ޗާގޯސް އެއްބަސްވުން އަލުން މުރާޖާ ކުރުމަށް އދ.ގެ ޕެނަލަކުން ގޮވާލައިފި

ޗާގޯސް ރަށްތައް މޮރިޝަސްއަށް ހަވާލު ކުރުމުގެ އެއްބަސްވުމާ މެދު އަލުން މަޝްވަރާ ކުރުމަށް އދ.ގެ ޕެނަލަކުން އިނގިރޭސިވިލާތަށް ގޮވާލައިފި އެވެ.
މިދިޔަ މަހު ގާއިމު ކުރި އެ އެއްބަސްވުމުގެ ދަށުން ރާއްޖެ ހިމެނޭ ބިންގާމަތީގައި އޮންނަ ރަށްތަކުގެ ކޮންޓްރޯލް މޮރިޝަސްއަށް ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް ޗާގޯސް ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށް، ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހިންގުމުގެ އިހްތިޔާރު އިނގިރޭސިވިލާތުން ވަނީ ހިފަހައްޓައިފަ އެވެ.
ޗާގޯސް މީހުން ޑިއޭގޯ ގާސިއާއަށް އެނބުރި ރުޖޫއަވުމަށް ހުރަސް އެޅޭ ގޮތަށް އެގްރީމަންޓް އޮތުމުން، އެ އެއްބަސްވުމަކީ ޗާގޯސް މީހުންނަށް އެނބުރި ދިއުމުގެ ހައްގާ ފުށުއަރާ އެއްބަސްވުމެއް ކަމަށް އދ.ގެ ތަޖުރިބާކާރުން ލިޔުއްވާފައިވެ އެވެ.
އިނގިރޭސި ހާރިޖީ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ބަލައިގެންފައިވާ ކަމަށެވެ.
އެ މައްސަލަ އަލުން ބެލުމަށް ވަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ހަތަރު ތަޖުރިބާކާރުންގެ ޕެނަލެއް އެކުލަވާލައިފަ އެވެ. ނަމަވެސް އެ ޕެނަލްގައި އދ.ގެ މުވައްޒަފަކު ނުހިމެނެ އެވެ. މުޅިން ވެސް ތިބީ މިނިވަން ބޭފުޅުންނެވެ.
އިނގިރޭސިވިލާތުން ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު ދަމަހައްޓަމުން އަންނަ އިރު ޗާގޯސް ރައްޔިތުންނަށް އެ މީހުން ބޭރުކުރި ކާބަފައިންގެ ބިންތަކަށް ރުޖޫއަވުމުގެ ހައްގުތަކުން މަހުރޫމުކޮށްފައިވާ ކަމަށް އެ މީހުން ބުނެ އެވެ.
ހަތަރު ބޭފުޅުންގެ ޕެނަލުން އެދުނީ މިހާރު އޮތް އެއްބަސްވުން މަޑުޖައްސާލުމަށް ފަހު، އާ އެއްބަސްވުމަކާ މެދު މަޝްވަރާ ކުރުމަށެވެ.
އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެމެރިކާ ހިމެނޭ ގޮތަށް ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު ދެމެހެއްޓުމަށް އިނގިރޭސިވިލާތުން 99 އަހަރަށް، އަހަރަކު އެވްރެޖްކޮށް 101 މިލިއަން ޕައުންޑް ހަރަދު ކުރެ އެވެ.
އިނގިރޭސިވިލާތުން އެ ރަށްތައް ގަތީ 1968 ވަނަ އަހަރު 3 މިލިއަން ޕައުންޑަށެވެ. ނަމަވެސް މޮރިޝަސް އިން ބުނަމުން ދަނީ އިނގިރޭސިވިލާތުގެ ކިބައިން މިނިވަންކަން ހޯދުމަށް ރަށްތައް ދޫކޮށްލަން މަޖުބޫރުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.
އޭގެ ފަހުން ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދިނެވެ. އަދި ޗާގޯސްގެ ގިނަ ބަޔަކު މޮރިޝަސް އާއި ސީޝެލްސްއަށް ގަދަކަމުން ބަދަލުކުރުމާ އެކު ނުވަތަ އިނގިރޭސިވިލާތުގައި ވަޒަންވެރިވުމުގެ ދައުވަތު ދިނެވެ. މައިގަނޑު ގޮތެއްގައި އެ މީހުން ދިރިއުޅެނީ ހުޅަނގު ސަސެކްސްގެ ކްރޮލީގަ އެވެ.
އެއަށް ފަހު ޗާގޯސް މީހުން އެނބުރި ޑިއޭގޯ ގާސިއާއަށް ދިއުން ވަނީ މަނާކޮށްފަ އެވެ.
އިނގިރޭސިވިލާތާއި މޮރިޝަސްގެ އެއްބަސްވުމުގައި މިދިޔަ މަހު ސޮއިކުރުމުގެ ކުރިން އިނގިރޭސިވިލާތުގައި ދިރިއުޅޭ ޗާގޯސްގެ ދެ އަންހެނަކު ވަނީ އެ މީހުން އުފަންވި ރަށަށް އެނބުރި ދިއުމުގެ ހައްގު އެ އެއްބަސްވުމުގެ ދަށުން ކަށަވަރު ނުވާ ކަމަށް ބުނެ އެކަން ހުއްޓުވުމަށް އެންމެ ފަހު ވަގުތު ގާނޫނީ ގޮތުން މަސައްކަތްކޮށްފަ އެވެ. އެ ދެ މީހުންނަކީ ޑިއޭގޯ ގާސިއާގައި އުފަންވި ދެ މީހުންނެވެ.
އިނގިރޭސިވިލާތާ އެކު ހަދާފައިވާ އެއްބަސްވުމުގައި، މޮރިޝަސް ތަމްސީލުކުރެއްވި ފިލިޕޭ ސޭންޑްސް ކޭސީ ވިދާޅުވީ މޮރިޝަސް އާއި ސީޝެލްސްގައި ދިރިއުޅޭ ޗާގޯސް ރަށްތަކުގެ ކުރީގެ ރައްޔިތުންނާ މަޝްވަރާ ކުރެއްވި ކަމަށެވެެ. ނަމަވެސް ކްރޮލީގެ ކޮމިއުނިޓީއާ އެކު މަޝްވަރާ ނުކުރާ ކަމަށް ވިދާޅުވި އެވެ.
އެ އެއްބަސްވުމުގައި ޗާގޯސިއަން މީހުންނަށް އެހީވުމުގެ ގޮތުން 40 މިލިއަން ޕައުންޑްގެ ޓްރަސްޓް ފަންޑެއް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ޗާގޯސް ރައްޔިތުންގެ ހައްގުތަކަށް ލިބޭނެތޯ ސުވާލުކޮށް އދ.ގެ ޕެނަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 
މީގެ އިތުރުން ޑިއޭގޯ ގާސިއާގެ ސަގާފީ ތަންތަނަށް ޗާގޯސިއަން ރައްޔިތުންނަށް ވަނުމުގެ ފުރުސަތު ފަހިކޮށްދީ، އެ މީހުންގެ ތަފާތު ސަގާފީ ތަރިކަ ހިމާޔަތް ކުރެވޭނެ ފިޔަވަޅުތައް ވެސް މި އެއްބަސްވުމުގައި ހިމަނާފައެއް ނުވެ އެވެ.
ޝެޑޯ ފޮރިން ސެކްރެޓަރީ ޑޭމް ޕްރިތީ ޕަޓޭލް ވިދާޅުވީ އެ އެއްބަސްވުމަކީ އިނގިރޭސިވިލާތުގެ ޓެކްސް ދައްކާ ފަރާތްތަކަށް ގެއްލުން ހުރި އަދި ޗަގޯސިއަން ރައްޔިތުންނަށް ގެއްލުން ހުރި އެއްބަސްވުމެއް ކަމަށް ކޮންޒަވޭޓިވްސް އިން ފެށުނީއްސުރެ އިންޒާރު ދެމުން އަންނަ އެއްބަސްވުމެއް ކަމަށެވެ.
އަދި އެ އެއްބަސްވުން ހުއްޓުވައި، އެ ރަށުގެ އަސްލު ރަށްވެހިންނަށް މަންފާ ކުރާނެ ޕްލޭނެއް ހިމެނޭ މުއާމަލާތުކުރަން ސަރުކާރަށް މަޖުބޫރުވާނެ ބިލެއް ކޮންޒަވޭޓިވް ޕާޓީން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އެ އެއްބަސްވުން ތަސްދީގު ކުރުމާ ދެކޮޅަށް ގަރާރެއް ފާސްކުރުމަށް ހައުސް އޮފް ކޮމަންސް އާއި ހައުސް އޮފް ލޯޑްސްއަށް އަންނަ މަހު 3 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ