ދައުރު ނިމެންދެން ޖޭޕީގެ މެންބަރުން ސަރުކާރުން ވަކިނުކުރެވޭނެ: ރައީސް ނަޝީދު

ރިޔާސީ އިންތިޚާބަށް ވަކިން ޖުމްހޫރީ ޕާޓީން ނިކުތް ނަމަވެސް މިހާރު ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި އެ ޕާޓީގެ މެންބަރުން މަޤާމުތަކުން ވަކިނުކުރެވޭނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ރޭވަނީ ރިޔާސީ އިންތިޚާބުގައި ވަކިން ނިކުމެ ވާދަކުރަން ނިންމާފައެވެ. އެ ޕާޓީން އެފަދައިން ނިންމާފައިވަނީ އެ ޕާޓީގެ ކައުންސިލުގެ އަޣުލަބިއްޔަތުންނެވެ. ވަކިން އިންތިޚާބުގައި ވާދަކުރުމަށް ތާއީދުނުކުރެއްވި ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރުވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާދެއްވުމަށް ގޮވައިލައްވާފައެވެ.
އެގޮތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ކަންބަޅިތަކެއް ކަތިލާހެން ޖުމްހޫރީ ޕާޓީގެ މެންބަރުން މަޖިލީހަށް ގެނެސް މަޤާމުތަކުން ވަކިނުކުރަނީސް އިސްތިއުފާދެއްވުން ރަނގަޅުވާނެއެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިހާރު ހިނގަމުންދަނީ އިއްތިހާދު ސަރުކާރެއް ކަމަށާއި، ދައުރު ނިމެންދެން ސަރުކާރުގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ މެންބަރުން ސަރުކާރުން ވަކިނުކުރެވޭނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްވެސް ވިދާޅުވެފައިވަނީ މިހާރު ހިނގާ ސަރުކާރަކީ 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނޮވެންބަރު 17 ވަނަ ދުވަހާ ހަމައަށް ޤާއިމުކޮށްފައިވާ އިއްތިހާދު ސަރުކާރެއް ކަމަށެވެ. އަދި އިއްތިހާދު އެއްބަސްވުމުގައި ރިޔާސީ އިންތިޚާބަށް ވަކިން ޕާޓީތަކުން ވާދަކުރުން މަނާކުރާ ކަމެއް އެކުލެވިފައި ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ