ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވާދަކުރެއްވުމަށް އެދި މީސްމީޑިއާގައި ބޮޑު ކެމްޕެއިނެއް ފަށައިފިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވާ އިންތިޚާބުގައި ވާދަކުރެއްވުމަށްއެދި ހިންގާ ކެމްޕެއިނުގައި، ގާސިމްއަކީ "ހިންގުންތެރި، ވިޝަނަރީ ލީޑަރެއް"ކަމަށާއި، ރާއްޖެ ދުށް ސިޔާސީ ލީޑަރުންގެ ތެރެއިން ރައްޔިތުންގެ ހައްގުގައި ދެގޮތެއްނުވެ ދެމިހުރި މަދަދުގާރަކީ ގާސިމްކަން ގިނަބަޔަކު ފާހަގަކޮށްފައެވެ. "ގާސިމް 2023"ގެ ހޭޝްޓެގާއި "ހޯޕް ފޯ ދަ ނޭޝަން"ގެ ހޭޝްޓެގާއެކު އިންތިޚާބުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރަށް ގޮވާލަމުން ގެންދާއިރު، ގާސިމް އިންތިޚާބުގައި ވާދަކުރައްވާނެކަން އަދި ރަސްމީކޮށް އިޢުލާނުކުރައްވާފައެއް ނުވެއެވެ.
މިކަމާއި ގުޅޭގޮތުން "ވީނިއުސް"އަށް މަޢުލޫމާތުދެއްވަމުން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިހް ވިދާޅުވީ، ޕާޓީން ރިޔާސީ އިންތިޚާބާމެދު ގޮތެއް ނިންމާނީ އަންނަމަހު ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއިން ކަމަށެވެ. އަދި މިހާތަނަށް އެޕާޓީން ރިޔާސީ އިންތިޚާބާ ބެހޭގޮތުން ރަސްމީ އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާޢިދުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރުކަން ބަޔާންވެފައިވާކަމަށްވެސް ތަރުޖަމާން ވިދާޅުވިއެވެ.
ތަރުޖަމާން އިތުރަށް ވިދާޅުވީ، މުޅި ޖުމްހޫރީ ޕާޓީ އެއްކޮށް ވެސް ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އެދޭކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގެވެސް ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެންމެ މުހިންމު ޕާޓީއަކަށްވެފައިވާ ޖުމްހޫރީ ޕާޓީގައި ގާތްގަނޑަކަށް 18،000 މެންބަރުން ތިބެއެވެ.
ޖުމްހޫރީ ޕާޓީއަކީ މިހާރު ހިނގަމުންދާ ކޯލިޝަން ސަރުކާރުގެވެސް މުހިންމު ބައިވެރިއެކެވެ.
އާ ގާނޫނޫ އަސާސީގެ ދަށުން އުފެދުނު ތިން ސަރުކާރުވެސް އުފެދުނީ ޖުމްހޫރީ ޕާޓީ ހިއްސާވާ ކޯލިޝަނަކުންނެވެ.
އިންތިޚާބުގައި ގާސިމް ވާދަކުރެއްވުމަށްއެދި މީސްމީޑިއާގައި ބޮޑު ކެމްޕެއިނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ