ޝާހްގެ ދަރިފުޅުގެ ސީރީޒް އަންނަ މަހު
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކޮށްފައިވާ ސީރީޒް "ބޭޑްސް އޮފް ބޮލީވުޑް"ގެ ޓްރެއިލާ ދައްކާލުމަށް ފަހު އެ ސީރީޒް ޕްރީމިއާކުރާ ތާރީޚު ވެސް އިއުލާނުކޮށްފިއެވެ. ރެޑް ޗިލީޒް އެންޓަޓެއިންމަންޓްއިން ޕްރޮޑިއުސްކޮށް ނެޓްފްލިކްސްއިން ޕްރީމިއާކުރާ މި ސީރީޒް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހެވެ. މި ސީރީޒަކީ އަރިއަން އިސްވެ ހުރެ ސްކްރިޕްޓް ތައްޔާރުކޮށްފައިވާ އޭނާ ފިލްމު ޑައިރެކްޝަނަށް ތައާރަފުވާ ފުރަތަމަ ޕްރޮޖެކްޓެވެ. "ބޭޑްސް އޮފް ބޮލީވުޑް"ގެ ޓްރެއިލާ ރިލީޒްކުރުމަށް އިންޑިއާގެ މުމްބާއީގައި ކުލަގަދަކޮށް ބޭއްވި ހަފުލާގައި އަރިއަނާ އެކު ޝާހްރުކް ޚާނާއި ގޯރީގެ އިތުރުން މި ސީރީޒްގެ މުހިއްމު ކެރެކްޓާތަކުން ފެންނާނެ ތަރިން ވަނީ ބައިވެރިވެފައެވެ. އަރިއަންގެ އަލަތު ސީރީސް "ބޭޑްސް އޮފް ބޮލީވުޑް"ގެ ޕްރީމިއާ އިއުލާނުކޮށް ޓްރެއިލާ ދައްކާލި ހަފްލާގައި މައިންބަފައިންނާ އެކު--ފޮޓޯ/ފިލްމުފެއަ އޭގެ ތެރޭގައި، ލީޑް ތަރިން ކަމަށްވާ ލަކްޝްޔަ، ސަހެރް ބަމްބާ، ބޮބީ ޑިއޯލް، މަނޯޖު ޕާހްވާ، މޯނާ ސިންގް، މަނިޝް ޗައުދަރީ، ރާގަވް ޖުޔަލް، އާންޔާ ސިންގް އަދި ގޯތަމީ ކަޕޫރު ހިމެނެއެވެ. މި ހަފުލާގައި ވާހަކަދައްކަމުން އަރިއަން ބުނީ، މިއީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން އެތައް ބަޔަކު ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ސީރީޒެއް ކަމަށެވެ. "ބޭޑްސް އޮފް ބޮލީވުޑް" ސީރީޒްއިން އަރިއަން ބޭނުންވީ ފިލްމީ ދުނިޔޭގެ ވިދުންތަކާ އެއްވަރަށް އެ އިންޑަސްޓްރީގެ ހަގީގީ ދުނިޔެ ބެލުންތެރިންނަށް ތަސައްވަރުކޮށްލެވޭނެ ފެންވަރުގެ މަސައްކަތެއް ކުރަން ކަމަށާއި މި ސީރީޒްއިން އެކަން ހާސިލުވާނެ ކަމަށް އުންމީދުކުރާ ކަމުގައި އަރިއަން ވަނީ ބުނެފައެވެ. މި ހަފުލާގައި އަރިއަންގެ ބައްޕަ ޝާހް ބުނީ، ދަރިފުޅުގެ ވިޝަން ބެލުންތެރިންނަށް ގެނެސްދީފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށާއި އެއީ ބައްޕައެއްގެ ހައިސިއްޔަތުން ދަރިފުޅާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަރިއަންގެ މި ސީރީސްގެ ޓްރެއިލާ ރިލީޒްކުރި ހަފުލާއިން އަރިއަން މީޑިއާތަކާ ބައްދަލުކުރި ނަމަވެސް ކުރިއަށްހުރި ޕްރޮމޯޝަން ހަފްލާތަކުން އޭނާ ނުފެންނާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އާއްމުކޮށް މީޑިއާތަކާ ވަރަށް ދުރުގައި އުޅޭ އަރިއަން މިއީ އާއްމުކޮށް މިފަދަ ހަފުލާއަކުން ފެނި އެހާ ހާމަކަން ބޮޑު ގޮތެއްގައި ވާހަކަދެއްކި މަންޒަރު ފެނުނު ފުރަތަމަ ހަފްލާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ