މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުންވި ގެތަކަށް 5 ލައްކަ ރުފިޔާގެ އެހީ

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ވައިގަދަވުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ ދިނުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ 2023 ޖޫން 1 އާ ހަމައަށް “ކާރިސާތަކުގައި ލިބޭ ގެއްލުން ބަޔާންކުރާ ފޯމު” 11 ރަށަކުން 163 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 125 ފޯމު ލިބިފައިވަނީ އައްޑޫ ސިޓީގެ ރަށްތަކުން ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
“ކާރިސާތަކުގައި އެހީދިނުމުގެ މިންގަނޑުގެ ދަށުން ޝަރުތުހަމަވާ 6 ރަށެއްގެ 116 ގެއަކަށް އެހީގެ ގޮތުގައި 531370/- ރުފިޔާ ދިނުމުގެ މަސައްކަތް މިދަނީ ކުރަމުން” އެންޑީއެމްއޭ އިން ބުންޏެވެ.
ފައިސާދޭން ހަމަޖެހިފައިވަނީ، ގދ. މަޑަވެލި 57،949 ރުފިޔާ، ސ. ހުޅުދޫ 8،460 ރުފިޔާ، ސ. ހިތަދޫ 42،225 ރުފިޔާ، ސ. މީދޫ 1،044 ރުފިޔާ، ސ. ފޭދޫ 402،102 ރުފިޔާ، އަދި ސ. މަރަދޫ އަށް 19،590 ރުފިޔާއެވެ.
އެންޑީއެމްއޭ އިން ބުނީ މި ފައިސާގެ ތެރެއިން 61 ޕަސެންޓަކީ ސްޓްރަކްޗަރަލް ގެއްލުންތަކަށް ދެވުނު އެހީ ކަމަށާއި ބާކީ 39 ޕަސެންޓަކީ ގޭގައި ހިފައިގެންގުޅޭ ޒަރޫރީ ތަކެއްޗަށް ލިބުނުު ގެއްލުމުގެ އެހީ ކަމަށެވެ.
އަދި ދަނޑު ބިންތަކާއި، ވިޔަފާރިއާއި، މަގުފާރު، ގަރާޖް އަދި ގުދަން ފަދަ ތަންތަނަކީ ކާރިސާތަކުގައި އެހީދިނުމުގެ މިންގަނޑުގެ ދަށުން އެހީ ދެވޭ ދާއިރާތައް ނޫންކަމަށާއި މި 11 ރަށުގެ ތެރޭގައި ހިމެނޭ ކުޑަހުވަދުއަށް ލިބުނު ގެއްލުންތަކަށް އެހީ ދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމަށްވެސް އެންޑީއެމްއޭ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ