސައްކަތް އެއްކޮށް ނިމި، އޮޕަރޭޝަން ފެށުމަށް އޮތީ ތައްޔާރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ