އޭޝިއާގެ މަައި ފުޓްބޯޅަ އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.
އޭއެފްސީގެ ކޮމްޕެޓިޝަން ރޭންކިން އާއި އެހެނިހެން ކަންކަމަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަހައްދުގެ ޓީމުތައް ޗެލެންޖް ލީގުގެ ޕްލޭއޮފުގައި ކުޅެން ޖެހޭ ޓީމުތައް ވަނީ ކަނޑައަޅައިފަ އެވެ.
އެ ގޮތުން، ބަންގްލަދޭޝްގެ ޑާކާ އަބަހާނީން ކުޅޭނީ ބޫޓާނުގެ ޕަރޯއާ އެވެ. އަދި، ބަޝުންދަރާ އިން ވާދަކުރާނީ، މާޒިޔާއާ އެވެ. މިހާތަނަށް ބަޝުންދަރާއާ ދެކޮޅަށް ކުޅުނު ހަަތަރު މެޗުގެ ތެރެއިން މާޒިޔާ އަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. މި ފަހަރު މި ދެ ޓީމު ބައްދަލުކުރާ މެޗު މި ވަގުތަށް ބަލާއިރު، ތާވަލުކޮށްފައި އޮތީ، އޮގަސްޓް 12 ވަނަ ދުވަހު އެެވެ.
ޖެހިޖެހިގެން ދެ ވަނަ އަހަރު ރާއްޖޭން އޭއެފްސީގެ ކްލަބް ލައިސަންސް ހޯދި ހަމައެކަނި ޓީމު މާޒިޔާ އަށް މި ފަހަރުގެ އޭއެފްސީ ޗެލެންްޖް ލީގުން ފުރުސަތު ދިނީ ހާއްސަ ކްރައިޓީރިއާއަކުންނެވެ. ރާއްޖޭގައި މިދިޔަ އަހަރު ލީގު ބާއްވާފައި ނުވި ނަމަވެސް، މާޒިޔާ އަށް މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައިގައި ހޯދި ކާމިޔާބީ އާއި އޭއެފްސީ މުބާރާތްތަކުގައި ވާދަކޮށްފައިވާތީވެ، މި އަހަރުގެ އޭއެފްސީ ފުރުސަތު ދިނީ، އޭއެފްސީން ބަލާ މިންގަނޑުގެ ތެރެއިން އެފްއޭއެމް އިން މަސައްކަތްކޮށްފައިވާތީ އެވެ.
މީގެ ކުރިން، މާޒިޔާ އާއި ބަޝުންދަރާ އިން ވަނީ އޭއެފްސީ ކަޕްގައި، ހަތަރު ފަހަރެއްގެ މަތިން ކުޅެފަ އެވެ. އޭގެ ތެރެއިން ތިން މެޗުން މޮޅުވީ ބަޝުންދަރާ އެވެ. އެކަމަކު، އޭރު އެ ޓީމު ކުޅެމުން އައީ، ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން، ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުންނެވެ.
ރާއްޖޭގެ ޓީމަކަށް މިހާތަނަށް ބަޝުންދަރާ ބަލިކުރެވިފައި އޮތީ ވެސް މާޒިޔާ އަށް އެކަންޏެވެ. އެއީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މާލޭގައި ކުޅުނު މެޗުން 3-1 އިންނެވެ. އޭގެ ކުރިން، މާޒިޔާއާ ދެކޮޅަށް ބަޝުންދަރާ ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެއީ، 2021 ވަނަ އަހަރު މާލޭގައި ކުޅުނު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުން 2-0 އިންނާއި 2022 ވަނަ އަހަރު ކަލްކަތާގައި ކުޅުނު އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ މެޗުން 1-0 އިންނެވެ. އަދި، މި ދެ ޓީމު އެންމެ ފަހުން ކުޅުނު އޭއެފްސީ ކަޕްގެ މެޗުގައި، ބަޝުންދަރާ އިން އަމިއްލަ ދަނޑުގައި ވަނީ، ފަހަތުން އަރައި، 2-1 އިން މޮޅުވެފަ އެވެ.
މާޒިޔާ އިން ވަނީ ދާދި ފަހުން، މާލޭގައި ކުޅުނު އެފްއޭއެމް ލީގު ކަޕުގެ ޗެމްޕިއަަންކަން، ސްޕެއިނުގެ ކޯޗު، ލުއިސްމާ ހެނާންޑޭޒްގެ ކޯޗުކަމުގައި މެޗަކުން ބަލިނުވެ ހޯދައިފަ އެވެ.
މިދިޔަ އަހަރު މާޒިޔާ އިން އޭއެފްސީ ޗެލެންޖް ލީގުގެ މެޗުތައް ކުޅެން ޖެހުނީ، ކުވެއިތުގަ އެެވެ. އެ ގޮތުން، މާޒިޔާ ވަނީ ފުރަތަމަ މެޗުގައި، ތުރުކުމެނިސްތާން ޗެމްޕިއަން، އަދި އެ މުބާރާތުގެ ވެސް ފުރަތަމަ ތަށި އުފުލާލި ޓީމު، އަކްރަޑަގް އަތުން 2-1 އިން ބަލިވެފަ އެވެ. އަދި، ދެ ވަނަ މެޗުގައި، ކުވައިތު ލީގުގެ ދެ ވަނަ، އަލް އަރަބި އަތުން 2-0 އިން ބަލިވިއިރު، ތިން ވަނަ މެޗުގައި، ކިރްގިސްތާންގެ އަބްދީޝް އަތުން ބަލިވީ 3-0 އިންނެވެ.
އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ އިން ބަޝުންދަރާއާ ދެކޮޅަށް އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ އިން ބަޝުންދަރާއާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ