ސީލައިފް އަތުން 49 މިލިއަން ހޯދަން ކުރި ދައުވާ އެޗްޑީސީން އަނބުރާ ގެންގޮސްފި

ސީލައިފް ކުންފުނިން ހުޅުމާލޭގައި ހިންގި ހައުސިން މަޝްރޫއަށް މީހުން އަތުން ނެގި އެޑްވާންސް ފައިސާ އަނބުރާ ދައްކަން ޖެހުމުން އެ ކުންފުނީގެ އަތުން 49 މިލިއަން ރުފިޔާ ހޯދަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރި ދައުވާ އަނބުރާ ގެންގޮސްފިއެވެ. ސީލައިފްގެ ފުލެޓުތައް ނުނިމި، މީހުން އަތުން އެޑްވާންސަށް ނެގި ފައިސާ ވެސް އަނބުރާ ނުދިނުމުން 203 މީހަކު ވަނީ އެ ފައިސާ ހޯދަން އެޗްޑީސީއާއި ސީލައިފާ ދެކޮޅަށް ދައުވާކޮށްފައެވެ. އެއީ، އަނބުރާ ދޭންޖެހޭ ފައިސާ ކަމަށް ސީލައިފުން އެއްބަސްވި ނަމަވެސް އެ ފައިސާއެއް ނުދެއެވެ. އެޗްޑީސީން ވަނީ ދައުވާކުރި މީހުންނާ އެކު ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް 368 މީހަކަށް 46 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދިވެސް 23 މީހަކަށް 2.3 މިލިއަން ރުފިޔާއެއް ނުދީ އެބައޮތެވެ. އެއީ، ސީލައިފް އެޕާޓްމަންޓުތަކަށް އެ މީހުން ދެއްކި ބުކިން ފީއާއި ޑައުންޕޭމަންޓެވެ. އެ ފައިސާއާ އެކު މި ކަމުގެ އިދާރީ ކަންކަމަށް ކުރަން ޖެހުނު 400،000 އަށްވުރެ ގިނަ ރުފިޔާއާ އެކު ޖުމުލަ 49 މިލިއަން ރުފިޔާ ސީލައިފް އަތުން ހޯދަން އެޗްޑީސީން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. އެ މައްސަލަ ހުށަހެޅީ އޭޕްރީލް 27، 2021 ގައެވެ. އެ ދައުވާއަށް ސީލައިފުން ޖަވާބުދާރީވެފައެއް ނުވެއެވެ. އެހެން އޮއްވައި ޖަނަވަރީ 22 ގައި އެޗްޑީސީން ވަނީ އެ މައްސަލަ އަލުން ހުށަހެޅޭ ގޮތަށް އަނބުރާ ގެންދަން އެދި ސިވިލް ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ. އެހެންވެ، ސިވިލް ކޯޓުން އަންގާރަ ދުވަހު ވަނީ އެ މައްސަލަ ބާތިލުކޮށްފައެވެ. އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައިކޯޓުގެ އަޑުއެހުމެއްގައި: އޭނާ ފުރަން ހައިކޯޓުން ވެސް ވަނީ ހުއްދަ ދީފައި -- ހުޅުމާލޭގައި 3،000 އެޕާޓްމެންޓް ޔުނިޓް ހެދުމަށް ސީލައިފާއެކު އެއްބަސްވުން ހެދީ މާރިޗް 13، 2014ގައެވެ. ނަމަވެސް، ސީލައިފްއިން އެއްބަސްވުމާ ޚިލާފުވެ، ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނެގި ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވެއެވެ. އެ މައްސަލައިގައި، އެޗްޑީސީން ސީލައިފާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރީ ޑިސެމްބަރު 24، 2018 ގައެވެ. ސީލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުންނަށް ހިޔާ ފުލެޓުތަކާއި ވިނަރެސް ފުލެޓުތައް ދީފައިވާ ކަމަށް މިދިޔަ އަހަރުގެ މާރިޗު މަހު އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ހިޔާ ޓަވަރުތަކުން ބާކީވި 60 ވަރަކަށް ފުލެޓާއި ވިނަރެސްގެ 130 ފުލެޓު އެ މީހުންނަށް ހަމަޖައްސައިދިން ކަމަށެވެ. ސީލައިފްގެ ޚިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އެ ދައުވާތައް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ