އެމެރިކާ އާއި އީރާނާ ދެމެދު ގިނަ ދުވަސްތަކެއް ވަންދެން ދެމިގެންދިޔަ ހަމަނުޖެހުން ނިމުމަކަށް ގެނައުމުގެ މަސައްކަތް

އީރާނުން ނިއުކްލިއަ ހަތިޔާރު އުފެއްދުން ހުއްޓުވުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ މަސައްކަތުގެ ޑިޕްލޮމެސީގެ ފިޔަވަޅެއްގެ ގޮތުން، އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި އެމެރިކާގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި އޮމަންގެ ފޮރިން މިނިސްޓަރު ބަދުރު އަލް-ބުސައިދީގެ ބައިވެރިވުމާއެކު މި މުހިންމު މަޝްވަރާތައް ހޮނިހިރު ދުވަހު އޮމާނުގެ ވެރިރަށް މަސްކަޓްގައި ކުރިއަށްދާނެ އެވެ.
އެމެރިކާއާއި އީރާނު ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ނިއުކްލިއަ މަޝްވަރާތަކުގައި ދެ ގައުމުގެ މަތީ ފަންތީގެ މަންދޫބުން ބައިވެރިވާއިރު، އޮމަންގެ އޮފިޝަލުން މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ އެވެ.
ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އީރާނުގެ ފޮރިން މިނިސްޓަރު  އަރާގްޗީއަކީ 2015ގެ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގައި އޭނާގެ ދައުރަށް މަޝްހޫރު ތަޖުރިބާކާރު ޑިޕްލޮމެޓެކެވެ. އަދި މި މުހިންމު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާނުގެ ލީޑާޝިޕްގެ އިތުބާރު ލިބިފައިވާ ފަރާތެކެވެ.
އެމެރިކާގެ ފަރާތުން  ޓްރަމްޕްގެ މިޑްލް އީސްޓް ސްޕެޝަލް އެންވޯއި ސްޓީވް ވިޓްކޮފް ޑެލިގޭޝަން ލީޑްކުރައްވާނެއެވެ. ވިޓްކޮފްއަކީ ރިއަލް އެސްޓޭޓް އެގްޒެކެޓިވްއެކެވެ. އަދި ޓްރަމްޕްއާ ގާތް ގުޅުމެއް އޮތް، މި ޑިޕްލޮމެޓިކް މަސައްކަތް ކުރިއަށް ގެންދިއުމަށް އައްޔަންކުރެވިފައިވާ ފަރާތެކެވެ.
އޮމަންގެ ފޯރިން މިނިސްޓަރ ބަދުރު އަލް-ބުސައިދީ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާނެއެވެ. އޯމަނަކީ އީރާނާއި އެމެރިކާއާ ދެމެދު ޑައިލޮގް ފެސިލިޓޭޓްކުރުމުގެ ތާރީޚެއް އޮތް ޤައުމެކެވެ. އަދި އެތަނުގެ ނިއުޓްރަލް ސްޓޭންސްއިން މި މަޝްވަރާތަކަށް އެކަށީގެންވާ ހޯސްޓެއްގެ ގޮތުގައި ހަދައެވެ.
މި މަޝްވަރާތަކުގެ ފޯމެޓާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ތަފާތުތަކެއް އެބަހުއްޓެވެ. އެމެރިކާއިން މިއަށް ކިޔަނީ ސީދާ މަޝްވަރާތަކެއް ކަމަށްވާއިރު، އީރާނުން ދެކޭގޮތުގައި މަޝްވަރާތައް ސީދާއެއް ނޫނެވެ. އަދި މެސެޖްތައް ބަދަލުކުރެވޭނީ އޮމަންގެ މެދުވެރިއެއް މެދުވެރިކޮށެވެ.
މި މަޝްވަރާތަކަކީ ޓްރަމްޕް ދެވަނަ ޓާމް ފެށީއްސުރެ އީރާނާއި އެމެރިކާއާ ދެމެދު އޮތް ފުރަތަމަ ބޭއްވޭ ރަސްމީ މުއާމަލާތެވެ. މި މަޝްވަރާތަކުގެ މަގްސަދަކީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމާ ގުޅިގެން އިތުރުވަމުންދާ ނުތަނަވަސްކަމަށް އެޑްރެސްކުރުމެވެ. އެމެރިކާ ބޭނުންވަނީ އީރާނުން ނިއުކްލިއަ ހަތިޔާރު ތަރައްގީކުރުން ހުއްޓުވުމެވެ. އަދި އީރާނު ބޭނުންވަނީ އިގްތިސާދީ ދަތިތަކުން ލުއިކަމެއް ހޯދުމެވެ.
މަޝްވަރާތައް ކުރިއަށްދާ ގޮތަކުން، މިއީ ދެ ގައުމުގެ މެދުގައި އޮތް އީރާންގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅުންހުރި ގުޅުންތަކުގައި މުހިންމު މަރުހަލާއެކެވެ. އީރާން މިހާރު ޔުރޭނިއަމް އެންރިޗް ކުރަމުންދަނީ ހަތިޔާރު ފެންވަރާ ކައިރި މިންވަރަކަށެވެ.
ތިރީގައި މިވަނީ އީރާންގެ އެޓޮމިކް ޕްރޮގްރާމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ހިތްހަމަނުޖެހުންތަކުގެ ތާރީޚެވެ.
ފެށުން
1967 — އެމެރިކާގެ "އެޓަމްސް ފޯ ޕީސް" ޕްރޮގްރާމްގެ ދަށުން އީރާން، ތެހުރާން ރިސާޗް ރިއެކްޓާގެ މިލްކުވެރިކަން ހޯދައިފި އެވެ.
1979 — ޝާހު މުހައްމަދު ރެޒާ ޕަހުލަވީ އީރާން ދޫކޮށް ދިޔައެވެ. އާޔަތުއްﷲ ރޫހުއްﷲ ޚުމެއިނީ ތެހުރާނަށް އެނބުރި ވަޑައިގެން އިސްލާމިކް ރެވޮލިއުޝަންގެ ތެރެއިން ބާރު ހޯއްދަވައިފިއެވެ. ޔުނިވާސިޓީގައި ކިޔަވާ ކުދިންތަކެއް ތެހުރާންގައި ހުރި އެމެރިކާގެ އެމްބަސީ ހިފައި، 444 ދުވަސްވަންދެން މީހުން ރަހީނު ކުރުމުގެ ކަންތައް ފެށުނެވެ. ބައިނަލްއަގްވާމީ ޕްރެޝަރާ ހެދި އީރާންގެ ނިއުކްލިއަ ޕްރޮގްރާމް މަޑުޖެހުނެވެ.
ޖޫން 2003 — އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނީ އީރާނާއެކު ނިއުކްލިއަ މަޝްވަރާތައް ފަށައިފި އެވެ.
އޮކްޓޯބަރު 2003 — އީރާނުން ޔުރޭނިއަމް އެންރިޗްމަންޓް ހުއްޓާލައިފި އެވެ.
ފެބްރުއަރީ 2006 — ހަރުކަށި ރައީސެއްކަމަށް ބެލެވޭ މަހްމޫދު އަހްމަދީނަޖާދުގެ އިންތިޚާބަށްފަހު، އީރާން ޔުރޭނިއަމް އެންރިޗްމަންޓް އަލުން ފަށާނެކަން އިއުލާންކުރި އެވެ. އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނީ މަޑުޖެހިފައިވާ މަޝްވަރާތަކުން ވަކިވި އެވެ.
ޖޫން 2009 — އީރާންގެ ޚިލާފު އުފެދިފައިވާ ރިޔާސީ އިންތިޚާބުގައި، އޮޅުވާލުމުގެ ތުހުމަތުތަކާއެކު އަހްމަދީނަޖާދު އަލުން އިންތިޚާބުވި އެވެ.
އޮކްޓޯބަރ 2009 — އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި، އެމެރިކާ އަދި އީރާން އޮމާން މެދުވެރިކޮށް މެސެޖުތައް ފޮނުވުމަށް ސިއްރު ޗެނަލެއް ހުޅުވައިފި އެވެ.
ޖުލައި 2012 — އެމެރިކާ އަދި އީރާންގެ އޮފިޝަލުން އޮމާންގައި ސިއްރު ބައްދަލުވުންތަކެއް ބާއްވައިފި އެވެ.
ޖުލައި 14، 2015 — ދުނިޔޭގެ ބާރުތަކާއި އީރާން ދިގު މުއްދަތުގެ، ފުރިހަމަ ނިއުކްލިއަ އެއްބަސްވުމެއް އިއުލާންކުރި އެވެ. މީގެ ދަށުން ތެހުރާންގެ ޔުރޭނިއަމް އެންރިޗްމަންޓް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އިގްތިސާދީ ސެންކްޝަންތައް ނައްތާލުން ހިމެނެއެވެ.
ނިއުކްލިއަ އެއްބަސްވުން ނިމުން
މޭ 2018 — ޓްރަމްޕް އެމެރިކާ ނިއުކްލިއަރ އެއްބަސްވުމުން އެއްކޮށް ވަކިވެ، އެއީ "އެންމެ ނުބައި އެއްބަސްވުން" ކަމުގައި ވިދާޅުވި އެވެ. އީރާންގެ މިސައިލް ތަރައްގީ އަދި ސަރަހައްދީ މިލީޝިއާތަކަށް ދޭ އެހީތެރިކަން ހުއްޓުވުމަށް އާ މަޝްވަރާތަކުން ރަނގަޅު ޝަރުތުތަކެއް ހޯދާނެކަމަށް ވިދާޅުވި އެވެ. އެ މަޝްވަރާތައް ފުރަތަމަ ދައުރުގައި ނުބޭއްވުނެވެ.
މޭ 8، 2019 — އީރާން އެއްބަސްވުމުން ދުރުވާން ފަށާނެކަން އިއުލާންކުރިއެވެ.
ޖަނަވަރީ 3، 2020 — ބަޣުދާދުގައި އެމެރިކާގެ ޑްރޯން ޙަމަލާއެއްގައި ޖެނެރަލް ގާސިމް ސުލައިމާނީ މަރާލައިފިއެވެ.
ޖަނަވަރީ 8، 2020 — ސުލައިމާނީ މެރުމުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން އިރާޤުގައި ހުރި އެމެރިކާ  ސިފައިން ތިބި މިލިޓަރީ ބޭސްތަކަށް މިސައިލްތަކުން ހަމަލާދިނެވެ. 100 އަށްވުރެ ގިނަ އެމެރިކާ ސިފައިންގެ ސިކުނޑިއަށް އަނިޔާތައް ލިބުނެވެ. އީރާނުން ރައްދު ހަމަލާއަކަށް ތައްޔާރުވަމުންދިޔައިރު، ރެވޮލިއުޝަނަރީ ގާޑުން ތެހުރާންގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ފުރި ޔޫކްރެއިންގެ މަދަނީ މަތިންދާބޯޓެއް ވައްޓާލިއެވެ. މި ބޯޓަށް ހަމަލާދިނީ އެމެރިކާގެ ކްރޫޒް މިސައިލެއް ކަމަށް ގަބޫލުކުރެވިގެން ކަމަށް ބުނެވެއެވެ. މަތިންދާބޯޓުގައި ތިބި  176 މީހުން މަރުވިއެވެ.
ޖުލައި 2020 — އީރާންގެ ނަތަންޒް ނިއުކްލިއަ އެންރިޗްމަންޓް ފެސިލިޓީގައި ހުރި ސެންޓްރިފިއުޖް އުފައްދާ ޕްލާންޓެއް ސިއްރު ގޮވުމެއްގައި ހަލާކުވިއެވެ. އީރާން މި ހަމަލާގެ ތުހުމަތު އެޅުވީ އިޒްރޭލްގެ މައްޗަށެވެ.
އޭޕްރިލް 6، 2021 — އީރާން އަދި ރައީސް ޖޯ ބައިޑަންގެ ދަށުގައިވާ އެމެރިކާ ވިއެނާގައި ނިއުކްލިއަރ އެއްބަސްވުން އަލުން ހޯދުމާ ގުޅޭ ނުސީދާ މަޝްވަރާތައް ފަށައިފިއެވެ. މި މަޝްވަރާތައް، އަދި ތެހުރާން އަދި ޔޫރަޕްގެ ގައުމުތަކާ ދެމެދު ހިނގި އެހެން މަޝްވަރާތައްވެސް އެއްވެސް އެއްބަސްވުމަކަށް ވާސިލްނުވި އެވެ.
އޭޕްރިލް 11، 2021 — އެއްއަހަރުގެ ތެރޭގައި ދެވަނަ ހަމަލާއެއް އީރާންގެ ނަތަންޒް ނިއުކްލިއަ ސައިޓަށް އަމާޒުވިއެވެ. މިއީވެސް އިޒްރޭލްއިން ހިންގި ހަމަލާއެއް ކަމަށް ބެލެވެއެވެ.
އޭޕްރިލް 16، 2021 — އީރާނުން ޔުރޭނިއަމް 60% އަށް އެންރިޗްކުރަން ފަށައިފި އެވެ. މިއީ މިހާތަނަށް އެންމެ މަތީ ސާފުކަމެވެ. އަދި ހަތިޔާރު-ގްރޭޑް ލެވެލްއަށް (90%) ކައިރިވެފައިވާ މިންވަރެކެވެ.
ފެބްރުއަރީ 24، 2022 — ރަޝިޔާ ޔުކްރެއިންއަށް ހަމަލާއެއް ފަށައިފިއެވެ. މި ހަނގުރާމައިގައި އީރާންގެ ޑްރޯންތަކާއި މިސައިލްތަކަށް ބަރޯސާވެ އެވެ.
ޖުލައި 17، 2022 — އީރާންގެ ސުޕްރީމް ލީޑަރަށް ލަފާދޭ ކަމާލް ޚައްރާޒީ ވިދާޅުވަނީ އީރާން ޓެކްނިކަލީ ނިއުކްލިއަ ބޮމެއް ހެދުމަށް ގާބިލުވެފައިވާ ކަމަށެވެ. ނަމަވެސް، އެއެއްޗެއް އުފެއްދުމާމެދު ނިންމުމެއް ނުނިންމާކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމަތައް އިތުރުވުން
އޮކްޓޯބަރ 7، 2023 — ގާޒާ ސްޓްރިޕްގައި ހަމާސްއިން އިޒްރޭލްއަށް ވަދެ، 1،200 މީހުން މަރާލައި، 250 މީހުން ރަހީނުކޮށްފި އެވެ. މީގެ ސަބަބުން އިޒްރޭލް އަދި ހަމާސްއާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށުނެވެ.
އޭޕްރިލް 14، 2024 — އީރާން އިޒްރޭލްއަށް ކުރިންނުދެކޭ ފަދަ ސީދާ ހަމަލާއެއް ދީފިއެވެ. 300 އަށްވުރެ ގިނަ މިސައިލްތަކާއި ހަމަލާދޭ ޑްރޯންތައް ދޫކުރި އެވެ. އެމެރިކާގެ އިސްނެގުމުގެ ދަށުން ބައިނަލްއަގްވާމީ އިއްތިހާދަކާއެކު، އިޒްރޭލްއިން މީގެ ގިނަ ހަމަލާތައް ހުއްޓުވި އެވެ.
އޭޕްރިލް 19، 2024 — އީރާންގެ އިސްފަހާން ވައިގެ ބަނދަރު ކައިރީގައި ހުރި ވައިގެ ދިފާއީ ނިޒާމަކަށް  އިޒްރޭލުން ހަމަލާއެއް ދީފި އެވެ.
ޖުލައި 31، 2024 — ހަމާސްގެ ލީޑަރެއް ކަމުގައިވާ އިސްމާއިލް ހަނިޔާ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންގެ އިނޯގުރޭޝަންއަށް ތެހުރާނަށް ކުރި ޒިޔާރަތެއްގައި، އިޒްރޭލްއިން ކަމަށް ބެލެވޭ ފަރާތަކުން އަވަހާރަކޮށްލައިފި އެވެ.
ސެޕްޓެމްބަރ 27، 2024 — އިޒްރޭލްގެ ވައިގެ ހަމަލާއެއްގައި ހިޒްބުއްލާގެ ލީޑަރު ހަސަން ނަސްރުއްﷲ މަރާލައިފި އެވެ.
އޮކްޓޯބަރ 1، 2024 — އީރާނުން އިޒްރޭލްއަށް ދެވަނަ ސީދާ ހަމަލާއެއް ދީފިއެވެ. ނަމަވެސް އެމެރިކާގެ އިސްނެގުމުގެ ދަށުން އެކުލަވާލާފައިވާ އިއްތިހާދާއި އިޒްރޭލްއިން ގިނަ މިސައިލްތައް ވައްޓާލައިފިއެވެ.
އޮކްޓޯބަރ 16، 2024 — އިޒްރޭލްއިން ގާޒާ ސްޓްރިޕްގައި ހަމާސްގެ ލީޑަރ ޔަހްޔާ ސިންވަރ މަރާލައިފި އެވެ.
އޮކްޓޯބަރ 26، 2024 — އިޒްރޭލްއިން ފުރަތަމަ ފަހަރަށް ހާމަކަން ބޮޑުގޮތެއްގައި އީރާނަށް ހަމަލާދީފި އެވެ. ވައިގެ ދިފާއީ ނިޒާމުތަކާއި އެ ގައުމުގެ މިސައިލް ޕްރޮގްރާމާ ގުޅުންހުރި ތަންތަނަށް ހަމަލާދިނެވެ.
ޓްރަމްޕް އަނބުރާ އައުން - އަދި ގުޅުން ފެށުން
ޖަނަވަރީ 20، 2025 — ޓްރަމްޕް ދެވަނަ ޓާމަށް ރައީސް ކަމުގެ ހުވާކުރައްވައިފި އެވެ.
ފެބްރުއަރީ 7، 2025 — އީރާންގެ ސުޕްރީމް ލީޑަރު އާޔަތުއްﷲ އަލީ ޚަމެނީ ވިދާޅުވަނީ އެމެރިކާއާއެކު މަޝްވަރާކުރުމަށް ހުށަހެޅިފައިވާ ހުށަހެޅުމަކީ "ބުއްދިވެރި، ވިސްނުންތެރި ނުވަތަ ޝަރަފުވެރި" ކަމެއް ނޫން ކަމަށެވެ.
މާރިޗު 7، 2025 — ޓްރަމްޕް ވިދާޅުވަނީ އީރާނާއެކު އާ ނިއުކްލިއަ އެއްބަސްވުމެއް ހޯދުމަށް ޚަމެނީއަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ.
މާރިޗު 15، 2025 — ޓްރަމްޕް ޔަމަނުގެ ޙޫތީންނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ފަށައިފި އެވެ.
އޭޕްރިލް 7، 2025 —  އެމެރިކާ އަދި އީރާން އޮމާންގައި ސީދާ މަޝްވަރާތަކެއް ބާއްވާނެކަމަށް ޓްރަމްޕް އިޢުލާންކުރެއްވި އެވެ. އީރާންއިން ބުނަނީ މިއީ ނުސީދާ މަޝްވަރާތަކެއް ކަމަށާއި، ނަމަވެސް ބައްދަލުވުން ކަށަވަރުކޮށްފައިވާ ކަމަށެވެ.
އޭޕްރިލް 12، 2025 — އީރާނާ އެމެރިކާއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް އޮމާންގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ