ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ގައްދޫއިން ބިން ދޫކުރުން ހުއްޓާލައި އެކަން އިއުލާނުކޮށްފި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ގައްދޫއިން ބިން ދޫކުރުން ހުއްޓާލައި އެކަން އިއުލާނުކޮށްފި

ކައުންސިލްގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ރަށުން ބިން ދޫކުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 16 ވަނަ އިސްލާހުން މަނާކުރުމުން ގދ. ގައްދޫއިން ދޫކުރުމަށް ހަމަޖެހިފައި އޮތް ބާރަ ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެ ކައުންސިލުން ނިންމައިފި އެވެ.
ގދ. ގައްދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނުގެ އިސްލާހު ތަސްދީގުކުރެވުނުއިރު އެރަށުން 12 ބިމެއް ކުއްޔަށް ދޫކުރުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން ދިޔަ ކަމަށެވެ. މިއީ ކައުންސިލުން ފާސްކޮށްފައިވާ ބިނާވެށި ޕްލޭނާ އެއްގޮތަށް މި ދައުރުގެ ތެރޭގައި ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައި ހުރި ބިން ތަކެވެ.
މި ބިންތައް ކުއްޔަށް ހޯދުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކައުންސިލްގެ މިދައުރުގެ ބާކީއޮތް މުއްދަތާއިހަމައަށް ބިމުގެ މުއަމަލާތު ހިންގުން ކައުންސިލްތަކަށް މަނާ ވާތީ މިވަގުތު އެ ބިންތައް ކުއްޔަށް ދޫކުރެވެން ނެތްކަމަށް ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެއެވެ.
"ވުމާއިއެކު، 2025 ޖޫން 29 އިން މިމުއްދަތާއިހަމައަށް ވިޔަފާރީގެ އެކި ބޭނުންތަކަށް ބިން ހޯދުމަށް އެދި މިކައުންސިލްގައި އެދިފައިވާ ބާރަ ކުލީ ބިމުގެ މުއާމަލާތު ހިންގުމަށް ގާނޫނު މަހުދޫކޮށްފައިވާތީ، މިބިންތައް ކުއްޔަށް ދިނުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ކައުންސިލުން މަޑުޖައްސައިފީމެވެ." ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.
ގދ. ގައްދޫ ކައުންސިލުން ވަނީ މި ބިންތައް ކުއްޔަށް ދޫކުރުން ހުއްޓާލަން ޖެހޭތީ އެ ކަމުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ކިބައިން މާފަށް އެދިފަ އެވެ. އަދި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާއަކުން މި ބިމުގެ މުއާމަލާތުތައް ކުރިއަށް ގެންދެވޭނޭ ފަދަ އުސޫލެއް ކަނޑައަޅައިފިނަމަ އަލުން މި ބިންތައް ކުއްޔަށް ދޫކުރުމުގެ މަސައްކަތް ފަށާނޭކަމަށް ގައްދޫ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.
މިއީ ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ