ބީރައްޓެހި 143

"މި ހަޔާތަކީ ވަރަށް ކުރު އަދި އެއްވެސް ޔަގީންކަމެއް އޮތްތަނެއް ނޫނެވެ. ﷲ ތައާލާ އިންސާނާ ދުނިޔެއަށް ފޮނުއްވެވީ އަޅުކަން ކުޅައުމަށެވެ. ހަޔާތުގެ މަގުސަދަކީ އެއީއެވެ. " *** އާދަމްގެ މޫނުގެ ކުލަވަރު ދެކެން އިވޯން މަޖާވެލާފައި އިރުކޮޅެއްވާންދެން ހުއްޓެވެ."ހުރިހާ ކަމެއް ފެށޭއިރު އާދަމް ވެސް ހުންނާނެކަމަށް އުއްމީދުކުރަން. ސަބަބަކީ އެއި ހަނދާން ނުނެތޭނެވަރުގެ ބޮޑު ދުވަހަކަށް ވާނެތީ.." އިވޯން ހިޔަނީގެ ތެރެއަށް ޣައިބުވެގެން ދިޔައިރު ޖަހައިލި ހިނގަނޑު އެތަނުގައި ގުގުމައިލުމާއެކު އޭނަގެ އަތްތިލަ ފިނިވެ ދާހިއްލައިލިއެވެ. އޭނައަށް އަދި ނުފެނުނަސް ތޫފާން ކައިރިވެއްޖެކަން ޔަގީންކުރެވުނެވެ. ތޫފާންގެ އަސަރު މެޓުން ލަފާކުރިވަރަށް ވުރެ އަވަހެވެ. އުދަރެސް ބަރާވެފައިވީ ބޯ ވިލާތަކުންނެވެ. އޭގެ ބަރުދަން ހިފެހެއްޓުމުގައި ނާކާމިޔާބުވެ ކޮންމެ އިރަކުވެސް ފަޅައިގެންގޮސްދާނެއެވެ. އެއީ މަދީނާގެ ކައިވެނީގެ ރެއެވެ. ނަމަވެސް އޭނައަށް ހުސްކަމާއި މޮޅިވެރިކަން ނޫން އެއްޗެއް އިހުސާސެއް ނުވެއެވެ. ލޯބިވާ މީހަކާއެކު ހަޔާތެއް ފެށުމާއި މިފަަދ މަޖުބޫރީ ކައިވެންޣެއްގެ ފަރަގު ހާދަ ބޮޑެވެ.އެކަން އެނގޭނީ ތަހައްމަލު ކުރި ފަރާތަަކަށެވެ. އޭނަގެ ނަސީބުގައި މިފަދަ ދުވަހެއް އައިސްދާނެކަމަކަށް ހީކުރެވިފައެއްނެތެވެ. އޭނަ ކައިވެނީގެ ހެދުމުގައި އިންއިރުވެސް އިނގިލީގައި މެގްނޯލިއާ އަނގޮޓި ރަސްކަންކުރަމުން ދިޔައެވެ. ނޫ މުތްތައް ފަތްތަކެއްފަދައިންނެވެ. ކިހާ ލޯބިހެއްޔެވެ؟ އޭނައާއި އުވައިސްގެ ލޯބި ފަދައިންނެވެ. އެ އަޅުވާދިންއިރު އުުވައިސްގެ އިނގިލިތައް ތުރުތުރުލިއެވެ. އެވަގުތާއި ލޯބީގެ ސާފުކަން އޭނަގެ ނާރުތަކުގައިވެސް ވިންދެއްފަދައިން ދެމިގެން ދިޔައެވެ. އެއީ މިދުނިޔެއަށް ނިސްބަތްނުވާ މީހެއްކަންވެސް ހަނދާނުން ފޮހެވުނެވެ." އަހަރެން ދޫކޮށްލާފައި ދުވަހަކުވެސް ނުދައްޗޭ.." އޭނަގެ ޖުމްލައާއެކު އުވައިސް އޭނަގެ ނިތްކުރީގައި ބޮސްދިނެވެ. އެ އަނގޮޓިއަށް މިރޭ ދިރުމެއް ލިބުނުފަދައިން ވިދައެވެ. އެހެން މީހުންނަށް ނުފެނުނަސް އޭނައަށް އެ އަނގޮޓީގައި ވި ދިރުމާއިއެކު އަބަދަށްޓަކާ އަލްވަދާއު ކިޔާކަން ވިސްނުނެވެ. މީކާއިލްއާއި އޭނަގެ ކައިވެނީގެ ރަސްމިއްޔާތު ހިނގަމުންދިޔައިރު މީކާއިލް ފޮޓޯތަކަށް ހުއްޓިލައިގެން ހުރީ އުފާވެރި ހިނިތުންވުމެއްގައެވެ. އޭނަ އޭގެ ދިމާ އިދިކޮޅެވެ. އޭނައަށް އިހުސާސްވީ ކައިވެނިރޭގައި ހުވަފަތްވި އަންހެނެއްފަދައިންނެވެ. ބޭރުފުށުން ހީލިޔަސް އެތެރެއެތެރެއިން ރޯލަ ރޯލާ ހުރެވުނީއެވެ. މިރެލްވެސް ޕަރީއެއްފަދައެވެ. އެމައުސޫމް ރީތިކަން ދެކޭ ކޮންމެ މީހެއްގެ ހިތް އުފަލުން ފުރެއެވެ. އޭނަގެ ކޯތާފަތުގައި ނޫނީ ނޭފަތުގައި ހިފާފައި ގޯނާކޮށްނުލާ ނުތިބެވޭފަދަ ކުއްޖެކެވެ. "މަދީނާ..އަހަންނަށް އެނގޭ ތިހިރީ އުފަލުން ނޫންކަން..." "ނޭގޭ..ކޮންމެވެސް ކަމެއް ގޯސްހެން މަށަށް ހީވަނީ. އެހެންނޫނަސް އައިމް ނޮޓް ރެޑީ...."މަދީނާއާއި އުރުޖުވާންއަށް ލިބުނު އެކަނިވެރި އެންމެ ސިކުންތުކޮޅު ދެމީހުން ޚިޔާލު ބަދަލުކޮށްލިއެވެ. "މީކާއަކީ އަންހެންކުއްޖަކަށް ލިބޭނެ އެންމެ ރަގަޅު ފިރިމީހާ..އަދި އެހެން ހިތަށް އަރާނެ ދުވަހެއް އަންނާނެ..."އުރުޖުވާންގެ ލޯމަތިން މިރެލް ގެއްލުމުން ވަށައިގެން ހޯދައިލިއެވެ. މިއޮތް ގިނަ މެހުމާނުންގެ ތެރޭގައި ކުޑަކުދިންނާއެކު އުޅެފައި މިރެލް ދާނީ ކޮންތަނަކަށްހެއްޔެވެ؟ އޭނަ ވަގުތުން ހާސްވާގޮތްވިއެވެ. މީހުންތަކުގެ ތެރެއިން މިރެލް ފެނޭތޯ ހޯދަމުން ސުވާލުކުރަން ފެށުމުން މާޒިމްގެ ސަމާލުކަމަށްވެސް އައެވެ. "ސުބުހާނަﷲ..މިރެލް ގެއްލުނީއޭ؟ކިހިނެއް އެހެންވާންވީ؟ހަމަ ދެންމެ......"މީކާއިލްގެ ހިނިތުންވުންވެސް ގެއްލުނެވެ. އެކަމުން ވިސްނަންވީގޮތެއް ނޭގި ހުރެވުނީ މަދީނާއަށެވެ. "އެހެން ލާފައި ދިޔައީ..."ކުޑަކުއްޖަކު އިޝާރަތްކުރީ ގަސްތައް ބޯ އަނދިރި ދިމާލަކަށެވެ. ބިރުވެރި ޚިޔާލުތައް އޭނަ ވަށައިލިއިރު އުވައިސްގެ އަމަލަކަށްވެދާނެއޭވެސް ހިތާ ހެދުން ދަމަމުން ގަސްތަކާއި ދިމާލަށް ހިނގައިގަނެވުނުއިރު އުއްމީދުގެ ބައްތިއެއްގެ ހުޅުކޮޅު ލޮލުން ފެނުނެވެ. އުރުޖުވާން އެދިމާލަށް ހޭކަނޑާފައި ދުއްވައިގަތްއިރު މުޅިމާހައުލުގައިވި އުފާވެރިކަމާއި ޕާޓީގެ ރޫހު ގެއްލި އެހެން ސިފައެއް ޚިޔާރުކޮށްފިއެވެ. އިސާހިތަކު އެންމެނަށް މިރެލް ގެއްލުނުކަން އެނގި ހޯދަން އަވަސްވެގަތެވެ. "މިއީ ދެން ހައިޑް އެންޑް ސީކް ކުޅޭ ވަގުތެއްވެސް ނޫނެއްނު ދަރިފުޅު..ކޮންތާކު؟"އުރުޖުވާން ގަސްތަކުގެ ހިޔަނިތަކަށްދާންދެން ބަލަމުން ދިޔައެވެ. އިސާހިތަކު ކަމާއި ބެހޭފަރާތްތަކަށް އަންގާ ރަސްމީކޮށް މިރެލް ހޯދުމުގެ މަސައްކަތް ފެށުނެވެ. ކައިރީގައި ހުރި ފެންގަނޑުތަކަށް ފީނައިގެން ބަލަންފެށިއިރު އުރުޖުވާންއަށް ހުރެވުނީ ހިމޭންކަމާއެކު ބަލަހައްޓައިގެންނެވެ. ގަނޑުވެފައެވެ. އޭނަ ހަނދާންއަށް އަންނާންފެށީ ނުބައި ހުވަފެނެވެ. މިފަދަ ފެންގަނޑަކަށް މިރެލް ގެނބުނީއެވެ. އުރުޖުވާން ހުރިތަނަށް ތިރިވެ ބިންމަތީގައި ޖެހުމުގެ ކުރިން މާޒިމްގެ އަތުގެ ހިމާޔަތް ލިބުނެވެ. އޭނަ ހިތްވަރު ދިނަސް އެކަރުނަތަކަށް ނިމުމެއްނެތެވެ. އެވަގުތުވެސް ގަބޫލުކުރެވުނީ އަމިއްލަ ކުށެވެ. އޭނަގެ ލޯމަތިން ދަރިފުޅު ގެއްލިޔަދީގެން ނުވާނެ ނޫންހެއްޔެވެ؟ އަދި މިހާ ގިނަ މިސްތަކުން އޮތް ތަނެއްގައި ކޮންމެ ހަރަކާތަކަށް ފާރަލެވެންޖެހޭނެއެވެ. *** ލޯތަކަށް ޣައިބުވެފައިވާ އެހެން އާލަމެއްގައި އުވައިސް އަދިވެސް ބަދެވިފައިވީއިރު ގޮތްދޫކުރާކަށް ނޫޅުނެވެ. ކިތަންމެވަރަށް ޒަޚަމްކުރިޔަސް އޭނަގެ ހިތުގައިވާ ލޯބި ފަނާކޮށެއްނުލެވޭނެއެވެ. އޭނަގެ ހިތަކީ މަދީނާގެ މިލްކެކެވެ. ޖިންނިއަކަށްވިކަމީ އޭނަގެ ބަދުނަސީބެވެ. އެހެންނޫންނަމަ އޭނައަށް އިވޯންގެ ގައިދުގައި ހުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ. އިވޯންގެ ތޫނު ހުނުމުގެ އަޑުފަށްގަނޑު މުޅުތަނުގައި ގުގުމާފައެވެ. އޭނަގެ ވަށައިގެން އެނބުރެމުން ދިޔަ އިވޯންއަށް މާބޮޑު އުފަލެއް ލިބިގެން އުޅޭފަދައެވެ. "އޭނަ ކައިވެނިކުރާކަން ދެނެހުރިންތަ؟"އިވޯން އޭނަގެ ކުރިމަތީގައި ހުއްޓުނެވެ."މަދީނާ މުޅިން ހުދު ހެދުމުގައި....ހުދު ކޮތަރެއްހެން..އަދި މިތާ ތިހިރީ ޑޯގެއްހެން ހިލަހިލާ ޖަހާފައި. ޅެން ބަހުރުވައިން އެއްޗެކޭ ނުބުނާނަންތަ؟" އޭނަްގެ ލޮލުން އެއްވެސް ޝުއޫރެއް ނުދައްކައެވެ. "އިވޯން ވާހަކައެއް ބުނެފާނަން...މިހުރިހާ ދުވަހު ނުބައިކޮށް ތި އެނގިފައި އޮތީ..އަބަދުވެސް ބަދަލުހިފަން ވިސްނިއިރު..މައުސޫމް މީހުންނަށް ތި އަނިޔާދެވުނީ.." އިވޯންގެ ހިނިތުންވުން ފަނޑުވިއެވެ. "ތިބުނި އެއްޗެއް ނޭގުނު.." "އެކަން ކުރީ ޖައިލަމްއެއްނޫން. މަދީނާގެ އާއިލާއިން ކުރުވިކަމެއްނޫން. ކަލޭގެ ބައްޕަގެ ގާތިލަކީ އާދަމް. ރޮތްސްވިލްގެ އަމިއްލަ ވަފާތެރި ބައިވެރިޔާ..ކަލޭގެ ބައްޕަގެ ކަނައަތް އެއީ.އެރޭ އިވޯންގެ ބައްޕަ އެހީއަށް އެދުމުން އާދަމް ދުރަށް ދިޔައީ..އަދި އަމިއްލަ ފުރާނަ ސަލާމަތްކުރަންވެގެން އޭނަ އިވޯންގެ ބައްޕަވެސް މަރައިލީ. މުއްސަދިކަމާއި ބާރު ހޯދަންވެގެން އޭނަ އުޅުނީ..." "ތި ދޮގު ހަދަނީ..."އިވޯންގެ އަޑު ތުރުތުރުލިއެވެ. "އަހަރެން ދައްކަފާނަން.."އޭނަ ކަރުބުޑުން ބުނެލީ ކަންކަތުރަށް ބާރުކޮށްލަމުންނެވެ. ލިބިފައިވާ ބާރު ބޭނުންކޮށްގެން އޭނަ ގެ ހަނދާނުގެ ބައި އިވޯންއަށް ދައްކައިލިއިރު އެ ބައި ދިއްލި މަންޒަރުތަކެއް ފެންނާންފެށިއެވެ. ރޮތްސްވިލް ޒަޚަމްވެ އާދަމްގެ އަތުގައި ހިފަހައްޓައިގެން އެހީއަށް އެދުމުން އަތް ނައްޓުވައިލުމުން ރޮތްސްވިލް އަރިއަޅައިލިއެވެ. އޭނަގެ އެންމެ ފަހުގެ ބަސްތައް ގެނބިގެން ދިޔައީ ބޭވަފާތެރިކަމުގެ ތެރޭގައެވެ. އާދަމް ނުވީތާކަށް އޭނަގެ އަނގޮޓިވެސް ހިފައިގެން ދާން ހިނގައިގަތީއެވެ. އެ ފެނުނު މަންޒަރާއެކު އިވޯންގެ ހަށިގަނޑުން ބާރު ހުސްވެ ތިރިވެވުނެވެ. "ނޫން.....ނޫން...އެހެންވެގެން ނުވާނެ..."އިވޯން ކިޔަމުން ދިޔައެވެ. އަދި އޭނަގެ މޫނަށް ނަޒަރު ހުއްޓައިލީ މޮޅިވެރިކަމާއިއެކު ހަގީގަތް ސާފުވުމުން ޝުކުރުއަދާކުރާފަދަ ނަޒަރަކުންނެވެ. "އަހަރެން މުޅި އުމުރު ހޭދަކުރީ ބަދަލުހިފަން...އަދި ވަގުތުތައް ދުއްވައިލެވުނީ ކުށެއްނެތް މީހުންގެ ފަހަތުން އެމީހުންނަށް ލަނޑުދެމުން...އަނިޔާ ދެމުން..." "އަދިވެސް ލަހެއްނުވޭ. އެމީހުން ދިޔަދީ. ކުށެއްނެތް މީހުން ދިޔަދީ.."އޭނަގެ ލޮލުން ފެނުނީ ހިތާމައެވެ. އިވޯން އެތައް އިރެއްވާންދެން ހިމޭނުން ހުރެ ވިސްނަމުން ދިޔައެވެ."އަހަންނަށް ކުރެވުނު ކަންތައް އަލުން އަނބުރާ އިއާދައެއްނުވާނެ. އެކަމަކު އަހަރެން ފެށި ކަންތައް ނިންމިދާނެ.." އިވޯން އެތަނުން ދާންވެގެން އެނބުރުނެވެ. *** އާދަމްއަށް އެރޭ ލޮލުފިޔަޖަހާލަން ނުކެރި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެވުނީއެވެ. ކޮންމެވެސް ނުބަޔެއް ވެއްޖެކަން އިހުސާސްކުރެވުނެވެ. އެކަމަކު ސީދާ ޔަގީންކުރަން ނޭގުނެވެ. އޭނަ ރަތްކުލައެއްގެ ބުއިމެއް ހިފައިގެން އައިސް އެނދުގައި އިށީނެވެ. ތަންކޮޅެއް ވަރުގަދަ އެއްޗެއް ބޯލައިގެން ނިދިދާނެކަން ނޭގެއެވެ. ކުއްލިއަކަށް ކުރިމަތިން ފެނުނު ހިޔަނީގެ ކުލަގަދަވަމުންގޮސް ފެނުނީ އިވޯންއެވެ. ހިޔަނިއެޅިފައިވާ ލޮލުގެ ވެރިޔާއެވެ. "އަހަރެން ހަނދާން އެބަހުރިތަ؟"އިވޯންގެ ތުންފަތުގައިވީ ނުލަފާ ހިނިތުންވުމެކެވެ. އޭނަ ޖަވާބެއް ނުދިނެވެ. އިވޯންއަށް ހުރިހާކަމެއް އެނގިއްޖެއެވެ. "އޭރު އަހަންނަކީ ކުޑަކުއްޖެއް..ކަލޭ ބައްޕަ މަރައިލަން ދޫކޮށްލީ..." "އަހަންނަށް އެނޫންގޮތެއް ނުވިސްނުނީ..." "ކަލޭ ސަލާމަތްވީ.." އިވޯން ފިނިގޮތަކަށް ބުނެލިއެވެ." ބައްޕަ ދުނިޔެއާއި ވަކިވީ.." އޭނައަށް އާދޭސްކުރުމަށް އަނގަ ހުޅުވުމުގެ ކުރިން އިންސާނަކު ބިރުން ހިތްހަލާކުވާފަދަ ގޮތަކަށް އިވޯން ބުނެލި ޖުމްލަތަކުން ހިތް ވިރޭވަރުވިއެވެ. އޭނައަށް ސަލާމަތެއް ނެތްކަން ވިސްނިގެން ޝަހާދަތް ކިޔަން އުޅުމުން އެންމެ ލަފުޒެއްވެސް ހަނދާނަކަށް ނައެވެ. އޭނައަށް ވިސްނުނީ މާ ލަހުންނެވެ. ހެއްދެވި ފަރާތަށް ކާފަރުވެ ދުނިޔެއާއިހެދި ޖިންނިންނާއި ގުޅި ސިހުރުގެ ނުބައިކަމުގެ ތެރެއަށް ވަދެވި މިއޮތީ މަރާއިކުރިމަތިލާން ޖެހިފައެވެ. ރައްބުއަށްޓަކާ އެންމެ ސަޖިދައެއްނުޖަހާ ހުރި އިންސާނާގެ ނިކަމެތިކަން އެވަގުތު އެނގުނެވެ. އޭނަ ބޭނުންވީ ސަޖިދަވެސް ޖެހުމަށެވެ. އެކަމަކު އެފަދަ ފުރުސަތެއް ލިބުމުގެ ކުރިން ސިކުނޑި ގަބުވެ ހުއްޓުން އެރިއެވެ. ކޮޓަރިތެރޭގައިވި ބޮކިތައް ފިޔަޖަހަންފެށިއިރު ގުގުރީގެ އަޑުފަދަ ބިރުވެރި އަޑަކުން ކަންފަތް ބީރުވާގޮތްވިއެވެ. އޭނަގެ ހަޅޭކުގެ އަޑު ޒަޚަމްވެފައިވާ ޖަނަވާރެއްފަދައިން ރޭގަނޑުގެ ހިމޭންކަމުގައި ހަރުލިއެވެ. އަވަށްޓެރިންނަށްވެސް އެގެއިން އަޑުފަށްގަނޑާއި ރޮއި ހޭރުމުގެ އަޑު އިވުނެވެ. ޖެހިގެން އައި ދުވަހު ހެދުނު ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފައި އޮތީ ވިޔަފާވެރި ވެރިއެއްގެ މަރުގެ ޚަބަރެވެ. ތަޅުލާފައިވާ ގެއެއްގެ ތެރެއަށް އިންސާނަކު ވަދެފައިވާކަމުގެ އެއްވެސް ނިޝާނެއްނެތެވެ. މަރުވި ސަބަބެއްވެސް ނޭގުނެވެ.އަވަށްޓެރިންގެ ތެރޭގައި އެ ވާހަކަ ދެކެވުނެވެ. ބައެއްމީހުން ބުނީ ރޫހާނީ ކަމެއްކަމުގައެވެ. މަރުވުމަށްފަހުގައިވެސް އެ މޫނުން ފެނުނީ ބިރުވެރިކަމުގެ އިންތިހާއެވެ. އެއްވެސް އަމާންކަމެއް ހަމަޖެހުމެއް އެމޫނުގައި ނުވެއެވެ. އެއްވެސް މީހަކަށް އެ މަރުގެ ހަގީގަތެއް ނުހޯދުނެވެ. *** އިވޯންގެ ހިލަންވުމުން އުވައިސް އިސްއުފުލާ ބަލާލައިފިއެވެ. "އުވައިސް ބުނީ ރަގަޅަށް.."އޭނަ ބުނެލީ މަޑުންނެވެ."އަހަރެން އެމީހުން ދޫކޮށްލަން ނިންމައިފިން...." އުވައިސްގެ ލޮލުން ފެނުނީ ޝުކުރުވެރިކަމެވެ. "އަދި އަހަރެން އުވައިސްވެސް ދޫކޮށްލަނީ މި.."އޭނަ އިތުރުކޮށްލިއެވެ." އެކަމަކު އުވައިސް ތިހިރަ ގޮތަކަށް ނޫން..." އުވައިސް ދެކޮޅެއް ނަހަދައެވެ. ދިފާއުގައި އެންމެ އެއްޗެއްވެސް ނުބުނެ އޭނަ ހުރީ މަދީނާއަށްޓަކާ އޭނަގެ ހުރިހާ އުފަލެއް ގުރުބާން ކުރަން ތައްޔާރަށެވެ. އިވޯން އެތަނަށް ގެނައީ ދުނިޔެއިން އާއްމުކޮށް ފެންނަފަދަ އަލިފާނެއްނޫނެވެ. ދުވަސްވީ ގަދީމް އަލިފާނެވެ. އުވައިސްގައިގާ ހިފައިގަތް ހުޅުގަނޑުން އޭނައަށް ވޭނެއް ނުލިބި އަމާންކަމާއި ހަމަޖެހުން ގެނެސްދިނެވެ. އޭނަގެ ސޫރަ ރަން އަލިން ވިދަންފެށިއިރު ޗޭނުގައިވެސް ވިރައިގެން ދިޔައެވެ. އެންމެ ފަހުފަހަރަށްވެސް އެ ދުލުން ނުކުތީ އެންމެ ލަފުޒެކެވެ."މަދީނާ..." އެއާއެކު އުވައިސްގެ ވުޖޫދުވެސް ނެތިގެން ދިޔައެވެ. *** "މިރެލް ފެނިއްޖެ. ސޯ ކައިވެނީގެ ރަސްމިއްޔާތު ނިންމައިލާނީ..."ނާޝިދު ބޭނުންވީ އަލުން ކައިވެނީގެ ކަންތައް ކުރިއަށް ގެންދިޔުމަށެވެ. އެސިކުންތުކޮޅު މަދީނާއަށް އުވައިސްއަށް ވީގޮތް އިހުސާސްވިއެވެ. އޭނަގެ އަތުގައި އޮތް މެގްނޯލިއާ އަނގޮޓި އާދަޔާ ޚިލާފުގޮަތަށް ދިއްލިގެން ދިޔުމާއެކު ކުލަ ފަނޑުވިއެވެ. އަތަށް މަޑުމަޑު ހޫނުކަމެއް ފޯރިއެވެ. އޭނައަށް އަޑެއް ލައްވައިލެވުމާއެކު ކަކުލު ހުޅުން ވާގިދޫވެ ހުރިތަނަށް ތިރިވެވުނެވެ. "ހީޒް ގޯން..." އޭނަގެ ލޮލުން ކަރުނަތައް އޮހެންފެށީ ހިފެހެއްޓުމެއްނެތިއެވެ. އޭނަގެ ކައިވެނީގެ ހެދުމަކީވެސް ދުޝްމިނަކަށްވިއެވެ. އޭނަ ވަގުތުން މޫނުގައި އަޅާފައިވާ ތުނިފޮތިކޮޅުވެސް ނަގާ އެއްލާލާފައި ހިނގައިގަތީ މެހުމްނުންނާއިމެދު އެއްވެސް ވަރަކަށް ވިސްނައިލުމެއްނެތިއެވެ. މީކާއިލްއާއިމެދުވެސް ފަރުވާލެއްނެތެވެ. އެހެންމީހުން އެކަމާއިމެދު ފާޑުކިޔަސް ހެވެވެ. މިފަދަ ގޮތަކަށް ވެވޭ ކައިވެންޏެއް އޭނަ ބޭނުމެއްނޫނެވެ. *** މިރެލް ފެނުނީ ގަސް ބޯ ޖަންގައްޔެއްގެ ތެރެއިންނެވެ. އެ ދޮންފައިތިލަގާ ޗަކަ ހުރިގޮތުން ކޮންމެވެސް ތަނަކަސް އެރިފައިއައިކަހަލައެވެ. އިސްތަށިގަނޑުގައި ހުރި ފަތްތައް ތަތްލައްވާފައެވެ. އަތުތެރޭގައި ކޮންމެވެސް އެއްޗެއް އޮތެވެ. މުށް ހުޅުވައިލަން ބޭނުމެއްނުވިއެވެ. "އަހަރެން އުވައިސް ދެކުނިން..."މިރެލް މަޑުމަޑުން ބުނެލިއެވެ. "ހީޒް ގޯން.. ހީސެޑް ހީ ހޭޑް ޓު ގޯ..." މާޒިމް ދަރިފުޅު ގެނެސް އަތުތެރެއަށް ލީއިރު އުރުޖުވާންއަށް ރޮވެމުން ދިޔައެވެ. ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. އެކަކަށްވެސް ނޭގުނީ މިރެލްގެ އެ ލަފުޒުތަކުގެ މާނައެވެ. އެކަމަކު އެކަކުވެސް އަހާކަށް ނޫޅުނެވެ. މިރެލް އެނބުރި އައިކަމަށްޓަކާ އެންމެންގެ ހިތްތައްވަނީ އުފަލުން ފޮޅިފައެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ