ތަވާޟުޢުވެރިވުމުގައި ފަސްވަނައީ، ތިމާމެންގެ އަނބިދަރީންނާ މެދު ރަނގަޅު ގޮތުގައި މުޢާމަލާތުކޮށް އެ މީހުންނަށް ގޭގެ މަސައްކަތުގައި އެހީތެރިވެދިނުމުގައި ތަވާޟުޢުވެރިވުމެވެ. اَلْأَسْوَدُ بْنُ يَزِيْدُ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. ތިމަން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ އަނބިކަނބަލުން أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَا އަރިހުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގަނޑުވަރުކޮޅުތަކުގައި ކަންކުރައްވާ ގޮތާ މެދު ސުވާލު ދެންނެވީމެވެ. އެ ކަމާނާ ވިދާޅުވިއެވެ. (كَانَ فِيْ مِهْنَةِ أَهْلِهِ، فَإِذَا سَـمِعَ الْأَذَانَ خَرَجَ)[5] "އެކަލޭގެފާނު، އެކަލޭގެފާނުގެ އަނބިދަރީންނަށް ޚިދުމަތްކުރެއްވުމުގައި އުޅުއްވަތެވެ. ފަހެ، ބަންގީގެ އަޑު އިވިވަޑައިގަތުމުން (ނަމާދަށް) ނުކުމެވަޑައިގަންނަވައެވެ."
ކުޑަކުދީންނަށް އޯގާތެރިވެ އެ ކުދީންނާ ސަމާސާކުރުމުގައި ތަވާޟުޢުވެރިވާންވާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަކީ މީސްތަކުން ކުރެ އެންމެ ޚުލްޤު ހެޔޮ ސާހިބާއެވެ. އެކަލޭގެފާނު ކުޑަކުދީންގެ ބޮލުގައި ފިރުއްމަވައި އަދި ސަމާސާކުރައްވައި އުޅުއްވައެވެ. أَنَس رَضِيَ اللهُ عَنْهُގެ ތުއްތު ކޮއްކޯފުޅު أَبُو عُمَيْر ގެންގުޅުނު "ނުޣައިރު"އޭ ކިޔުނު ދޫނި މަރުވުމުން، އެ ކުއްޖާ އެ ކަމާ ދެރަވެފައިވާތީ ދެކެވަޑައިގެން، އެ ކުއްޖާ މަސަލަސްކުރެއްވުމުގެ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (يَا أَبَا عُمَيْرٍ، مَا فَعَلَ النُّغَيْرُ) "އޭ އަބޫޢުމައިރެވެ! ނުޣައިރަށްވީ ކީއްހެއްޔެވެ!"[6] ހަމައެހެންމެ ތިމާ ގެންގުޅޭ ނޯކަރުންނާ މެދު މުޢާމަލާތުކުރުމުގައި ވެސް ތަވާޟުޢުވެރިވުމަށް އެކަލޭގެފާނު ވަނީ އަންގަވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (إِذَا أَتَى أَحَدَكُمْ خَادِمُهُ بِطَعَامِهِ، فَإِنْ لَـمْ يـُجْلِسْهُ مَعَهُ، فَلْيُنَاوِلْهُ أُكْلَةً أَوْ أُكْلَتَيْنِ، أَوْ لُقْمَةً أَوْ لُقْمَتَيْنِ، فَإِنَّهُ وَلِيَ حَرَّهُ وَعِلَاجَهُ)[7] މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ކާ ތަކެތި ހިފައިގެން އޭނާގެ ޚާދިމު މީހާ އަންނަ ހިނދު، ކެއުމުގެ އެ މަޖިލީހުގައި ޚާދިމު މީހާ ބައިވެރިކުރާން ނޭދޭ ނަމަ، އޭނާއަށް އެއިން އެކަތިކޮޅު ނުވަތަ ދޭތިކޮޅު ދޭހުށިކަމެވެ! ފަހެ ހަމަކަށަވަރުން އެއީ، އެ ތަކެތި ކެއްކުމުގައި އޭނާއަށް ވީ ހޫނާއި، އެ ކަމުގައި އޭނާ އުފުލި ބުރައަށް ޓަކައެވެ."
ޢިލްމުވެރީންނާއި އެކިއެކި މަޤާމުތަކަށް އިސްކުރައްވައިފައިވާ ފަރާތްތަކާއި، އަދި އެންމެހައި މީސްތަކުން މާތް اللهއަށް ތަވާޟުޢުވެރިވުމަށް ގޮވައިލައި ވަޞިއްޔަތްކުރަމެވެ. ޙަޤީޤީ މަތިވެރިކަން ލިބިގެންވާ މީހުންނަކީ މާތް الله ރުއްސަވައިވޮޑިގަންނަވާ ގޮތަށް ޢަމަލުތައް ބަހައްޓައި، ދާއިމީ ނިޢުމަތުގެ ގޮވަތީން މަތީ ދަރަޖަ ހޯދުމަށް، ހީވާގިކަމާ އެކު މަސައްކަތްކުރާ މީހުންނެވެ. ތިޔަބައިމީހުން މުއުމިނުންކަމުގައިވާ ޙާލު އެކަލާނގެ ރަޙްމަތަށް އުންމީދުކޮށް އަދި އެކަލާނގެ ޢަޛާބަށް ބިރުވެތިވާށެވެ! އެއިރުން މާތް اللهގެ ފުއްސެވުމާއި ރުއްސެވުން ލިބޭނެކަން ކަށަވަރެވެ. މާތް الله އަހުރެންނާއި ތިޔަ އެންމެތަކުންނަށް އެ މަގުން ހިނގުމުގެ ހެޔޮ ތައުފީޤުދެއްވާށިއެވެ!
ހުކުރު ޚުޠުބާ: އަނބިދަރީންނާމެދު ރަނގަޅު ގޮތުގަ މުޢާމަލާތުކޮށް އެ މީހުންނަށް ގޭގެ މަސައްކަތުގައި އެހީތެރިވެދިނުމުގައިވެސް ތަވާޟުޢުވެރިވާންޖެހޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ