ޕީޕީއެމްގެ މަޝްވަރާ މަޖިލިހެއް މައުމޫން އުފައްދައިފި

އެތެރޭގެ ކޯޅުން އިންތިހާ އަށް ބޮޑުވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އެމަނިކުފާނަށް ލަފާ ދެއްވާނެ މަޝްވަރާ މަޖިލިހެއް މިއަދު އުފައްދަވައިފި އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޝްވަރާ މަޖިލިހުގައި ތިއްބަވަނީ ހޯމް މިނިސްޓަރުކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އުމަރު ނަސީރާއި ސީނާ އަހުމަދު ޒާހިރާއި އަނީސާ އަހުމަދާއި ހަމްދޫން ހަމީދާއި އާތިފާ ޝަކޫރާއި އައިމިނަތު ނާދިރާ އަދި ރާޝިދާ ޔޫސުފެވެ.
މަޝްވަރާ މަޖިލިހުގެ ފުރަތަމަ ބައްދަލުވުން މިއަދު މެންދުރުފަހު ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން މައުމޫން މީޑިއާގައި އެއްވެސް އެއްޗެއް އަދި ވިދާޅެއް ނުވެ އެވެ. އެކަމަކު މިރޭގެ ވަގުތެއްގައި މައުމޫން މީޑިއާތަކާ ބައްދަލުކުރައްވާނެ ކަމަށް އެނގިފައިވެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު އުމަރު ވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މަޝްވަރާ މަޖިލިހެއް އުފެއްދުމުގެ ބޭނުމަކީ ޕީޕީއެމްގެ އިސް އޮފިޝަލް ވިދާޅުވި ގޮތުގައު، ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުން ސަލާމަތް ކުރުމާއި ގައުމީ މަސްލަހަތާއި ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ކަންކަން ކުރުމާއި އަދުލުމާއި މިނިވަން ޝަރުއީ ނިޒާމަކާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމެވެ.
މައުމޫން އެމަނިކުފާނަށް ލަފާ ދެއްވާނެ މަޝްވަރާ މަޖިލިހެއް އުފެއްދިއިރު، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ، ޕީޕީއެމްގެ ކައުންސިލް މެމްބަރުންތައް ރައީސް އޮފީހުގައި ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުމަށް ފަހު، މިހާރު މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މައުމޫނަށް ބަހުގެ ހޫނު ހަމަލަތަކެއް ދެއްވައިފަ އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ކުއްލި ބައްދަލުވުމެއް ވެސް މަޖިލިހުގެ އިދާރާގައި މިހާރު ކުރިއަށް އެބަގެންދެ އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވީ، ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި އިސްލާހަށް ފަހުގަ އެވެ. އެ އިސްލާހާ އެކު ކޮރަޕްޝަނަށް މަގުފަހިވެދާނެތީ، އިސްލާހު ފާސްނުކުރުމަށް މައުމޫން ތަކުރާރުކޮށް ދެންނެވި ނަމަވެސް، ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި ޕީޕީއެމްގެ ހަމައެކަނި މެމްބަރަކީ ފާރިސް މައުމޫނެވެ. ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް، ވޯޓު ނެގި ވަގުތު ހުންނެވީ މަޖިލިހުގެ ޗެމްބަރުން ބޭރުގަ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު، ސީނާ ޒާހިރު އެ ޕާޓީގެ އޮފީހުގެ ބޭރުގައި މަޑުކޮށްލައްވައިގެން: އޭނާ އަކީ ވެސް މަޝްވަރާ މަޖިލިހުގެ މެމްބަރެއް.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ފާރިސް އާއި ވަހީދު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނިންމުމާ ހިލާފަށް ވޯޓު ދެއްވި މައްސަލާގައި އެބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޕާޓީގެ ސުލޫކީ ކޮމިޓީއަށް އިއްޔެ ހުށަހެޅި އެވެ. އަދި އެންމެ ފަހުން މައުމޫން ވަނީ އެމަނިކުފާނުގެ ހުއްދަ ނެތި، ޕާޓީގެ އެއްވެސް ކޮމިޓީއެއް ނުބޭއްވޭނެ ކަމަށް އަންގަވައިފަ އެވެ. މީގެ އިތުރުން މައުމޫން އައްޔަން ކުރައްވާފައިވާ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މަތިކޮށްފައިވާ ޕީޕީއެމްގެ މަސްއޫލިއްޔަތުތައް ވެސް މައުމޫން ވަނީ ރޭ އަތުލައްވައިފަ އެވެ.
ޕީޕީއެމްގެ އިދާރީ ހިންގުމުގައި މިހާތަނަށް އިސްކޮށް ހުންނެވީ އަބްދުއްރަހީމެވެ. އަދި މައުމޫން ވަޑައިގެން ނެތް ހާލަތެއްގައި ޕާޓީގެ ކައުންސިލް ބޭއްވުމާއި މައްސަލަތައް އެޖެންޑާ ކުރުމުގެ ބާރު ވެސް އަބްދުއްރަހީމަށް އޭރު އޮތީ ދީފަ އެވެ. އެކަމަކު މައުމޫން ވަނީ އެ ބާރުތައް ވެސް ރޭ އަތުލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ